ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާ ކުރުވަން އެމްޓީސީސީން ހައިކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ޑީއާރުޕީން ދައްކަން ޖެހޭ ފައިސާއަށް އެ ޕާޓީގެ ކުރީގެ ލީޑަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެކަމަށް ދަށު ކޯޓުން ނިންމުމުން، އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބޭރުކޮށްލައިފިއެވެ.

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ޑީއާރުޕީ ބައިބައިވެގެން ދިޔައީ 2008 ގެ ރިޔާސީ އިންތިހާބަށް ފަހުއެވެ. ޕާޓީގެ އެތެރޭގައި ދިމާވި އެކި މައްސަލަތަކާއި އެކު، ރައީސް މައުމޫނާއި އެމަނިކުފާނާއި އަރިސް މެމްބަރުން ޕާޓީ ދޫކުރި އިރު، ޕާޓީ އޮތީ ބޮޑު ދަރަންޏެއްގެ ތެރޭގައެވެ.

އެގޮތުން ޕާޓީން ހޯދި އެކި ހިދުމަތްތަކަށް އެމްޓީސީސީއަށް އެކަނި ދައްކަން ޖެހޭ ފައިސާގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރައެވެ. އެހެންކަމުން ކުންފުންޏަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމް ކުރުމުން ވެސް އެ ފައިސާ އެގޮތަށް ދައްކާފައި ނުވާތީ، އެ މައްސަލައިގައި އެމްޓީސީސީން ސިވިލް ކޯޓުގައި އެދުނީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ ދަށުން އެ ދަރަނި ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދޭންށެވެ.އެއީ އެ ދަރަނި އުދެއްދުނު އިރު، ޕާޓީ ހިންގެވުމާއި ހަވާލުވެ އިސް މަގާމުގައި ހުންނެވީ ރައީސް މައުމޫންކަމަށްވާތީއެވެ.

ނަމަވެސް ސިވިލް ކޯޓުން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ، އެ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރު ނުކުރެވޭނެކަމަށެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމަށް އެމްޓީސީސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ، މި ހިނގާ ޖުލައި މަހުގެ 9 ގައެވެ. މި މައްސަލަަ ބޭރުކޮށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ މައްސަލަ ހުށައެޅުމުގެ ވަގުތު ފާއިތުވެފައިވާކަމަށެވެ. އެގޮތުން މިއީ މި ހިނގާ ޖުލައި މަހުގެ 9 އެއްގެ ކުރިން ހުށައަޅަންޖެހޭ މައްސަލައެއްކަމަށް ހައިކޯޓުން ބުނެފައިވެއެވެ. ނަމަވެސް އެމްޓީސީސީއން މައްސަލަ ހުށައެޅީ 10 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށްކަމަށްވުމުން މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

ހައި ކޯޓުން މިހެން ނިންމާފައިވާއިރު، ޑީއާރުޕީން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ގިނަ ދަރަނިތަކާއި ޖުރިމަނާތައް ހުރީ ޒިންމާވާނެ މީހެއް ނެތިއެވެ.

ރައީސް މައުމޫނަށް ފަހު ޑީއާރުޕީ ހިންގެވީ ކުރީގެ ހޯމް މިނިސްޓަރު ތަސްމީން އަލީއެވެ. އަދި އޭގެ ފަހުން ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެ ޕާޓީ ހިންގެވިއެވެ. އޭގެ ފަހުން ޕާޓީ ހިންގެވީ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ތިބެން ޖެހޭ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން، ޑީއާރުޕީ މިހާރު ވަނީ އުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: