ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު އޮތް ގުޅުން ގޯސްވެ، ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ރައީސް މުހައްމަދު ނަޝީދު ކުރިޔަށް އޮތް ދުވަސްތަކުގައި ދަ ޑިމޮކްރެޓްސްގެ ޖަލްސާތަކުން ފެނިގެންދާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވައި، ރައްޔިތުންގެ ތާއީދު ލިބިދާނެކަމަށް ރައީސް ނަޝީދު ގަބޫލު ނުކުރައްވަ އެވެ. އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި، ސިޔާސަތުތަކާއި އެމަނިކުފާނު ތަކުރާރުކޮށް ހިލާފުވިކަމުގެ ތުހުމަތާއި އެކު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގެންނެވިއިރު ޕާޓީގެ ޕާލިމަންޓް ގުރޫޕުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ދުރު ކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާފަ އެވެ.
ރައީސް ނަޝީދު ޕާޓީން ވަކިވުމުގެ ކުރިން، އެމަނިކުފާނާއި އަރިސް މެމްބަރުން އެމްޑީޕީން ވަކިވެ ދިޔައީ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ދުވަހަކު ވެސް އެމްޑީޕީން ވަކިނުވާނެކަމަށާއި، މުޅި ހަޔާތް އެ ޕާޓީއަކަށްޓަކައި ގުރުބާންވުމަށް ފަހު ކުރާނެ އިތުރު އައު ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނު އެމްޑީޕީ ދޫކުރައްވައި ވިދާޅުވީ މިވަގުތުގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
2023 ގެ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޑިމޮކްރެޓްސްގެ ދަތުރުތައް ވެސް ވަނީ ފަށާފަ އެވެ. ޕާޓީގެ ރެޖިސްޓްރޭޝަން ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިވަގުތާއި ހަމައަށް ދޫނުކުރި ނަމަވެސް ބެލެވޭ ގޮތުގައި އީދު ބަންދަށް ފަހު މި ފެށޭ ހަފްތާގައި އެ ހުއްދަ ދޭނެ އެވެ.
ޑިމޮކްރެޓްސްގެ ތާއީދު އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ފުޅާކޮށް، މިވަގުތު ފުވައްމުލަކުގައި ހުންނެވި ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން އަންނަ ސުވާލަކީ ހަރަކާތްތަކުން ރައީސް ނަޝީދު ފެންނާނެ ދުވަހަކާއި ގުޅޭގޮތުން ކަމަށެވެ. އެކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ރައީސް ނަޝީދުގެ ބައިވެރިވުން ހަރުގެ އެއްވުންތަކާއި، ޕާޓީގެ އެކި އިވެންޓުތަކުން ފެނިގެން ދާނެ ކަމަށެވެ. އަދި އެ ނޫން ވެސް ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު އިސްކޮށް އުޅުއްވާނެކަމަށް ވިދާޅުވި އެވެ.
އިދާރަކުރެއްވިއްޔާ މުޅި ރާއްޖޭގައި ޑިމޮކްރެޓުން ފެތުރިގަންނާނެ.. އަޅުގަނޑުމެންނާއި އެކީގަ ދެން އޮންނަ ޖަލްސާތަކުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ.. އާދެ.. ވަރަށް ގިނައިން އަންނަ ސުވާލެއް އެއީ ކޮން އިރަކުންތޯ އަޅުގަނޑުމެންނާ، މި ޕާޓީއާއި ރައީސް ނަޝީދު ގުޅިވަޑައިގަންނަވާނީ…
ޕާޓީއާއި ގުޅުމުގެ ދައުވަތު ރައީސް ނަޝީދަށް ދެއްވިންތޯ ބައެއް އާއްމުން ސުވާލު ކުރާތީ، ހަސަން ލަތީފް ވިދާޅުވީ އެ މީހެއްގެ ގެއަށް އައުމަށް ދޭންޖެހޭ ދައުވަތެއް ނޯންނާނެ ކަމަށެވެ. އެއީ ބޭނުންވާ ވަގުތަކަށް ހުޅުވިފައި ހުންނާނެ ފުރުސަތެއްކަމަށާއި، އެ ގެއެއްގެ ކަންތައް ހިނގަން ވީ ގޮތް ވެސް އެނގޭނީ އެ މީހަކަކަށްކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ ހިއްސާ އޮތް އެމަނިކުފާނުގެ ޕާޓީއެއްކަމެވެ.
ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު ނުހިމެނޭ ޕާޓީއެއްކަމަށް ދެކޭ އެއްވެސް މެމްބަރަކު ނެތް ކަމަށެވެ.
ކޮން އިރަކުންތޯ ރައީސް ނަޝީދު މި ޕާޓީއާއި ގުޅިވަޑައިގަންނަވާނީ.. އަޅުގަނޑެއް ދައުވަތެއް ނާރުވަން ތޯ… ދެން އަޅުގަނޑު ހިތަށް އަރާ އަޅުގަނޑު ގަންނާނެ ލަދު.. ރައީސް ނަޝީދު މި ޕާޓީއަށް ވަނުމަށް ދައުވަތު އެރުވުމަށް އަޅުގަނޑު ކިހިނެއް ތޯ އެކަން ކުރާނީ.. އަޅުގަނޑަށް ސިފަ ވަނީ އަޅުގަނޑުގެ ގެއަށް އަޅުގަނޑު ވަންނަން.. ދެން އަޅުގަނޑުގެ އަނބިރިން އުޅޭ ގެ.. ދެން އަޅުގަނޑު ގެއަށް އަންނަން އެ މީހުން ދައުވަތު ދޭނަމަ އަޅުގަނޑު އަދި އެ މީހުން ވެސް ވަރަށް ލަދު ގަންނާނެ…
ރިޔާސީ އިންތިހާބަށް ކުރަން ހުރި މަސައްކަތްތައް ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ، ކެނޑިޑޭޓާއި ގުޅޭ ވާހަކަތަކަށް ވުރެ ބޮޑަށް ރައްޔިތުން ދައްކަވާ ވާހަކައަކީ މި ވެރިކަން ނިމުމަކަށް ގެންންނަން ޖެހޭކަމުގެ ޝަކުވާތައް ކަމަށެވެ. ރަށްތަކުގެ ރައްޔިތުންގެ ހުށަހެޅުމަކީ ރައީސް ސޯލިހު ވެރިކަމުން ބޭލުވުމުންކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ވެސް ޑިމޮކްރެޓުން ކުރާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި ބަޔަކާއި އެކު ކުރަން ޖެހޭ މަޝްވަރާއެއް ނުވަތަ ގުޅިގެން ކުރިޔަށް ދާން ޖެހޭ ހާލަތެއްގައި އެކަމަށް ވެސް ތައްޔާރު ކަމަށެވެ.
ރިޔާސީ އިންތިހާބުން ރައީސް ސޯލިހު ބަލި ކުރަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ.. އޭގެއިން ކޮންމެ ކަމެއްގައި ޑިމޮކްރެޓްސް ބައިވެރިވާނެ..
ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ހަފްތާގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އެކު ރަސްމީ ބައްދަލުވުންތައް ކުރިޔަށް ގެންދިޔަ އެވެ.
ޕާޓީ އޮފީހުގައި މަޝްވަރާތައް ފެށުމުގެ ކުރިޔަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅާއި އެކު ޑިމޮކްރެޓްސްގެ މެމްބަރުން ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިޔަ އެވެ. އެއީ ތަޅުމަށް ހުށަހެޅި ބައެއް ކުއްލި މައްސަލަތަކާއި، ގަރާރުތަކުގެ މައްސަލައިގައި އާއި މަޖިލިސް ޑެޑްލޮކަކަށް ދިއުމުން ހިނގައިދިޔަ ދެބަސްވުންތަކުގެ ތެރޭގަ އެވެ. މި މަޝްވަރާތައް ކުރިޔަށް ދާއިރު ޕީޕީއެމް ތަކުރާރުކޮށް ބުނަމުން ދަނީ އިދިކޮޅު ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. އަދި ދެ ޕާޓީ ގުޅިގެން ކެނޑިޑޭޓަކު ނެރެދާނެ ހާލަތްތައް ދޮގު ކުރި އެވެ.
މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި ވަނިކޮށް، މި ހަފްތާގައި ރައީސް ނަޝީދުގެ ހިއްސާ އޮންނަކަމަށް ބުނާ ”އޯޝަން ވީކްލީ“ ގައި ގުޅިފައިވާ ކެނޑިޑޭޓެއްގެ ވާހަކަ ހިމެނޭ ރިޕޯޓެއް ގެނައި މައްސަލަ ވަނީ ގޯސްވެފަ އެވެ. އަދި ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ދެ ޕާޓީގެ އިސް ސަފުގައި ވެސް އެ މަޝްވަރާތަކާއި ދެކޮޅު ބައެއް ބޭފުޅުން އެބަތިއްބެވެ.

