ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ހަރަކާތް ހިންގަނީ ނަފްރަތު ނޫން އެއްޗެއް ވިއްކެން ނެތް ބަޔަކު: ޝާހިދު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ހަރަކާތް ހިންގަމުންދަނީ ވިއްކާނެ ރަނގަޅު ސިޔާސަތެއް ނެތް ބަޔަކުކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދުވަނީ އެ ގައުމާއި ރާއްޖޭގެ ދެމެދު ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ. އެގޮތުން އިންޑިއާގެ އެކެސްޓާރނަލް އެފެއަރޒް މިނިސްޓަރު ޑރ ޖަޔަޝަންކަރް އާއި ބައްދަލުކުރައްވައި އެ ގައުމުގެ އެހީގައި ރާއްޖޭގައި ހިންގެމުންދާ މަސައްކަތްތައް ކުރިއަށް ދާ ގޮތާއިމެދު މައުލޫމާތު ބަދަލުކުރެވިގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ގިނަ އަދަދެއްގެ މަޝްރޫއުތައް ތާވަލުކުރެވިފައިވާގޮތުގެ މަތިން ކުރިއަށްދާކަމަށާއި އެކަމާ އުފާކުރައްވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ގްރޭޓާރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުއާއި ހަނިމާދޫ ވައިގެ ބަނދަރު ފަދަ ބޮޑެތި މަސައްކަތްތައްވެސް ކުރެވެމުންދާއިރު، ކުދި އެހެންނަމަވެސް މުޖުތަމައު އަށް އެކަމުގެ ސަބަބުން ބޮޑެތި ފައިދާތައް ލިބިގެންދާނެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާއިމެދު ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެކަން ކުރަމުންދަނީ އިތުރު އެއްވެސް ކަމެއް ކުރެވެން ނެތް ބައެއްކަމަށް އަބަދުވެސް ދެކިވަޑައިގަންނަވާކަމަށެވެ. އެގޮތުން އެއީ ރައްޔިތުންނަށް ވިއްކާނެ ހިޔާލެއް އަދި ސިޔާސަތުތަކެއްވެސް ނެތް ބައެއްކަމަށާއި އެހެންކަމުން އިދިކޮޅުން ކުރަމުންދާ މަސައްކަތަކީ ނަފްރަތު އުފެއްދުމުގެ މަސައްކަތް ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިދިކޮޅުން އާންމުނަށް ވިއްކަމުންދަނީ “ނަފުރަތު” ކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ރައްޔިތުން އެ ވިއްކަމުންދާ އެއްޗެއް ނުގަންނާނެކަމަށާއި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އިދިކޮޅަށް މާބޮޑު ކުރިއެރުމެއް ލިބޭ މަންޒަރު ނުފެންނަނީ އެ ސަބަބާއި ހުރެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަން ކުރަމުންދަނީ މަދު އަދި އާންމު މުޖުތަމައުގެ އުޅުން އަދި ވިސްނުމާއި ހިޔާލުތަފާތު ބައެއްކަމަށެވެ. އަދި ވިދާޅުވީ، އެކަމުގެ އެންމެ އިސް ސަފުގައި ހުރީ އިދިކޮޅުގެ ލީޑަރޝިޕުކަމަަށެވެ. އެހެންނަމަވެސް މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އެ ކެމްޕެއިންއަށް މަގުބޫލުކަމެއް ނުވަތަ ޝައުގެއް ލިބިފައިނުވާކަމަށް ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ، އެ ހަރަކާތުގެ ސަބަބުން ކުރިއެރުމެއް ލިބިފައިނުވަނީ އެ ގައުމާއި ރާއްޖޭގެ ރައްޔިތުންގެ ގުޅުން ބަދަހިވުމުންނާއި ދެ ސަރުކާރުގެ އިތުރުން ދެ ގައުމުގެ ގުޅުންވެސް ބަދަހިވުމުގެ ސަބަބުންކަމަށެވެ.

އިންތިހާބާއި ގާތްވެފައިވާއިރު، ޝާހިދު އިންޑިއާ އަށް ވަޑައިގެން ހުނެވުމުން ދެވަނަ ދައުރެއް ކާމިޔާބު ކުރެވުމާއިމެދު ޔަގީންވެވަޑައިގަންނަވަނީތޯވެސް ސުވާލުކުރެވިގެންދިޔައެވެ. ޝާހިދު ވިދާޅުވީ، ކޮވިޑްގެ ދަތި ހާލުގެ ތެރެއިންވެސް ރައީސް ސާލިހު އަދި ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިކަމަށެވެ. އަދި ރައްޔިތުން ތިބީ 2018 ވަނަ އަހަރަށްވުރެ ރަނގަޅު ހާލަތެއްގައިކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބު ކުރެއްވޭނެކަމަކީ ކަށަވަރުކަމެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ބައްޓަންވެފައިވާގޮތް ވެސް ސާފުކޮށްދެއްވާފައެވެ. އެގޮތުން ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެމުންދަނީ ސާފު ސިޔާސަތެއްކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެއަކީ ހުރިހާ ގައުމަކާއި އެކުވެރި ކަމަށާއި އެއްވެސް ގައުމެއްގެ ދުޝްމިނެއް ނޫންކަމަށެވެ. އެހެންނަމަވެސް ތާރީހަށްވެސް ރިއާޔަތްކުރަންވާނެކަމަށާއި އެހެންކަމުން ރާއްޖެއަށް ދިމާވި ކޮންމެ ކުއްލި ދަތިކަމެއްގައިވެސް އިންޑީއާއިންވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، އެހެނިހެން ކަންކޮޅުތަކުގައިވެސް އިންޑިއާ ފަދަ ބޮޑެތި ގައުމުތަކާއި އެ ސަރަހައްދުގައި ވާ ކުދި ގައުމުތަކާއި ގުޅުން އޮތްކަމަށެވެ. އެހެންނަމަވެސް ދިމާވާ ކޮންމެ ކުއްލި ހާލަތަކަށް ހާޒިރުނުވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެހެންނަމަވެސް ރާއްޖެ އަދި އިންޑީއާގައިވެސް އޮތް ސަރުކާރަކަށް ބެލުމެއް ނެތި އެ ގައުމުން ދިވެހިރާއްޖެއަށް އެހީ ފޯރުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: