ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީޑިންގ ނުނަގައި ބިލުތައް ބޮޑުކޮށްފައި ނުވާނެ، ދައުރުވަމުން ދަނީ ދޮގު ހަބަރެއް: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔާނެއް އާއްމުކޮށް ސްޓެލްކޯއިން ބުނީ، އެ ކުންފުނިން ރީޑިން ނެގުމަކާއި ނުލައި ކަރަންޓު ބިލުތައް ބޮޑުކޮށްފައިވާކަމަށް ރާއްޖޭގެ މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް ސްޓެލްކޯއިން ބުންޏެވެ.

”މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި“ މި ސުރުހީގެ ދަށުން ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށް ވާ ”ދިޔަރެސް“ ގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާއި ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން އެ ކުންފުންޏާއި މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއްކަމަށް ކުންފުނީގެ ބަޔާނުގައި ވެއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކަރަންޓު ބިލު ތައްޔާރު ކުރަނީ މީޓަރުގެ ރީޑިންގ ގެ މައްޗަށް ކަމަށެވެ. އަދި ބުނެފައި ވަނީ މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރައްކަމަށާއި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ އަދަދު ކަސްޓަމަރުންނަށް ވެސް ހިސާބު ކުރެވޭނެކަމަށެވެ. އެއާއި އެކު ސްޓެލްކޯގެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު ނުވަތަ ރީޑިންގ ފެންނަން ހުންނާނެކަމަށް ބަޔާނުގައި ވެއެވެ.

ކޮވިޑް-19 ގެ ލޮކްޑައުންގައި ރީޑިންގ ނެގުމަށް އަމަލު ކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް އިޔާދަކުރެވުނުކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑުގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް އަމަލުކުރި އުސޫލަށް މިހާރުވެސް ރީޑިންގ ނަގާކަމުންދާކަމަށް އެ ހަބަރުގައި އޮތުމަކީ ވެސް ކަމުގެ ހަގީގަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ ފިނިހޫނުމިން ފެބްރުއަރީން މޭއި މަހާއި ހަމައަށް މަތިވާކަން ތަފާސްހިސާބުތަކުން ފާހަގަކުރެވޭތީ، ކޮންމެ އަހަރަކު ވެސް ހޫނު މުސުމަށް އާއްމުން ހޭލުންތެރި ކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން، މި އަހަރު ވެސް ނޫސްވެރިންނާއި ބައްދަލުކޮށް އެ މައުލޫމާތުތައް ހިއްސާ ކުރެވުނުކަމަށް ސްޓެލްކޯއިން ބުންޏެވެ.

‎ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގެއެވެ. މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރަމެވެ. މިއަހަރުވެސް ހޫނު މޫސުމާ ގުޅިގެން، ޢާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ޚާއްސަކޮށްގެންވެސް މައުލޫމާތު ފޯރުކޮށްދީފައި ވާނެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށެވެ. އަދި ބުނީ ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް ކުންފުނިން މަރުހަބާ ކިޔާނެކަމަށާއި ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުން ބަލައިނުގަނެވޭނެކަމަށެވެ.

މާލޭ ސަރަހައްދުގެ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވެފައި ވަތީ ސްޓެލްކޯއިން މިދިޔަ މަހު ބުނެފައި ވަނީ މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައިކަމަށެވެ. މިއާއެކު، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން މިވަނީ ރެކޯޑް މިންވަރަކަށް މަތިވެފައިވާކަމަށް ސްޓެލްކޯއިން ބުނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: