ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ ގުޅިފައިވާ ކެނޑިޑޭޓެއް؟؛ ޝިޔާމް އެކަން ދޮގު ކުރޭ

ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ގުޅިގައިވާ ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރިޔަށް ދާކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދޮގުކޮށްފި އެވެ.

އެމްޑީޕީގެ އަސާސްތަކާއި އެ ޕާޓީގެ އުސޫލުތައް މިވަގުތު ހުރީ އެންމެ ރަނގަޅަށްކަމަށް ގަބޫލު ނުކުރެވޭތީ އާއި ރައީސް ނަޝީދަށް އެކި ގޮތްގޮތުން ޖެއްސުންކޮށް އެއްފަރާތް ކުރާކަމަށް ބުނެ ވަކިވި މެމްބަރުން މިހާރު ކުރަމުން ދަނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްތަކެވެ. އަދި ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ހަފްތާގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އެކު ރަސްމީ ބައްދަލުވުންތައް ކުރިޔަށް ގެންދިޔަ އެވެ.

ޕާޓީ އޮފީހުގައި މަޝްވަރާތައް ފެށުމުގެ ކުރިޔަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅާއި އެކު ޑިމޮކްރެޓްސްގެ މެމްބަރުން ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިޔަ އެވެ. އެއީ ތަޅުމަށް ހުށަހެޅި ބައެއް ކުއްލި މައްސަލަތަކާއި، ގަރާރުތަކުގެ މައްސަލައިގައި އާއި މަޖިލިސް ޑެޑްލޮކަކަށް ދިއުމުން ހިނގައިދިޔަ ދެބަސްވުންތަކުގެ ތެރޭގަ އެވެ.

މި މަޝްވަރާތައް ކުރިޔަށް ދާއިރު ޕީޕީއެމް ތަކުރާރުކޮށް ބުނަމުން ދަނީ އިދިކޮޅު ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. އަދި ދެ ޕާޓީ ގުޅިގެން ކެނޑިޑޭޓަކު ނެރެދާނެ ހާލަތްތައް ދޮގު ކުރި އެވެ.

ގުޅިފައިވާ ކެނޑިޑޭޓެއްގެ ވާހަކަތައް އައީ ރައީސް ނަޝީދުގެ ހިއްސާ އޮންނަކަމަށް ބުނާ އޯޝަން ވީކްލީ މަޖައްސާލަގައި ”ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން؛ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް“ ސުރުހީގެ ދަށުން އާއްމު ކުރި ރިޕޯޓެއްގެ މައްސަލައާއި އެކު އެވެ. އެއަށް ބައެއް މީހުން ތާއީދު ކުރިއިރު، ޕީޕީއެމްގެ މެމްބަރުން ދަނީ ރިޕޯޓަށް ފާޑުކިޔަމުންނެވެ.

އެ މައްސަލައިގައި ޝިޔާމް ވިދާޅުވީ، ހުވަފެނީ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ. ޝިޔާމް ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ ކެނޑިޑަސީ ލިބިވަޑައިގެންނެވި ލީޑަރުކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް އެންމެ ފުރަތަމައިން ހުށައަޅާނީ ވެސް ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަކު ނެރިދާނެކަމަށް އަންދާޒާކޮށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައިވާއިރު، އިދިކޮޅު އަދި ޑިމޮކްރެޓްސްއިން ވަނީ ހިޔާލުތަފާތުވުންތަކުގެ ތެރެއިންވެސް އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އިދިކޮޅުގެ ”އިންޑިއާ އައުޓް“ ހަރަކާތުގެ ޝިޔާރާއި މެދު ޑިމޮކްރެޓްސްއިން ފުރިހަމައަށް އެއްބަސް ނުވި ނަމަވެސް، އެ ހަރަކާތުގެ މަގުސަދު ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: