ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހުން ފޯރުކޮށްދެއްވާ ޚިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުން: ފަޒްނާ

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޑިނަރ ނައިޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނަރުހުން ފޯރުކޮށްދެއްވާ ޚިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިޚްތިޔާރު ކުރުމާއިއެކު ކަންކަން ނިންމުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޑިނަރނައިޓްގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ނަރުހުންނަކީ ބަލިމީހާގެ އެނދުކައިރީގައި 24 ގަޑިއިރު ތިބޭ އެންމެ ގާތް އެކުވެރިން ކަމަށާ އަދި ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ ، އޯގާތެރިކަމުން ފުރިގެންވާ ބައެއްކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނަރުހެއްގެ ފަރާތުން ލިބިވަޑައިގެންނެވި ޚިދުމަތާގުޅޭ ގޮތުން އެކަމަނާގެ ވަރަށް ކުރީގެ ހަނދާންތަކަކާއި އަދި ކޯވިޑް ފެސިލިޓީގައި ޚިދުމަތްކުރެއްވި ދުވަސްތަކާއި، ބައިވެރިވެވަޑައިގެންނެވި ބައެއް ބައްދަލުވުންތަކުގައި ބަލިމީހުންނާއި ގުޅޭގޮތުން އެކަމަނާ ކުރެއްވި ބައެއް ތަޖުރިބާތައް ވެސް ޙިއްޞާ ކުރެއްވިއެވެ. މިކަންކަން ޙިއްޞާކުރައްވަމުން ފަޒްނާ ވަނީ ޞިއްޙީ ނުރައްކާ ކުރިމަތިވާހިނދު އެކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ނަރުހުންގެ ކިބައިގައި ހުންނަކަން ފާހަގަކުރައްވާފައެވެ.

ނަރުހުންގެ ހިދުމަތް ސިފަކުރި ގޮތާއިމެދު އެއްބަސްނުވާ އެތައް ބައެއް ތިބެދާނެކަން އަޅުގަނޑަށް އެނގޭ. އެންމެ ނަރުހެއްގެ ފަރާތުން އިހާނެތިކަމެއް ނުވަތަ ނޭދެވޭކަމެއް ތަޖުރިބާކުރެވިފައި ހުރި މީހަކަށް ހުރިހާ ނަރުހުންވެސް ފެންނާނީ އަޅާނުލާ ބައެއްގެ ގޮތުގައިކަމަށްވުން އެކަށީގެންވޭ. އެހެން ނަމަވެސް މިރޭ އަޅުގަނޑު ބޭނުންވީ ނަރުހުންނަކީ އޯގާތެރިކަމާއި އަޅާލުމުގެ މައްޗަށް ބިންވަޅު ނެގިފައިވާ ޝައުގުވެރިކަމެއް އަށަގަނެ ތިބި ހިދުމަތްތެރިތަކެއްކަން ހިތައް ވައްދައިދޭން.

މީގެ އިތުރުން އެކަމަނާ ވަނީ ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، އެމީހުންނަކީ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިންހަމަޖެހުން ލިބިގަންނަ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންވެސް އަދި ނަރުސްކަން ދަސްކުރާ ދަރިވަރުންވެސް އެފަދަ ބަޔަކަށްވުމަށް އެދިވަޑައިގަންނަވާފައެވެ.

މިރޭ ބޭއްވި ޑިނަރ ނައިޓްގައި، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި ލެކްޗަރަރުންގެ ގޮތުގައި ދިގު މުއްދަތައް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް “ލޯންގ ސަރވިސް އެވޯޑް” ހަވާލުކޮށްދެއްވީ ފަޒްނާއެވެ. މި ޑިނަރ ނައިޓްގައި ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި އުނގެނެމުންދާ ދަރިވަރުންނާއި ލެކްޗަރަރުންނާ އަދި ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: