ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން އެއް އަޑަކުން: “ބީއެމްއެލް ނޫން ގޮތެއް!”

ބީއެމްްއެލްގެ ސްޓާފް ނައިޓުގައި މުވައްޒަފަކަށް އެވޯޑް ދެނީ. ބީއެމްއެލްގެ އެކައުންޓަތަކުން ގޮތް ނޭނގޭ ގޮތަށް ފައިސާ ގެއްލޭކަމަށް ރައްޔިތުން ޝަކުވާ ކުރޭ.. ފޮޓޯ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލުއި ލޯނަކީ މިދުނިޔޭގައި ވެސް މިހާތަނަށް އެންމެ ބޮޑު އިންޓްރެސްޓްގައި ދޫކުރާ ލޯނެވެ.

ބީއެމްއެލްގެ ކަސްޓަމަރަކަށް ދިމާވި ހާދިސާއެއް މީސްމީޑިއާގައި ހިއްސާކޮށްފައިވަނީ ލުއި ލޯނާއި ގުޅޭގޮތުންނެވެ.

ބީއެމްއެލް އިން 90،000 ރުފިޔާގެ ލޯނެއް ނަގައި ގަވާއިދުން ދައްކަމުން ގޮސް 3 ވަނަ އަހަރު ނެގި ސްޓޭޓްމެންޓުން 215،860.54 ރުފިޔާ ދެއްކިފައިވާ ކަން ހާމަވެފައިވާ ކަމަށް ކަސްޓަމަރު ވަނީ ބުނެފައެވެ.

90 ހާހުގެ ލޯނަކުން ބޭންކުން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ކަސްޓަމަރު އަތުން ނަގާފައިވަނީ ނުހައްގުންނެވެ. މިއީ ކޮންފަދަ ބޭއިންސާފެއްތޯއެވެ.

ލޯނުގެ ރީޕޭމެންޓް ނުވަތަ ލޯނު އަދާކުރި އަދަދު 87،989.41 ރުފިޔާއަށް ތިން އަހަރުތެރޭގައި އެރި އިރު ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ވަނީ 127،876.13 ރުފިޔާ ދެއްކިފައެވެ.  އެހެންކަމުން ބާކީ ލޯނުގައި ނުދެއްކި މިހާރު ވަނީ 2،010.59 ރުފިޔާއެވެ. އެ ދެހާސް ރުފިޔާ ހޯދުމަށް އަނެއްކާވެސް ބީއެމްއެލް އިން އިންޓްރެސްޓް ބައިލައްކަ ރުފިޔާ ނުހޯދާނެ ބާއޭ ހިތަށް އަރައެވެ.

މިއީ ގަސްތުގައި އޮޅުވާލައި މަކަރު ހެދުމެވެ. ކަސްޓަމަރުން ލުއި ލޯނު ނަގަނީ ޒަރޫރީ ބޭނުންތައް ފުއްދާށެވެ. ލޯނު ނަގަނީ ލިބޭ އާމްދަނީ އަކުން ދެކޮޅު ނުޖެހި ނުވަތަ މާލީ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް ބީއެމްއެލް އިން ދެކޭ ގޮތުގައި ލޯނު ނަގަނީ މުއްސަނދި ކަމުންނެވެ. ފައިސާ ދެއްކޭނެ ގޮތެއް ހޯދަން މަޖުބޫރު މިލޯނު އަދާ ކުރާއިރު ލޯނު ނެގިވަރަށް ވުރެ ބޮޑު އިންޓްރެސްޓެއް ދައްކަން ޖެހުމަކީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ.

ގިނަ އާއްމު ރައްޔިތުންގެ އެކައުންޓް ހުޅުވާފައި ހުންނަނީ ބީއެމްއެލްގައެވެ. ލުއި ލޯނެއް ނެތް ދިވެއްސަކު މަދުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ލުއި ލޯނު ނަގަނީ ރަހުނަކާއި ނުލާ ބޮޑު އަދަދެއް އެއްފަހަރާ ލިބޭތީއެވެ. ނަމަވެސް އެއީ ކަރަށް މަހާލެވޭ ދާއިމީ ދަންމަޅި އެއް ކަން އެނގެނީ އެލޯނު އަނބުރާ ދައްކަން ޖެހުމާއި ލޯނުގެ އިންޓްރެސްޓް ބޮޑުވެގެން ލޯނު ނެގި އަދަދު ދައްކާ ހަލާސްވެ ނިމިގެން ދާއިރުވެސް ކުރީ މަހުގެ ބާކީ ނުވަތަ އިންޓްރެސްޓެ ބާކީ ނުދެއްކިގެން އެކައުންޓަށް ވަންނަހާ ފައިސާ އެއް ބޭންކުން ކަނޑަން ފެށުމުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ލޯނަށް އިންޓްރެސްޓް ނެގި ނަމަވެސް ބީއެމްއެލް އިން މި ނަގާ އިންޓްރެސްޓް ހާ ބޮޑު އިންޓްރެސްޓެއް ނުނަގާނެ ކަން ކަށަވަރެވެ.

ލުއި ލޯނުގެ ނަން ދިން ނަމަވެސް މިއީ ބުރަ އަދި ބަރު ލޯނެވެ. ލޯނުގެ ނަމުގައި ވެސް ވައްކަމާއި އޮޅުވާލުންތައް ގިނަކަން ބީއެމްއެލްގެ ކަސްޓަމަރުން ފާހަގަކުރެއެވެ.

ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކިއްޖެނަމަ ބީއެމްއެލް އިން ހޯދުނު ގޮތަކަށް އެފައިސާ ހޯދާކަމަށް ކަސްޓަމަރުން ވަނީ ބުނެފައެވެ. އެގޮތުން އެކެއްގެ ނަމުގައި ބީއެމްއެލްގައި ދެތިން އެކައުންޓް ހުޅުވާފައި އޮވެއްޖެނަމަ އެ ހުރިހާ އެކައުންޓަކުންވެސް ލޯނުގެ ރިޕޭމެންޓް ނުވަތަ އަނބުރާ ދައްކަން ޖެހޭ ބައި ކަނޑާލައެވެ.

ގިނަ މީހުންނަކީ ސްޓޭޓްމަންޓް ނަގައި އެ ބަލައި ހިސާބު ކުރާ މީހުން ނޫންކަމުން އެއީވެސް ބޭންކަށް ލިބިގެންދާ ވަރަށް ބޮޑު ފައިދާއެކެވެ. ބީއެމްއެލްއަށް ވާ ފައިދާ އަކީ ގިނަ ކަސްޓަމަރުންނަށް ލިބޭ ގެއްލުމެކެވެ. ބީއެމްއެލް ލުއި ލޯނުގެ ދަންތުރައިގައި ޖެހިފައިވާ އެތައް ބަޔަކު މިއަދު އެލޯން ނެގުމުން އެކަމާ ކަންބޮޑުވެއެވެ.

މީލާދީ ކޮންމެ މަހެއްގެ 7 ވަނަ ދުވަސް އަންނަންވާއިރަށް ލުއި ލޯނަށް ވާ ފައިސާ ނުދެއްްކިއްްޖެނަމަ ދެން އެކައުންޓުން ފައިސާ ހަމަވަންދެން ކަނޑާނެކަން އެނގި އެކަމާ ބިރުން ހަމަނިދި ނުނިދިވާ ކަސްޓަމަރުން އިންތިހާ އަށް ގިނައެވެ.

ބީއެމްއެލް އިން ދާދި ފަހުން ތައާރަފްކުރި ޓޫފެކްޓަރ އޮތެންޓިފިކޭޝަން ފިއޭޗާއާ އެކު، ކަސްޓަމަރުންގެ މޮބައިލް އެޕްއިން އޮޓޯ ލޮގްއައުޓް ވުމާއެކު ޕާސްވޯޑް ރީސެޓް ކުރުމަށް ކަސްޓަމަރުންނަށް ޖެހެއެވެ.

ބީއެމްއެލް މޮބައިލް އެޕްގެ ޕާސްވޯޑް ހަނދާން ނެތް ކަސްޓަމަރުންނަށް ދެން ހެދޭނެ އިތުރު ގޮތެއް ނެތްކަމަށާއި ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބީއެމްއެލްއަށް ގުޅުމުން އެކަމުގެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި އެކަމާއިގުޅޭ މައުލޫމާތު ހޯދުމަށް އައިޓީ ޑިޕާޓްމެންޓަށް މެއިލް ކުރުމަށް ބުނެ އިތުރު މައުލޫމާތު ޓްވިޓަރ ގައި ހިއްސާކޮށްފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ޓޫފެކްޓަރ ލޮގިންގެ މައްސަލަ އިއްޔެ ކަސްޓަމަރުންނަށް ކުރިމަތިވި ނަމަވެސް އެބޭންކުން އެވާހަކަ މިއަދު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާތީ ކަސްޓަމަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ކަސްޓަމަރުން ބުނި ގޮތުގައި އަންގާ ނުލާ ކުއްލިއަކަށް އެކައުންޓް ބްލޮކްކޮށް އެކައުންޓުން ލޮގްއައުޓް ކުރުވާ ހެދުމުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެއެވެ. އަދި އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ބުނެ ސުވާލު އުފައްދާފައިވެއެވެ. ބައެއްފަރާތްތަކުން ވަނީ އަނެއްކާ އެކައުންޓްތަކުން ފައިސާ ގެއްލޭ ވަގުތު އައިސް ކައިރިވެ އެކަމަށް ސަމާލުވެތިބުމަށް އަންގާކަމަށް ބުނެފައެވެ. އަނެއްބައި ކަސްޓަމަރުން ބުނި ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަށް މައްސަލަތައް ހައްލުކުރެވޭ ދުވަހެއް ދުވަހަކުވެސް ނާދެއެވެ.

ބީއެމްއެލް އިން 2 ފެކްޓަރ އޮތެންޓިފިކޭޝަން ލައިގެން އަދިވެސް މީހުން ވިޔަފާރީގެ މުއާމަލާތްތައް ވަނީ ހުއްޓިފައެވެ. އެކަމުގެ ސަބަބުން އަމިއްލަ ލާރިތަކަށް އެކްސެސް ނުވެވި ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ.

2 ފެކްޓަރ އޮތެންޓިފިކޭޝަން ތައާރަފްކުރީ އެކަމަށް ތައްޔާރުނުވެއެވެ. އެހެން މީހުން އެހެން ބޭންކްތަކުން އެކަން ކުރާތީ މަށަށްވެސް ވާނެއޭ ކިޔާ އަހަރެންގެ ބޭންކުން ވެސް އެކަން ކުރީއެވެ. އިނގޭ އެއްޗެއް ހަރާމެވެ.

2 ފެކްޓަރ ލާން އެނގެއެވެ. އަދި މޮބައިލް އެޕްގެ ޕާސްވޯޑް ހަނދާން ނެތިއްޖެނަމަ ޕާސްވޯޑް ރީސެޓް ކުރަން ސިސްޓަމުން އިންކޯޕަރޭޓް ކުރާކަށް ނޭނގެއެވެ. ބީއެމްއެލްގެ ހާލަކީ މިއީއެވެ.

މިވާހަކަ ވެސް ދެއްކުމުން ކުށްވެރިވާނީ މި ވާހަކަ ދައްކާ މީހާއެވެ. ބީއެމްއެލް އަށް ކުރެވޭ ކުށެއް އަދި ބީއެމްއެލްގެ އިހުމާލެއް މިއިން އެއްވެސް ކަމެއްގައި އަދި މިހާތަނަށް ހިނގާފައިހުރި އެއްވެސް ކަމެއްގައި ނެތެވެ.

ބޭންކުން މިހާ ޒިންމާދާރު ކުޑަކަމާއެކު ހިދުމަތްތައް ދެނީ ކޮން އުސޫލެއްގެ ދަށުން ބާއޭ ހިތަށް އަރައެވެ.

ބީއެމްއެލް ނޫން ގޮތެއް ހޯދުމަށް އެދި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށް ހެދި ނަމަވެސް އެ ބޭންކުން ކަހާތަން ހިރުވާވެސް ނުލައެވެ. އެބޭންކުން ދެނީ ވަރަށްވެސް ފުރިހަމަ ރައްދެކެވެ. އެކަމުގައި އެބޭންކަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި އެކަމުގައި އޮތް ހައްލަކީ ފުލުހަށް މައްސަލަ ހުށަހެޅުމެވެ. ފުލުހަށް މައްސަލަ ހުށަހެޅި ނަމަވެސް ވާ އެއްވެސް ކަމެއް ނޯވެއެވެ. ގެއްލިގެންދާ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ނޯވެއެވެ. ނުވިތާކަށް ފައިސާ ވަގަށް ނަގާ ފަރާތް ހޯދުމުގައި ބީއެމްއެލް އާއި ކަމާބެހޭ ފަރާތްތަައް ވަނީ ނުކުޅެދިފައެވެ.

ނަމުގައި ދިވެހިންގެ ބޭންކް، ޝިޔާރުން އަހަރެންގެ ބޭންކޭ ބުނެވޭނެ ޖާގަވެސް ނެތީ ސީއީއޯ އަކަށް އަަބަދުވެސް ގައުމުން ބޭރު މީހަކު އައްޔަން ކުރާތީއެވެ. ދިވެހިންގެ ބޭންކް ނަމަ ދިވެހިންނަށް އޯގާތެރިވެ ލުއި ފަސޭހަ ގޮތްތަކާއި އުފުލަން ނުކުޅަދާނަ ވާ ވަރަށް ތަކުލީފެއް ނުޖައްސާނެއެވެ. އަހަރެންގެ ބޭންކް ކަމަށްބުނެވެން ނެތީ ކަސްޓަމަރުންނަށް އަޅާނުލާ ވިޔަފާރީގެ ނަފާ ރައްޔިތުން ފެލައިގެން ހޯދުމަށްފަހު އަހަރީ ސާފު ފައިދާގެ ގޮތުގައި ބިލިއަން ރުފިޔާ ލިބޭ ކަމަށް ބުނެ މޮޅެތި ހަފްލާ ބާއްވާތީއެވެ.

ބީއެމްއެލް އުފެދި މިވީ 40 އަހަރު ތެރޭގައި ބަދަލުނުވީ ފައިސާ ގެއްލޭ މައްސަލައެވެ. އަނބުރާ ނުލިބުނީ ގެއްލިގެންދިޔަ ފައިސާ އެވެ. ހައްލުނުވީ އިންޓަރނެޓް ބޭންކިންގ އާއި ގުޅުން ހުރި މައްސަލަ ތަކެވެ. މޮބައިލް އެޕް ކޮންމެ މަހެއްގެ ފުރަތަމަ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ލޯޑުނުވެ ޓްރާންސްފާ ނުކުރެވި ވާ ކަމީ ލިބުނު ކުރިއެރުމެކެވެ. އޭޓީއެމްތަކުގައި ފައިސާ ނެތި މައްސަލަ ޖެހި އޭޓީއެމް އިން ފައިސާ ނުނެގި މުޅި މާލޭގައި ކިއުގައި ޖެހިގެން ފައިސާ ނަގަން ޖެހުމުން ހިދުމަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެގެން ދިޔައީކަމަށް ގިނަ ކަސްޓަމަރުން ގަބޫލުކުރެއެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ތަކުން ޑޮލަރު ނެގޭ މިންވަރު ލިމިޓްކޮށް އަދި ބައު ޑޮލަރު ލިބޭނެ އިންތިޒާމް ފަހިވެފައި ހުރުމަކީ ވެސް 40 އަހަރުގެ ބޮޑު ކާމިޔާބީއެއް ކަމަށް ދެކެވެއެވެ. އަދި އެ އޭޓީއެމް ހުރިތަނުން ބަދަލުކުރީ ޑޮލަރުގެ ވަގު ވިޔަފާރި އިތުރަށް ފުޅާކުރަން ކަމަށް ވެސް ހީވާ ފަހަރު މަދުން ނަމަވެސް އާދެއެވެ.

އައި ކުރިއެރުމަކީ ހިދުމަތުގެ އަގުތައް އަތްނުފޯރާ ދަރަޖައަށް މައްޗަށް ދިއުމެވެ.

ލޯނުތައް އެކި ނަންނަމުގައި ނިކަމެތި ރައްޔިތުންގެ ބޮލުގައި އަޅުވައި އެ ލޯނު އަދާކުރަންޖެހުމުން ހިތުހުރި ރޭޓެއްގައި އިންޓްރެސްޓް ނަގަމުންދާއިރު މިކަން ހުއްޓުވޭނެ ބައެއް ނެތެވެ. ފައިސާ ގެއްލޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ހޫނު ބަހުސް ތަކެއް ކުރެވި ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ހާޒިރު ކުރެވި ދެންމެ ދެންމެ އިންސާފު ލިބެން ދިޔަހެން ހީވިނަމެވެސް އެވީ ހުވަފެނަކަށެވެ. ހިޔާލީ ފޮލައަށެވެ. ބީއެމްއެލް ރަސްކަންކުރަމުންދަނީ ގާނޫނު އަސާސީ އާއި ރައްޔިތުންނާއި ރައީސްގެ ވެސް މަތިންނެވެ. އެހެންކަމުން ބީއެމްއެލްގެ މީހެއްގެ މައްސަލައެއް ނުބެލޭތަނުގައި އެބޭންކުން ކަސްޓަމަރެއްގެ ހައްގު ގެއްލިގެން އިންސާފު ހޯދަން ދާނެ ކޯޓެއް މިރާއްޖެއަކު ނެތެވެ.

މިއަދު ދިވެހިން އެއް އަޑަކުން ގޮވަމުންދަނީ ބީއެމްއެލް ނޫން ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 31%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: