އައިއީޑީއެއް ގޮއްވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގެ ތަހުގީގު ފުރިހަމަވެފައި ނުވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރީ 10 މީހެކެވެ. އޭގެ ތެރޭގައި ހަމަލާ ދޭން ރާވައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން އައިއީޑީ ގޮއްވާލުމުގައި ބައިވެރިވި މީހުން ހިމެނޭކަމަށް ފުލުހުން ބުނެ އެވެ.
ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ވެސް ބުނީ އެފަދަ އެއްވެސް އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިފައި ނެތްކަމަށެވެ. އެކަމަކު ފަހުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް 03 ފަހަރެއްގެ މަތީން ރާވާފައި ވެއެވެ.
އެހެންވެ މަޖިލީހުގެ 241 ކޮމިޓީން އެކި ބޭފުޅުންނާއި މުވައްސަސާތަކާއި ބައްދަލުކޮށް ރިޕޯޓެއް ތައްޔާރު ކުރުމުން ވެސް، އެއާއި އެއްގޮތަށް ސަރުކާރުން އަމަލު ނުކުރާތީ ރައީސް ނަޝީދު ވެސް އެ ވާހަކަ ދެއްކެވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު މައުލޫމާތު ދީ ފުލުހުންނާއި ޕީޖީ ގުޅިގެން ބޭއްވި ޕްރެސްގައި ހާމަވެފައިވާ ގޮތުން އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އެކިފަހަރު މަތީން މަސައްކަތްކޮށްފައި ވެއެވެ. އަދި ރައީސް ނަޝީދުގެ ތްރެޓް ލެވެލް މަތިވީ ނަމަވެސް، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމާއި، ލިބެމުން ދިޔަ އިންޒާރުތަކާއި އެކު ވެސް ސެކިއުރިޓީ ވަރުގަދަކޮށްފައި ނުވާކަން ވަނީ ހާމަވެފަ އެވެ.
ޓުވީޓެއް ކުރައްވައި މިއަދު އީވާ ވިދާޅުވީ އެމަނިކުފާނު މަރާލުމަށް ދިން ހަމަލާއަށް ދެ އަހަރުވެގެން ދިޔައީކަމަށެވެ. ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދާފައިނުވާއިރު، އެމަނިކުފާނަށް އިންސާފު ލިބިޔަ ނުދީ ހިފަހައްޓާފައިވާކަމަށް އީވާ ވިދާޅުވި އެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތްކަން ސާފުވާކަމަށް އީވާ ވިދާޅުވި އެވެ.
ރައީސް @MohamedNasheed މަރާލަން ދިން ބޮމުގެ ހަމަލާއަށް 2 އަހަރު. މި ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ނުހޯދި. ރައީސް ނަޝީދަށް އިންސާފު ލިބުނަނުދީ ހިފަހައްޓާލައިގެން ތިބީ. އެއީ ރ. @ibusolih ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފު.#justiceforpresidentnasheed pic.twitter.com/pUBmO0BqRs
— Eva Abdulla 🎈❓ (@evattey) May 6, 2023
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މީގެއިތުރުން ހަމަލާގައި އިސްކޮށް އުޅުނުކަމަށް ބުނާ ބައެއް މީހުންނަށް ޖަލުން މައާފު ލިބުނު ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އަދި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލާފައިވާތީ އެކަން މީޑިއާތަކުން ވެސް ފާހަގަކުރި އެވެ.
ސީރިއަސް ބޮޑެތި، ތުހުމަތުތަކެއް ކުރެވޭ މި މައްސަލައިގައި ހިނގި އޮޕަރޭޝަންތަކަށް ފަހު ހައްޔަރު ކުރި މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އަދި އެ މީހުންގެ ޝަރީއަތްތައް ކުރިޔަށް ދާއިރު މިހާތަނަށް މައްސަލައިގެ ހުކުމެއް އައީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަދި ކުށަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށެވެ. އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައި އޮތުމުގެ ސަބަބުން އޭނާގެ މައްޗަށް އައީ 13 އަހަރުގެ ހުކުމެކެވެ.

