ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން އެއްބަސްވުމާއި އެއްގޮތަށް މުސާރަ ލިބެނީ 47 އިންސައްތައަށް!

ބިދޭސީން ގާނޫނަށް ފެއްތުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގުލަދޭޝްގެ ރައްޔިތުންގެ ތެރެއިން އެއްބަސްވެފައިވާ ގޮތަށް މުސާރައާއި އިނާޔަތްތައް ލިބެމުންދަނީ 47 އިންސައްތަ މުއައްޒިފުންނަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބަންގްލަދޭޝްގައި ހެޑު އޮފީސް ހުންނަ “ރެފިއުޖީ އެންޑް މައިގްރޭޓަރީ މޫވްމެންޓު ރީސާޗު ޔުނިޓު” އާރްއެމްއެމްއާރްޔޫ އިން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގުލަދޭޝް މުއައްޒިފުންނާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް އާންމުކޮށް މަހެއްގެ މައްޗަށް ލިބެނީ 35،147 ޓާކާ އެވެ. އެއީ 5000 ރުފިޔާ އާއި ގާތް ކުރާ އަދަދެކެވެ.

“މައިގްރޭޝަން ޑައިނަމިކްސް އޮފް ބަންގްލަދޭޝް އެންޑް ދަ މޯލްޑިވްސް ކޮރިޑޯރ” ގެ ނަމުން ނަން ދެވިފައިވާ މި ދިރާސާއިން ދައްކާގޮތުން، ގަވައިދާ އެއްގޮތް ވާގޮތުގެ މަތިން ލިޔެކިއުންތައް ހަމަކޮށް ތިއްބެވި ބަންގްލަދޭޝް ރައްޔިތަކަށް އާންމު ހާލަތެއްގައި ލިބެނީ 5،200 ރުފިޔާ އާއި ގާތް ކުރާ އަދަދެއްގެ މުސާރަކަމަށްވާއިރު، ލިޔެކިއުންތައް ނެތި ގަވައިދަށް ނުފެތޭ މުއައްޒިފުންނަށް ލިބެނީ 3،650 ރުފިޔާ އާއި ގާތް ކުރާ އަދަދެކެވެ. އެ ޖަމިއްޔާއިން މި ދިރާސާކޮށްފައިވަނީ އޭޝިއާ ފައުންޑޭޝަނުގެ އެދުމުގެ މައްޗަށެވެ. ދިރާސާގެ ބޭނުމަށް މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ 120 މުއައްޒިފަކާއި މުއާމަލާތްކުރެވިފައިވާއިރު، އަނބުރާ ގައުމަށް ގޮސްފައިވާ 250 މީހެއްގެ ބަސްވެސް ހޯދާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އާރްއެމްއެމްއާރްޔޫ ގެ ދިރާސާއިން ދައްކާގޮތުން، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގުލަދޭޝް ރައްޔިތުންގެ ތެރެއިން 33 އިންސައްތަ މަސައްކަތްކުރަމުންދަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައެވެ. އަދި 25 އިންސައްތައް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާއިރު، 7 އިންސައްތަ ރައްޔިތުން ލޭބަރުންގެ ގޮތުގައި މަސައްތަކުރާކަމަށާއި 2 އިންސައްތަ އެހެނިހެން އާންމު ދާއިރާތަކާއި މަސްވެރިކަމުގެ ދާއިރާގައިވެސް ހަރަކާތްތެރިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަ ޖަމިއްޔާއިން ބުނެފައިވާގޮތުން ބާކީ 31 އިންސައްތަ މަސައްކަތްކުރަމުންދަނީ އެކި ދާއިރާތަކުގެ ތެރޭގައެވެ.

ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަދައްކަވަމުން އާރްއެމްއެމްއާރްޔޫގެ އެކްޒެކިއުޓިވް ޑިރެކްޓަރު ޕްރޮފެސާ ސީއާރް އަބްރާރްވަނީ 90 ދިރާސާގެ ބޭނުމަށް މުއާމަލާތްކުރެވުނު މީހުންގެ 90 އިންސައްތައަށް މަސައްކަތްކުރުމަށް ހިޖުރަ ކުރުމަށް ދިވެހިރާއްޖެ ކަމުދާކަމަށް ބުނެފައިވާކަން ފާހަގަކޮށްފައެވެ. އޭނަވަނީ ދެ ގައުމުގެ ސަރުކާރުންވެސް މަސައްކަތު ބޭނުމަށް ހިޖުރަ ކުރާ ފަރާތްތަކަށް ފަހި ކުރިމަގެއް ހޯދައިދިނުމަށް މަސައްކަތްކުރުމަށް އިލްތިމާޒްކުރައްވާފައެވެ.

ދިރާސާއިން ދައްކާގޮތުން، ވަޒީފާގެ ބޭނުމަށް ރާއްޖެއަށް ހިޖުރަ ކުރާ ބިދޭސީން އަންނަނީ 30،000 ދިވެހި ރުފިޔާ އާއި ގާތް ކުރާ އަދަދެއް ނުވަތަ 206،000 ބަންގްލަދޭޝް ރުފިޔާ ހަރަަދުކޮށްގެންނެވެ. އަދި އެ މީހުންގެ ތެރެއިން 59 އިންސައްތަ އަންނަނީ ސަބްއެޖެންޓުން މެދުވެރިކޮށްކަމަށް ފާހަގަކޮށްފައިވެސްވެއެވެ.

ދިރާސާތަކުން ދައްކާގޮތުން، ރާއްޖޭގައި މަސައްކަތްކުރައްވަމުންދާ ބިދޭސީ މުއައްޒިފުން މަސައްކަތްކުރަމުންދަނީ ހަފްތާއަކު 6 ދުވަހަކު ކޮންމެ ދުވާލަކު 11 ނުވަތަ 12 ގަޑީރަށެވެ. މިގޮތުގެ މަތިން މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން އިތުރު ވަގުތަށް މުސާރަ ލިބެމުންދަނީ 64 އިންސައްތަ މީހުންނަށްކަމަށްވެސް ބުނެފައިވެއެވެ. އަނބުރާ ގައުމަށް ގޮސްފައިވާ މީހުންގެ އެންމެ ފަހުން މަހުގެ މުސާރައިގެ އެވަރެޖެއްވެސް އެ ޖަމިއްޔާއިންވަނީ ޝާއިއުކޮށްފައެވެ. އެގޮތުން އެވަރެޖުކޮށް ޖެހިފައިވަނީ 3200 ރުފިޔާ އާއި ގާތްކުރާ އަދަދެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އާރްއެމްއެމްއާރްޔޫ އިން ބުނެފައިވާގޮތުން، ރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ފަރާތްތަކުން އަހަރެއްގެ މައްޗަށް ގައުމަށް ފޮނުވަމުންދަނީ 42،000 ދިވެހި ރުފިޔާ އާއި ގާތް ކުރާ އަދަދެކެވެ. ލިޔެކިއުން ފުރިހަމަ ނުވާ ފަރާތްތަކަށް ފޮނުވޭ އަދަދުތައް މިއަށްވުރެ މަދުކަމަށް ބުނެފައިވާއިރު، އެންމެހާ ލިޔެކިއުންތައް ފުރިހަމަ ކުރެވިފައިވާ ފަރާތްތަކުން އެ އަދަދަށްވުރެ 2،000 ވަރަކަށް ރުފިޔާ އިތުރަށް ފޮނުވާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެ ޖަމިއްޔާއިން ބުނެފައިވާގޮތުން، ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ އުޖޫރައިގެ 35 އިންސައްތަ ހަރަދުކުރަމުންދަނީ ބޯހިޔާވަހިކަމަށެވެ.

މީގެ އިތުރުންވެސް އެ ޖަމިއްޔާއިންވަނީ ބައެއް ކަންބޮޑުވުންތައް ހުރި މައްސަލަތަކަށްވެސް އަލިއަޅުވާފައެވެ. އާރްއެމްއެމްއާރްޔޫ އިން ބުނެފައިވާގޮތުން ދިރާސާއަށް މުއާމަލާތްތައް ކުރެވުނު ފަރާތްތަކުގެ ތެރެއިން 38 އިންސައްތަ މީހުންވަނީ ކުންފުނިތަކުންނާއި މަސައްކަތްކުރުވާ ފަރާތްތަކުން އެ މީހުންގެ ޕާސްޕޯޓު އަތުލިކަން ފާހަގަކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގެ ތެރޭގައި ތަފާތުކުރުންތައް ހުރިކަމަށް ލިޔެކިއުންތައް ހަމަ މީހުންގެ 45 އިންސައްތަައިން ފާހަގަކޮށްފައިވާއިރު، އެފަދަ ދަތިތައް ތަހައްމަލު ކުރިކަމަށް ގަވައިދާ ހިލާފަށް އުޅެފައިވާ ފަރާތްތަކުގެ ތެރެއިން 52 އިންސައްތަ މީހުން ބުނެފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ 18 އިންސައްތަ މީހުންވަނީ ޖިސްމާނީ ގޯނާތަކާއި ފުރައްސާރަތައް ކުރިމަތިވިކަން ފާހަގަކޮށްފައެވެ. އަދި 16 އިންސައްތަ މީހުންނަށް ބޭސްފަރުވާއާއި ހިސާބަށް ވާސިލުވުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާކަންވެސް ރިޕޯޓުގައި ޝާއިއުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: