ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ފައިސާ ގެއްލެނީ ބީއެމްއެލްއިން. މިވާ ގޮތެއް ބަލަންޖެހޭ: މެމްބަރު ނަޝީދު

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ އެންމެ ގިނަ އެކައުންޓްތައް ހުޅުވާފައި ހުރީ ބީއެމްއެލްގައި ކަމަށް  ހަމައެކަނި ބީއެމްއެލް އިން ފައިސާ ގެއްލެން ދިމާވާ މައްސަލަ ބަލަންޖެހޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން ފައިސާ ގެއްލޭ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި އެމައްސަލަ އަށް ބަހުސް ކުރައްވަމުން މެމްބަރު ނަޝީދު ވިދާޅުވީ ފައިސާ ގެއްލޭ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި 8 ވަރަކަށް ބޭންކް ހަރަކާތްތެރިވަމުންދާއިރުގައި ހަމަ އެކަނި ބީއެމްއެލް އިން ފައިސާ ގެއްލޭ މައްސަލަ ދިމާވަނީ ކިހިނެއް ވެގެންތޯ ބަލަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިންގެ ބޭންކްގެ ނަމުން ނަން ދީގެން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ފައިދާ ނަގަމުންދާ ބޭންކަކުން ހަމައެކަނި ދިވެހި ބޭންކުން ފައިސާ ގެއްލެމުން ދާއިރު ބާކީ ދެން ހުރި ބޭންކް ތަކުން އެ މައްސަލަ ދިމާ ނުވާ ކަމަށެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ބޭންކްތަކުންވެސް ލިންކް ފޮނުވައިގެން ވިޔަސް ނޫނީ ސްކޭމް ކޯލެއް ކޮށްގެން ވިޔަސް އެކަން ނުކުރަނީ ކީއްވެގެންތޯ ވިދާޅުވެ  ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ.

ދިވެހހިރާއްޖޭގައި ދިވެހިންގެ ބޭންކްގެ ނަމުގައި ބޮޑެތި އިޝްތިހާރުތައް ކޮށް އެތައް ބިލިއަން ރުފިޔާ އަކުން ފައިދާ ހޯދައިގެން ބޭންކް އޮފް މޯލްޑިވްސް ހިންގަމުންދާއިރު އެތަނުގައި ހިނގަނީ މާ މަތީ ގާނޫނެއް ހެން ބައެއް ފަހަރު ހީވާ ހެން މެމްބަރު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެތަކެއް ފަހަރަކު ދެރަ ނިކަމެތިންގެ ހައްގުތައް ފެލައިލާތަން ފެނިގެންދާ ކަމަށާއި އެކަންތައްތައް ހައްލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ބީއެމްއެލް އިން ފައިސާ ގެއްލޭ މައްސަލަ ބަލަން ބީއެމްއެލްގެ އިސް ބޭފުޅުން މަޖިލިސް އަށް ހާޒިރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން އެ ބޭންކްގައި ފައިސާ ގެއްލޭ ފަދަ އަމަލެއް ނުހިނގާ ކަމަށް ބުނުމަށްފަހު އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަަށް ނޫސްބަޔާނެއް ނެރޭ ކަމަށް މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ދާދިފަހުން ބީއެމްއެލްގެ ދެ މުަވައްޒަފަކު ސަސްޕެންޑް ކުރެވިފައިވާކަން މުހައްމަދު ނަޝީދުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކަމެއް ނުހިނގާ ނަމަ އެކަމާ ގުޅިގެން މީހަކު ސަސްޕެންޑް ކުރަން ނުޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބައެއް ނޫސްތަކުގައި ބީއެމްއެލް އާއި ބެހޭ ގޮތުން އާޓިކަލް ލިޔެގެން އެކި ގޮތްގޮތުން ބޭންކުން އެ އާރޓިކަލް ނެގުމަށް ޕްރެޝަރ ކުރަމުންދާ ކަމަށެވެ.

އެހެންވެއްޖިއްޔާ މީގައި ކޮންމެވެސް ކަންތައްތަކެއް ހިނގައޭ. ރައްޔިތުންނަށް ކޮންކަމެއް އޮޅުވާލައިގެން ކޮންކަމެއް ސިއްރުކުރަންތޯއޭ މިއުޅެނީ ބީއެމްއެލްއިން. އެކަންތައްތައް އެގޮތަށް ސިއްރު ނުކޮށް ހަގީގަތް ހާމަކުރަން ވީ ނޫންތޯއޭ؟

ނަޝީދު ވިދާޅުވީ އަބަދުުވެސް ދިވެހިންގެ ބޭންކް އޭ ބުނަމުންދާ ކަމަށާއި ބީއެމްއެލް އަކީ ސަރުކާރު ހިއްސާވާ ބޭންކެއް ކަމަށެވެ.

އަބަދުވެސް ހުރިހާ ގެއްލުމެއް ލިބެމުންދަނީ އާއްމު ދިވެހި ރައްޔިތުންނަށް ކަމަށް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ނިކަމެތި މީހާ އަށް ގެއްލުން ލިބެމުންދަނީ. ނިކަމެތި މީހާ ލޯނު ނުދެއްކީމަވެސް ބީއެމްއެލް އިން އެމީހާ ގޮވައިގެން ކޯޓަށް ވެސް ދެވޭ، އެކަމު ރިސޯޓް އޯނަރު ގޮވައިގެން ކޯޓަށް ދާންވީމަ ވިހި ތިރީސް މަސް ސާޅީސް މަސް، ދެއަހަރު ތިން އަހަރު ވެގެންދޭ. އެކަމު އާދައިގެ މީހާ ހަމަސްދުވަސް ވާއިރު ލޯނެއް ނުދައްކާ އޮވެއްޖެއްޔާ ކޯޓަށް ގޮސް އޭނާގެ މުދަލާއި ހުރިހާ އެއްޗެއް ވިއްކައިގެން ވެސް އޭއްޗެއް ހޯދަން  މަސައްކަތް ކުރާތަން އެބަފެނޭ.

ނަޝީދު ވިދާޅުވީ މިލިއަނުން ބިލިއަނުން ބީއެމްއެލް އިން ޑޮލަރު ނަގައިގެން ތިބޭ މީހުން ކޯޓަށް ދާތަން ނުފެންނަ ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުވާނެ ގޮތެއް މަޖިލިސް ތެރެއިން ހޯދައިދީ އެކަމަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: