މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ލިބުމާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ އިތުރު ދައުރެއް ބޭނުން ނުވާކަމަށް ރައްޔިތުން ނިންމާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ޑިމޮކްރެޓްސްއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޕާޓީގެ ރެޖިސްޓްރޭޝަން އަދިވެސް އިލެކްޝަންސް ކޮމިޝަނުގައި ތަށިވެފައި އޮތުމެވެ. އީދު ބަންދަށް ފަހު ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާއަށް ހުއްދަ ދޭނެކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ނަމަވެސް އެ ކޮމިޝަނުގެ އެހެން މެމްބަރުން ވަނީ ރައީސް ފުއާދު ތައުފީގާއި އެކު ކުރިޔަށް ދިއުމަށް ދެކޮޅު ހަދާފަ އެވެ.
އެހެންވެ، މި ފެށޭ ހަފްތާއި އަނެއްކާވެސް އެ ދޭން ޖެހޭ ހުއްދަތައް ދިނުމާއި ގުޅޭ ގޮތުން ސުވާލުތައް ވަނީ އުފެދިފަ އެވެ.
ހުއްދަ ހިފެހެއްޓި މައްސަލައިގައި ޑިމޮކްރެޓްސް ހަރުގޭގެ ޖަލްސާގައި އީވާ ވިދާޅުވީ، ސަރުކާރަށް ގަބޫލު ކުރެވޭ ގޮތުގައި ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުގެ މަދު މެމްބަރެއް ބޭނުންކޮށް ހުއްޓުވައި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިދާނެ އެވެ. ހަމަ އެ އުސޫލުން މީގެ ފަސް އަހަރު ކުރިން އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް މުވައްސަސާތަކަށް ނުފޫޒު ފޯރުވައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް މަސައްކަތް ކުރިކަމަށް އީވާ ވިދާޅުވި އެވެ. އެކަމަކު ސެޕްޓެބަރު 23، 2023 ގައި ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސް ލިބުމާއި އެކު އެ ނުފޫޒުގެ ބާރު ކެނޑިގެން ދިޔަކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ނަތީޖާ ނިންމާނީ ރައްޔިތުންކަމަށެވެ. އަދި އެ ގައުމަކަށް އެންމެ އެކަށޭނެ އެންމެ ހެޔޮވެރިއަކީ ކާކުކަން ނިންމާނީ ވެސް ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންކަމަށް ފާހަގަކުރި އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި 3000 މެމްބަރުންގެ ސޮއި ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއިރު އެ ފޯމުތަކުގައި އެއްވެސް މައްސަލައެއް ނެތްކަން މެމްބަރުން އިއްތިފާގުވެ ދެން އިތުރު ޕްރޮސެސްތަކަށް އަނެއްކާވެސް ދާން ޖެހޭ ސަބަބާއި މެދު އީވާ ސުވާލު އުފެއްދި އެވެ.
އެބޭފުޅުންނަށް ވެސް ފަހަރުގައި މިއަދު ހީވެދާނެ.. މި އޮއްބާލެވިދާނެ އޭ.. ހިފަހައްޓާލައިގެން ތިބެވިދާނެ އޭ.. އެކަމަކު އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ އެ ފާޑަށް ފުއްޕޭނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް..
އީވާ ވިދާޅުވީ ޕާޓީއަށް ދޭން ޖެހޭ ހުއްދަ ހިފަހައްޓައި، ގޮތްތައް ނިންމައި ޖެއްސުން ކުރެވޭނީ ވަރަށް މަދު ދުވަސްކޮޅަކަށް ކަމަށެވެ. އެއީ އީވާ ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުން މި ވެރިކަން ބަދަލުވާނެތީ އެވެ.
އީވާ ވިދާޅުވީ ވޯޓު ކަރުދާސް ލިބުމާއި އެކު ރައްޔިތުން ނިންމާނީ ރައީސް ސޯލިހުގެ ދައުރު ނިމިފައިވާކަމަށެވެ. އެއާއި އެކު އެ ކަރުދާހުގައި ޑިމޮކްރެޓްސް ކެނޑިޑޭޓެއްގެ ނަން އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

