އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާގެ ދަށުން އުފައްދަވާ ”ދަ ޑިމޮކްރެޓްސް“ ހިންގުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހޯދުމުގެ ގޮތުން، ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމުތައް ހުށައެޅުއްވީ ޖޫން 1 ވަނަ ދުވަހުއެވެ. އެއީ 3،560 ފޯމެވެ. ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމަށްފަހު، ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ މިއީ މެންބަރޝިޕް ޑްރައިވްއެއް ނުޖައްސާ، މާ ބޮޑު މަސައްކަތްތަކެއް ނުކޮށް ހަމަކުރި ފޯމްތަކެއްކަމަށެވެ. އަދި އިތުރަށް ވިދާޅުވީ މި ފޯމުތަކުގެ ޕްރޮސެސިންގެ މަސައްކަތްތައް އަވަހަށް ކުރިއަށް ގެންގޮސްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނެކަމަށެވެ.
އެއަށްފަހު އެއާއި ގުޅޭ އިތުރު ވާހަކައެއް ނުދެކެވި އޮތުމަށްފަހު، ފެނިގެންދިޔައީ ދަ ޑިމޮކްރަޓްސްއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި މަންޒަރެވެ. އެގޮތުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި މެންބަރުންގެ ލިސްޓު ލީކްވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިންކަމަށާއި، އެ ލިސްޓުގައިވާ މީހުންނާއި ބެހޭ އިތުރު މައުލޫމާތުތައްވެސް ސަރުކާރަށް ދީފައިވާކަމުގެ ތުހުމަތުވެސް ކުރެއްވިއެވެ.
މިހާރު މި މައްސަލަ މަޖިލީހަށްވެސް ހުށަހެޅިއިރު، މައްސަލައިގައި ބުނެފައިވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް 1 ޖޫން 2023 ގައި އީސީއަށް ހުށަހެޅި ފޯމްތަކުގައި ހުރި މައުލޫމާތު ވަނީ ސަރުކާރުން ވަގަށް ހޯދައި، އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީސް މީހުންނަށް ގުޅައި ބިރުދައްކަން ފަށާފައިކަމަށް ހަސަން ލަތީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. އަދި ސަރުކާރުން އެކަން ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުންދާކަމަށް ސިފަކޮށް ބުނެފައިވަނީ، ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަޑައިގަންނަވަނީ އެ އަމަލު ހިންގަމުންކަމަށްވެސް ބުނެފައިވެއެވެ. އަދި އެއީ މުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
އެގޮތުން ގުޅުއްވާ ފަރާތްތަކުގެ އަރިހުން ސާފުކުރަމުން ގެންދަނީ، ގޯއްޗަށް ނުވަތަ ފްލެޓަށް އެދު ފޯމު ހުށަހަޅާފައިވޭތޯ ނުވަތަ ދަރިފުޅު ސްޑޫޑެންޓު ލޯނަށް ހުށައަޅާފައިވޭތޯފަދަ ކަންކަންކަމަށް މައްސަލައިގައި ބުނެފައިވެއެވެ، ސަރުކާރުން ގުޅުއްވާ ބޭފުޅުން ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައިވާ ބޭފުޅުންނަށް އަންގަމުންދަނީ ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި ބަހައްޓަން ބޭނުންވާނަމަ، ޑިމޮކްރެޓްސްއަށް ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށާއި، އަދި ޑިމޮކްރެޓްސްއަށް ކޮށްފައި އޮތް ސޮއި އެއީ ކޮށްފައި އޮތް ސޮއެއް ނޫންކަމަށް އީސީގައި ބުނުމަށްވެސް އަންގަމުންދާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
ނަމަވެސް މީގެ ތެރެއިން އެއްވެސް ޝަކުވާއެއް ކުރި އާންމު މެންބަރެއް ރައްޔިތުންނަކަށް އަދި މީޑިއާއަތަކަކަށް ނުފެނެއެވެ. އެބުނާ ލިސްޓެއްވެސް ނުފެނެއެވެ. ސުވާލުއުފެދޭ ކަންތައްތަކެއް ހުރިއިރު، ދަ ޑިމޮކްރެޓްސް އިން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަދި ފުލުހަށްވެސް މި މައްސަލަ ބަލައިދިނުމަށް ހުށައަޅާފައެވެ.
ދެވަނަ ނަޒަރަކުން މިކަމަށް ބަލާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ސައްހަ ފޯމުތައް މަދުވެ، މެންބަރުން ހަމަނުވެދާނެތީ ދަ ޑިމޮކްރެޓްސްއިން ޖައްސާ ”ފޭކް“ އެކެވެ. އަދި ސަރުކާރުގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުމަށް ކުރަމުންދާ މަސައްކަތެކެވެ. ކޮންމެކަމެއްވެސް ސަރުކާރާއި ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރަކަށް ހެއްދެވުމަށް ކުރާ މަސައްކަތެކެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވާ ގޮތުގައި މިކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގަމުން ގެންދާ ހުތުރު އަމަލުތަކަކީ އެމްޑީޕީ އުފެއްދި މަގްސަދުތަކާއި، އެ ޕާޓީއިން ވަކާލާތު ކުރަމުން ދިޔަ ހަމަތަކާއި އުސޫލުތަކާއި ދިމާ އިދިކޮޅު އަމަލުތަކެކެވެ. އަދި އެއީ އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރިއިރު، އެމްޑީޕީ އުފެދުނަ ނުދިނުމަށް އޭރު އޮތް ސަރުކާރުން އެ ޕާޓީ އުފެއްދުމުގެ މަސައްކަތްކުރެއްވި ބޭފުޅުންނާއި ކުރިމަތިކުރުވި ކަންކަންކަމަށް މައްސަލައިގައި ބުނެފައިވެއެވެ،
މިއީ ހަމަ އެމްޑީޕީއަށް ސޮއިކުރި އާންމު މެންބަރުންނަށް ދެއްކި ބިރުކަމަށާއި، އެ މެންބަރުންނަށް ބޯހިޔާވަހިކަމާއި، ވަޒީފާއާއި، މަތީ ތައުލީމުގެ ފުރުސަތު ފަދަ ހައްގުތައް ހިފެއްހެއްޓުމަށް މަސައްކަތްކުރި ކުރުންކަމަށް ބުނެފައިވެއެވެ. މިކަމުގައި އެންމެ ލަދުވެތި އަދި އެންމެ ހިތާމަވެރިކަމުގެ ގޮތުގައި ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެ އަނިޔާވެރި ނާތަހުޒީބީ އަމަލުތަކާއި، ބިރުދެއްކުމުގެ މަސައްކަތް މިއަދު ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ އެތައް ހާސް މައުސޫމް މެންބަރުންގެ ނަމުގައި އުފެދިފައި އޮތް ސަރުކާރެއްގައި ހުންނެވި އެމްޑީޕީގެ ރައީސްއަށްވުމެވެ.
ފުރަތަމަ މި މައްސަލަ އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި އެމްޑީޕީގެ ނައިބު ރައީސްކަމުގައި ހުންނެވި ޝިފާޒްގެ ހުރިހާ ތުހުމަތެއް އަމާޒުވީ އިލެކްޝަންސް ކޮމިޝަނަށެވެ. އަދިއެ މައުލޫމާތުތަކަކީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނުން ލިބޭނެ މައުލޫމާތުތަކެއްކަމަށް ބުނިއެވެ. މިނިވަން މުއައްސަސާތަކުންވެސް ސަރުކާރުން ކުރާ ނޭދެވޭ އަމަލުތަކަށް އެބާރުލުންދެއްވާކަމަށް ވިދާޅުވެ ޝިފާޒް އިލެކްޝަންސް ކޮމިޝަން ކުށްވެރިކުރެއްވިއިރު، ހަސަން ލަތީފްގެ މައްސަލަގައި އޭގެން އެއްވެސް ވާހަކައެއް ނެތުމުން އިހުލާސްތެރިކަމާއިމެދު ސުވާލުއުފެދެއެވެ. މަގްސަދަކީ ސަރުކާރުކަމެއްގައި ތުހުމަތުކޮށް ބެއްދުންތޯ ނުވަތަ ހަމަ ހަގީގަތުގައިވެސް މެންބަރުންނަށް ބިރުދައްކަނީތޯވެސް ސުވާލުއުފެދެއެވެ.

