ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ކަސްޓަމަރުންގެ އަޑު އަހާނީ ކޮންއިރަކުން !

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ދުވަސްވީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ ޝަކުވާތަކަށް އިޖާބަ ނުދޭ ވާހަކަ އަކީ ދައްކާ ކޮޅުން ނުލާނެ ވާހަކައެކެވެ.

ދާދި ފަހުން ބީއެމްއެލް އިން ތައާރަފްކުރި ޓޫފެކްޓަރ އޮތެންޓިފިކޭޝަނާއި އެކު ގިނަ ކަސްޓަމަރުންނަށް މިވަނީ ފައިސާގެ އެކި މުއާމަލާތް ކުރުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

ޓޫފެކްޓަރ އޮތެންޓިފިކޭޝަނަށް ގެނެވުނު ބަދަލާއި އެކު ބީއެމްއެލްގެ މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިންގ ގެ ހިދުމަތަށް ލޮގިން ވުމަށް އުނދަގޫ ތަކެއް ކުރިމަތިލާން ޖެހިފައިވެއެވެ. މޮބައިލް އެޕަށް އަލުން ލޮގިން ވާން އުޅެ އެކަން ނުވުމުން، ބީއެމްއެލް އިން އިރުޝާދު ދެނީ އެޕް އަންއިންސްޓޯލް ކުރުމަށް ފަހު އަލުން އިންސްޓޯލް ކުރުމަށެވެ. އެގޮތަށް ހަދައިގެން ވެސް ލޮގިން ވުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ބައެއް ކަސްޓަމަރުން ދަނީ ބުނަމުންނެވެ.

ބީއެމްއެލް އިން ދާދި ފަހުން ތައާރަފްކުރި ޓޫފެކްޓަރ އޮތެންޓިފިކޭޝަން ފިއޭޗާއާ އެކު، ކަސްޓަމަރުންގެ މޮބައިލް އެޕްއިން އޮޓޯ ލޮގްއައުޓް ވުމާއެކު ޕާސްވޯޑް ރީސެޓް ކުރުމަށް ކަސްޓަމަރުންނަށް ޖެހެއެވެ.

ބީއެމްއެލް މޮބައިލް އެޕްގެ ޕާސްވޯޑް ހަނދާން ނެތް ކަސްޓަމަރުންނަށް ދެން ހެދޭނެ އިތުރު ގޮތެއް ނެތްކަމަށާއި ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބީއެމްއެލްއަށް ގުޅުމުން އެކަމުގެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި އެކަމާއިގުޅޭ މައުލޫމާތު ހޯދުމަށް އައިޓީ ޑިޕާޓްމެންޓަށް މެއިލް ކުރުމަށް ބުނެ އިތުރު މައުލޫމާތު ޓްވިޓަރ ގައި ހިއްސާކޮށްފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ޓޫފެކްޓަރ ލޮގިންގެ މައްސަލަ  ކަސްޓަމަރުންނަށް ކުރިމަތިވި ދުވަހު އެވާހަކަ ނުދައްކާ އޭގެ އެއްދުވަސް ފަހުން ސޯޝަލް މީޑިއާގައި  އެވާހަކަ ހާމަކޮށްފައިވާތީ ކަސްޓަމަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ކަސްޓަމަރުން ބުނި ގޮތުގައި އަންގާ ނުލާ ކުއްލިއަކަށް އެކައުންޓް ބްލޮކްކޮށް އެކައުންޓުން ލޮގްއައުޓް ކުރުވާ ހެދުމުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެއެވެ. އަދި އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ބުނެ ސުވާލު އުފައްދާފައިވެއެވެ. ބައެއްފަރާތްތަކުން ވަނީ އަނެއްކާ އެކައުންޓްތަކުން ފައިސާ ގެއްލޭ ވަގުތު އައިސް ކައިރިވެ އެކަމަށް ސަމާލުވެތިބުމަށް އަންގާކަމަށް ބުނެފައެވެ. އަނެއްބައި ކަސްޓަމަރުން ބުނި ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަށް މައްސަލަތައް ހައްލުކުރެވޭ ދުވަހެއް ދުވަހަކުވެސް ނާދެއެވެ.

ބީއެމްްއެލް އިން އެކި ނަންނަމުގައި ޕްރޮމޯޝަން ތަކާއި އެކި އޮފަރ ތައް ކަސްޓަމަރުންނަށް ދެމުންދާއިރު އެ ބޭންކުން އިހުމާލުވާ ކަމަށް އެތައް ކަސްޓަމަރުންނާއި ދިވެހި ރައްޔިތުން އެކީ އެއްއަޑަކުން ދަނީ ގޮވަމުންނެވެ.

އެގޮތުން ބޭންކުން ފައިސާ ގެއްލޭ މައްސަލަ އަކީ މިހާތަނަށް ހައްލުވެފައިނެތް މައްސަލައެކެވެ. ހައްލު ނުވި ތަނުގައި އެމައްސަލަ ތަކަށް ބޭންކުން މިހާތަނަށް އެޓެންޑް ވެފައިވެސް ނެތް ކަމަށް ގިނަ ކަސްޓަމަރުން ދަނީ ފާހަގަ ކުރަމުންނެވެ.

ބައެއް ކަސްޓަމަރުން ބުނާ ގޮތުގައި ޓޫފެކްޓަރ އޮތެންޓިފިކޭޝަނާއި އެކު ފައިސާ ގެއްލޭ މައްސަލަ އަނެއްކާވެސް ފެންމަތިވެގެން ހިނގައިދާނެއެވެ.

ބީއެމްއެލްގެ މޮބައިލް އެޕަށް ލޮގިން ވުމަށް އެތަކެއް ވަގުތެއް މިހާރު ހޭދަކުރަންޖެހެއެވެ. އާއްމު ގޮތެއްގައި ގިނަ ދިވެހިންނާއި ގިނަ ވިޔަފާރިވެރިންގެ އެކައުންޓްތައް ހުޅުވާފައި ހުންނަނީ ބޭންކް އޮފް މޯލްޑިވްސްގައެވެ. އެހެން ކަމުން އޮންލައިން ކޮށް އޯޑަރ ކުރާއިރު ޕޭ ކުރަން ޖެހެނީ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

މީގެ އިތުރުން ފިހާރަތަކަށް ޓްރާންސްފަރ ކުރުމާއި އެހެނިހެން ސަރުކާރުގެ ގިނަ ހިދުމަތްތަކުގައި ބީއެމްއެލްގެ އެކައުންޓްތައް ބޭނުން ކުރަން ޖެހުމުން ބީއެމްއެލްއާ ނުލާ އުޅުން ވަނީ ދަތި ކަމަކަށް ވެފައެވެ.

ހިދުމަތަށް 40 އަހަރު ފުރި އެކަމުގެ އުފާ ފާޅުކުރަމުންދާ އިރުގައި، ފައިސާ ގެއްލުނު ރައްޔިތުން ތިބީ ނިކަމެތިކަން މަތީ ހިތްދަތިވެ ރޯލަރޯލައެވެ. އެމީހުން އިންސާފު ހޯދުމަށް ދާނެ ކޯޓެއް ނެތި އިންސާފު ގާއިމް ކުރުމަށް އުފެދިފައިހުރި ހުރިހާ މުއައްސަސާތަކުގެ ދޮރުމަތީގައި ސަލާން ޖަހާލަ ޖަހާލާ ތިބެން ޖެހެނީ މަދު ފަހަރަކު ނޫނެވެ.

ބީއެމްއެލްގެ ހައިބަތު ގައުމަށް ވުރެ ބޮޑުވީމަ ވާނީ ވެސް އެހެން ނެވެ. ބީއެމްއެލްގެ އިސްވެރިންގެ މުސާރަ ހޯދުމަށް އާއްމު ފަރާތަކުން އެދުމުން އެ ބޭންކުން ދިން ޖަވާބަކީ ވިޔަފާރި އަށް ބުރުލެއް އަރާފާނެތީ އާއި އެއީ ޒާތީ މައުލޫމާތު ކަމުން ހާމަ ކުރެވެން ނެތް ކަމަށެވެ.

އެކައުންޓް ތަކުގެ މައުލޫމާތު ވަރަށް ތަފްސީލާއި އެކު ވަގުން ނުވަތަ އެކައުންޓުން ފައިސާ ފޭރޭ މީހުންނަށް ލިބި އަދި އެ ފައިސާ ހިތުހުރި ގޮތަކަށް އެމީހުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފަރ ކޮށް ހުސްކޮށްލަނީ ބޭންކަށް ނޭނގިއެވެ. އަދި އެކަން ފާހަގަ ވެގެން މައްސަލަ ހުށަހެޅުމުން އެކަމުގައި ކޮށްދެވޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ހިތާމަ އަކީ އެފަދަ ކިތަންމެ ގިނަ ކޭސްތައް ހުރި ނަމަވެސް އެކަން ބީއެމްއެލް އަށް ބޮޑު ކަމަކަަށް ނުވުމެވެ. އާއްމު ގޮތެއްގައި އަބަދުވެސް ދޭ ޖަވާބު ދީގެން ކަމުން ރެކެން މަސައްކަތް ކުރާކަމީ ބީއެމްއެލްގެ ފަރާތުން އެ ބޭންކްގެ ކަސްޓަމަރުންނަށް އިހާނެތިކޮށް ހިތައި ބޮޑުތަނުން އިހުމާލު ވަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ.

އެންމެންގެ ބޭންކް އަދި ރައްޔިތުންގެ ބޭންކު ކަމަށް ބުނެވޭނެ ޖާގައެއް ނެތުމަކީ އެޕް އަށް ނުވަދެވި ޕާސްވޯޑް ރީސެޓް ނުވެ އަދި  ބީއެމްއެލް މޮބައިލް އެޕްލިކޭޝަން ލޯޑު ނުވުން ކަމަށް ވެސް ބައެއް ކަސްޓަމަރުން ދަނީ ބުނަމުންނެވެ. އަދި ބޭންކަށް ގުޅުުމުން ފޯނު ނުނެގުމާއި ފޯން އެންގޭޖްވެފައި ހުންނަ ކަމުގެ ޝަކުވާ އަކީ އަބަދުވެސް ކުރާ ޝަކުވާއެކެވެ. ނަމަވެސް ބީއެމްއެލްގެ ކަސްޓަމަރ ކެއަރ އިން ފޯނަށް ޖަވާބު ނުދީ ފޯން އެންގޭޖް ވެފައި ހުންނަ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ.

ބީއެމްއެލްގެ ސަބަބުން މީގެ ކުރިން އެކައުންޓްތަކުން ފައިސާ ގެއްލުމާއި އޮޓޯ އިން ފައިސާ އެކި އެކައުންޓަށް ޓްރާންސްފަރ ވުމާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ އެކި މުއާމަލާތްތައް ގޮތް ނޭނގޭ ނަންނަމުގައި ވެރިފަރާތަށް ނޭނގި ޖަމާވެފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ބީއެމްއެލް އިން ގެއްލޭ ފައިސާ އަނބުރާ ދެވެން ނޯންނަ ކަމަށް ބުނެ އެފައިސާގެ ޒިންމާ އެބޭންކުން ނުނަގައި ފުލުހާއި ބެންކާއި ދެމެދު ނިކަމެތި ރައްޔިތު މީހާ ގަނަތަޅުވަން ވަނީ މަޖުބޫރުކޮށްފައެވެ.

ބީއެމްއެލް ލުއި ކަމަށް ބުނާ ލޯން ބަރުކަމުން އުފުއްލަން އުނދަގޫވެ އެލޯނު އަދާކުރުމުގައި އިންޓްރެސްޓް ރޭޓް އަތްނުފޯރާހާ މަތީގައި ވުމުން އެއީ ކަރަށް މަހާލެވޭ ދަންމަޅި އެއް ކަމަށް އެލޯނު ނެގި އަދި އެކަމަށް ވިސްނާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބީއެމްއެލްގެ ލުއި ލޯނާއި ގުޅޭ އެތަކެއް މައްސަލަތަކެއް ފެންމަތިވެ ކަސްޓަމަރުން ދަނީ އެ މައްސަލަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެގޮތުން ބައެއް ކަސްޓަމަރުން އަތުން ލޯނަށް ނެގި އަދަދަށް ވުރެ ބޮޑު އަދަދެއް އިންޓްރެސްޓަށް ދައްކަން ޖެހުނެެވެ. އަދި ލޯނު ދައްކާ ނިމެން ދަނިކޮށްވެސް އިންޓްރެސްޓް ނުދައްކާ ކަމަށް ބުނެ ނުވަތަ އިންޓްރެސްޓްގެ ބާކީ ބައި ދައްކަން ޖެހޭ ކަމަށް ބުނެ އިތުރަށް ފައިސާ ނަގާފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. މިފަދަ ޝަކުވާތަކަށް ދޭނެ ޖަވާބެއް ބީއެމްއެލް އަށް ނޭނގޭ އިރު މިފަދަ ވާހަކަ ތައް ދައްކާ މީހުންދެކެ ބީއެމްއެލް އިން ރުޅި އާދެއެވެ.

ލުއި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކިއްޖެނަމަ ބީއެމްއެލް އިން ހޯދުނު ގޮތަކަށް އެފައިސާ ހޯދާކަމަށް ކަސްޓަމަރުން ވަނީ ބުނެފައެވެ. އެގޮތުން އެކެއްގެ ނަމުގައި ބީއެމްއެލްގައި ދެތިން އެކައުންޓް ހުޅުވާފައި އޮވެއްޖެނަމަ އެ ހުރިހާ އެކައުންޓަކުންވެސް ލޯނުގެ ރިޕޭމެންޓް ނުވަތަ އަނބުރާ ދައްކަން ޖެހޭ ބައި ކަނޑާލައެވެ. ލޯނު އަނބުރާ ދެއްކުމަށް އުސޫލު ތަކެއް ކަނޑައެޅިފައިވާއިރު ބީއެމްއެލް އިން އެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރޭބާއޭ ހިތަށް އަރައެވެ.

ލުއި ލޯނު ނެގޭ މިންވަރު މިލިއަނަކަށް ބޮޑު ކުރަނީ ވެސް އެލޯނުގެ އިންޓްރެސްޓް ބިލިއަނަކަށް އަރުވާލުމުގެ މަގްސަދުގައި ކަމާ މެދު ޝައްކު އުފެދެއެވެ.

ގިނަ މީހުންނަކީ ސްޓޭޓްމަންޓް ނަގައި އެ ބަލައި ހިސާބު ކުރާ މީހުން ނޫންކަމުން އެއީވެސް ބޭންކަށް ލިބިގެންދާ ވަރަށް ބޮޑު ފައިދާއެކެވެ. ބީއެމްއެލްއަށް ވާ ފައިދާ އަކީ ގިނަ ކަސްޓަމަރުންނަށް ލިބޭ ގެއްލުމެކެވެ. ބީއެމްއެލް ލުއި ލޯނުގެ ދަންތުރައިގައި ޖެހިފައިވާ އެތައް ބަޔަކު މިއަދު އެލޯން ނެގުމުން އެކަމާ ކަންބޮޑުވެއެވެ.

މީލާދީ ކޮންމެ މަހެއްގެ 7 ވަނަ ދުވަސް އަންނަންވާއިރަށް ލުއި ލޯނަށް ވާ ފައިސާ ނުދެއްްކިއްްޖެނަމަ ދެން އެކައުންޓުން ފައިސާ ހަމަވަންދެން ކަނޑާނެކަން އެނގި އެކަމާ ބިރުން ހަމަނިދި ނުނިދިވާ ކަސްޓަމަރުން އިންތިހާ އަށް ގިނައެވެ.

ފައިސާ ގެއްލޭ މައްސަަލަ ހައްލުކުރާނެ ކަމަށް ބުނެ މިހާތަނަށް ގެނެވުނު ބަދަލުތަކުން ހުރިހާ ތަކުލީފަކާއި ގެއްލުމެއް އުފުލަން މިޖެހެނީ ބީއެމްއެލްގެ ކަސްޓަމަރުން އަދި އާއްމު ނިކަމެތި ރައްޔިތުންނެވެ.

ފައިސާ ގެއްލުމުން ބީއެމްއެލް އިން ބުނަނީ ލިންކް ތަކަށް ނުފިތުމަށެވެ. ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާ އިން އަންނަ  ލިންކްތަކަށް ނުފިތާ ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކޮށް އޯޓީޕީ އާއި ބެހޭ މައުލޫމާތު އެއްވެސް ބަޔަކާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އިލްތިމާސް ކުރެއެވެ. ނަމަވެސް ބީއެމްއެލް އަށް ނޫނީ ނޭނގޭނެ ބައެއް ސެންސިޓިވް މައުލޫމާތު ހެކަރުންނަށް އެނގިގެން ދިއުމުން އެކަމުގައި ބޭންކްގެ އިހުމާލެއް އޮތްތޯ ނުވަތަ ނޫންތޯ ބުނެ ގިނަ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ބޭންކުން ބުނަނީ އެބޭންކުން އެކައުންޓްގެ ވެރިފަރާތުގެ މައުލޫމާތު ހޯދުމަށް ނުގުޅާނެ ކަމަށް ބުނެއެވެ. ނަމަވެސް ބީއެމްއެލްގެ ނަމުގައި މަކަރުން އޮޅުވާލައިގެން އެތަކެއް ސްކޭމް ކޯލްތަކާއި މެސެޖްތައް ކަސްޓަމަރުންނަށް ލިބެމުންދާ ވާހަކަ އަބަދުވެސް އަޑުއިވެމުން ދެއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލަކީ އެ ބޭންކުން ކަސްޓަމަރުންގެ އަޑު އަހާނީ  ކަސްޓަމަރުންނަށް އަޅާލާނީ ކޮންދުވަހަކުން ބާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: