އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީ އެކު ކުރިޔަށް ގެންދާ މަޝްވަރާތަކުގެ އެންމެ ބޮޑު އަސާސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުންކަމަށާއި އެހެންކަމުން ދޫދޭން ޖެހޭ ހަލަތެއްގައި ދޫދޭން ތައްޔާރުކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަސާސްތަކާއި އެ ޕާޓީގެ އުސޫލުތައް މިވަގުތު ހުރީ އެންމެ ރަނގަޅަށްކަމަށް ގަބޫލު ނުކުރެވޭތީ އާއި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ގޮތްގޮތުން ޖެއްސުންކޮށް އެއްފަރާތް ކުރާކަމަށް ބުނެ ވަކިވި މެމްބަރުން މިހާރު ކުރަމުން ދަނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްތަކެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ޑިމޮކްރެޓްސްގެ މަޝްވަރާތައް ޕީޕީއެމާއި އެކު ރަސްމީކޮށް ފެށުމުގެ ކުރިޔަށް މަޖިލީހުގައި ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިޔަ އެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް ފަހު، ޕީޕީއެމް/ޕީއެންސީއާއި އެކު ރައީސް ނަޝީދާއި އަރިސް މެމްބަރުން ކުރަމުންދާކަމުގެ ތުހުމަތުތައް އޭރު ވެސް ކުރެވުނެވެ. އޭގެ ތެރޭގައި ކުއްލި މައްސަލަތަކާއި، ގަރާރުތައް ހުށަހެޅުން އަދި މެމްބަރުންގެ ނިޒާމީ ނުކުތާތައް ހިމެނެ އެވެ.
ދެ ޕާޓީގެ ދެމެދު ރަސްމީ މަޝްވަރާތައް ފަށައި ކުރިޔަށް ގެންދާ ބައްދަލުވުންތަކަށް ފަހު އަންނަ މަހުގެ 03 ގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިޔާލުތަފާތު އަދި ސިޔާސީ ގޮތުން ދެ މިސްރާބަކަށް މަސައްކަތް ކުރާ ޕާޓީތައް މަޝްވަރާގެ މޭޒަކަށް އައިއިރު އެއް ޕާޓީން ދައްކާ ވާހަކަތައް އަނެއް ޕާޓީން ގަބޫލު ނުކުރާކަން ނޫސްވެރިން ފާހަގަކުރި އެވެ. ނުވަތަ އެއީ ގަބޫލު ނުކުރާ ސިޔާސީ ހަމަތަކާއި ފިކުރުކަމާއި އެހެންކަމުން އިންޑިއާ އައުޓް ފަދަ ހަރަކާތްތަކުގައި ދެން ގެންގުޅޭނެ ހަމައަކީ ކޮބައިތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވީ ދެ ފަރާތުން ވެސް ދޫދޭން ޖެހޭ ކަންތައްތައް ހުރިކަން އެއްބަސްވާ ކަމަށެވެ.
އަޅުގަނޑުމެން ދެބައި މީހުން ވެސް އެއްބަސްވޭ.. ދޫދޭން ޖެހޭ ކަންތައްތައް އެބަހުރި.. އެކަމުގައި ދޫދީގެން ކުރިޔަށް ދާނަން.. އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ފިކުރާއި އެއްގޮތަށް މުޅިއަކި ޕީޕީއެމް، ޕީއެންސީއަކުން ބަދަލުވެގެން އެއް ދުވަސްތެރޭގައި ނުދާނެ.. ސަރުކާރު ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނަން
އެ ސުވާލާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް މަސައްކަތް ކުރާނީ ވަކި ސިޔާސަތުތަކާއި އެކު ކަމަށެވެ. އަދި އަމިއްލަ މެނިފެސްޓޯއެއް ވެސް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުން ހިތްހަމަނުޖެހެނީ އެމްޑީޕީގެ އުސޫލުތަކާއި ހިލާފަށް ރައީސް ސޯލިހު ސަރުކާރު ހިންގަވާތީ ކަމަށެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ އިދިކޮޅު ހަރަކާތްތައް ބިނާވެފައި ވަނީ ރައީސް ޔާމީންގެ އިރުޝާދުގެ މައްޗަށް ކަމަށެވެ. އެމަނިކުފާނު ހުންނެވީ ޖަލު ބަންދުގައި ނަމަވެސް، ޕާޓީގެ ހަރަކާތްތައް ކުރިޔަށް ގެންދަންވީ ގޮތުގެ ލަފާ އަބަދުވެސް ލިބޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

