އިދިކޮޅުގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެނޑިޑޭސީ ފޯމުގައި ފުރުމުގައި އެހީތެރިވާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.
ކަރެކްޝަންސްއިން މިހެން ބުނެފައިވަނީ،ެ ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމުގައި، އެމަނިކުފާނަށް ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އިދިކޮޅުން އެދިފައިވާތީއެވެ. އިދިކޮޅުން މިކަމަށް އެދި ފޮނުވި ސިޓީގެ ޖަވާބުގައި ޕީޕީއެމްއިން ބުނީ ސިޓީގައި އެދިފައިވާ ގޮތަށް ރައީސް ޔާމީންއަށް މި ފޯމުގައި ސޮއިކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެގޮތުން އެމަނިކުފާނާއި ބައްދަލުކުރުމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަޑައިގަތުމުން ކަރެކްޝަންސްއިން މިކަމަށް ހުރަސް އެޅިކަމަށް ވަކީލުން ބުންޏެވެ. ނަމަވެސް މިކަން ކަރެކްޝަންސްއިން ދޮގުކުރާއިރު، އިދިކޮޅުގެ ވަކީލުން ގަބޫލުކުރާ ގޮތުގައި ކަރެކްޝަންސްއަށް ސަރުކާރު ނުފޫޒު އެބައޮތެވެ. މިވާހަކަތަކަށްފަހު ކަރެކްޝަންއިން ބުނި ގޮތުގައި، ރައީސް ޔާމީން އާއި ބައްދަލުކުރުމުގެ ފުރުސަތު ވަކީލުންނަށް ނުލިބުނީ އާންމު އުސޫލުން ބަލައި ފާސްކުރުމުގައި އޮންނަ އުސޫލުން އެކަން ކުރަން ވަކީލުން އެއްބާރުލުން ނުދެއްވުމުންނެވެ.
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވީ ރައީސް ޔާމީން އާއި ބައްދަލުކުރުމަށް ހުރަސް އެޅީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ.
ރައީސް ޔާމީންގެ ޝަރީއަތުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ފަރާތްޕުޅުން އިއްޔެ ސްޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
ޖަމީލް ވިދާޅުވީ އެވަރަށް ރައީސް ޔާމީނުގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމުން އެނގެނީ އެތިއްބެވީ ގޯސް ހަދައިގެންކަން ކަމަށާއި، މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ޤާނޫނުގެ ބޭރުން ހުރަސް އަޅާފައިވާކަމަށެވެ. އަދި ވަކީލާ މުވައްކިލުގެ ދުސްތޫރީ ޙައްޤަކީ ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ އާއި އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެނޑިޑެންސީ ކަށަވަރު ކުރުމަށްވެސް ޤާނޫނީ ޓީމުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

