މަލްޓި ޕާޓީ ޑީމޮކްރަސީއަށް ދިވެހިރާއްޖެ ކުރި ދަތުރަށްފަހު، އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ، އޭރު “ވަތަން އެދޭ ގޮތަށް” މި ޝިއާރުގެ ދަށުން އުފެއްދި އިއްތިހާދުން ނެރުނު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދެވެ. ނަމަވެސް އެމަނިކުފާނު ހޮވިވަޑައިގަތީ އޮތް ތާއީދެއްގެ ބޮޑުކަމުންނޭ ދަންނަވަން ދަތިވާ ސަބަބުތަކެއް އެބަހުއްޓެވެ. އޭރު ރައްޔިތުން ތިބީ ބަދަލަކަށް އެދިއެދިއެވެ.
ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއްކަމަށް އެންމެނަށްވެސް ގަބޫލުކުރެވުނީއެވެ. އެހެންކަމުން އެދި އެދި ތިބި ބަދަލު ގެނައުމަށް، ނުވަތަ އެހެން ގޮތަކަށް ބުނާނަމަ، ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝީދު ވެރިކަމަށް އިންތިހާބު ކުރީއެވެ.
މިއަދު އެއް ތަނުން، އަނެއް ތަނުން، ލާ ހޫރެން އެމަނިކުފާނަށް ޖެހިވަޑައިގެން ސަބަބުން ހަމަ ވަރަށް ސާފެވެ. އިތުރު ޗޮއިސްއެއް ނެތުމުން، ހަނި ފުރުސަތަކުން ކާމިޔާބުކުރެވުނު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ލިބުނު ވެރިކަން ދަމަހައްޓަވަން ނޭނގުން މިއީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތްޕުޅުގައި ހެއްދެވި އެންމެ ބޮޑު ގޯހެވެ.
އަބަދުވެސް އަމިއްލަ ކަންކަން އިސްކޮށް، އަމިއްލަ އެދުމަށް މަސައްކަތްކުރިކުރުމަކީ، ހެއްދެވި އަނެއް ގޯހެވެ. ތިމާގެ ވިސްނުމަކީ އެންމެ ރަނގަޅު ވިސްނުންކަމަށް ގަބޫލުކުރައްވައިގެން، އެއްވެސް މީހެއްގެ މަޝްވަރާއަކާއި ނުލައި ނިންމެވި އެ ނިންމުމަކީ މިއަދު ސިޔާސީ މައިދާނުގައި އެމަނިކުފާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ގައުމަށް އޭރު އެންމެ ފައިދާ ހުރި ގޮތަކީ އިސްތިއުފާ ދެއްވުންކަމަށާއި، އަދި އިސްތިއުފާ ނުދެއްވާ ވެރިކަމުގައި ދެމި ހުންނަވައިފިނަމަ ގައުމަށް ގެއްލުންވާނެކަމަށް ވިދާޅުވީ، ވިދާޅުވުމަކީ މިއަދުވެސް އެމަނިކުފާނާއިމެދު ރައްޔިތުންގެ ހިތުގައި ކުރެހިފައި އޮތް މަންޒަރެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އާންމު ރައްޔިތުންގެވެސް ޝުއޫރަކީވެސް މިއީއެވެ. ސިޔާސީ ބޭފުޅުންވެސް އެކިއެކި ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައަކީ މިއީއެވެ.
އެހެން ނަމަވެސް ދެންވެސް ތަކުރާރުވަމުން މިދަނީ ހަމަ އެއް ކަންތައްތަކެވެ. ހާލަތު ނިޔާކުރި ގޮތުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ނަޝީދަކަށް ލިބިވަޑައެއްނުގެންނެވިއެވެ. އަމިއްލަފުޅު ވެރިކަމެއް ކުރައްވަން ކިތައްމެ ގިނަ މަސައްކަތްތައްކެއް ކުރެއްވި ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވުމުން، ދެން މަޖުބޫރުވީ އެހެން ކެންޑިޑޭޓަކު ނެރުމަށެވެ. އެގޮތުން ނެރުން ކެންޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތުން ރައީސް ނަޝީދު އުއްމީދުކުރެއްވި ކަންތައްތައް މިހާރު މިދަނީ ސާފުކޮށް ތިލަވަމުންނެވެ. ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ކުރުމަށް ރައީސް ނަޝީދު އިރުޝާދުދެއްވިކަން ނުވަތަ ނުފޫޒު ފޯރުވިކަން މިއީ އެމްޑީޕީގެ އިސް ބޭފުޅުން އެ ދައްކަވާ ވާހަކަތަކުން ސާފުކޮށް ދޭހަވާ ކަންތައްތަކެވެ. އެމަނިކުފާނު ”އެޅިހާ ބަތަކަށް ރިހަ ކިޔާނެ“ ކަމަށް އުއްމީދު ކުރި ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.
އެކަން ގަބޫލުކުރަން ދަތިވުމުން، ދެން ކަންވީ ގޮތްވެސް އޮތީ ހަމަ ސާފުކޮށް ފެނަންށެވެ. ރައީސް ސާލިހާއި ދެކޮޅަށް ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދައިގެން، އެމަނިކުފާނު ފާޑުކިޔާ އެމްޑީޕީގެ މެންބަރުންގެ މެދުގައި ރައީސް ސާލިހާއި، ސަރުކާރުގެ އިސްވެރިންނާއިމެދު ރުޅިވެރިކަން އުފެއްދުމަށް ކުރެއްވި މަސައްކަތްވެސް އޮތީ ސާފުކޮށް ފެންނާށެވެ. އެމްޑީޕީގެ ތެރެއިން އެކަންކަމަށް އަތްޖަހާނެ މާ ގިނަ ބަޔަކު ނުވުމުން، ޑިމޮކްރެޓުންނޭ ކިޔާ އުފެއްދެވި ޕާޓީއިންވެސް ފެނިގެންދިޔައީ އަމިއްލަ އެދުމުގެ ބޮޑުކަމެވެ.
އެ ޕާޓީގެ ކެންޑިޑޭޓަށް ރައީސް ނަޝީދު ނުހައްދަވާ، ހުޅުދޫ ދާއިރާގެ މެންބަރުން އިލްޔާސް ލަބީބް ނެރުއްވީ ރައްޔިތުންނަށް މަންޒަރެއް ދައްކެވުމަށެވެ. ވެރިކަމުގެ އާރާއި ބާރާއި، ޖާހަތާއި، އޭގެ ލައްޒަތު ބޭނުން ނޫންކަމަށް ވިދާޅުވާތީ، އެކަމަށް ބާރުދިނުމަށެވެ. އެއްވެސް ހާލެއްގައި ވެރިކަންކުރުމަށް ބޭނުންނުވާތީއެއް ނޫނެވެ. އިލްޔާސް ނެރުއްވީ އެމަނިކުފާނުގެ ލަފާގެ ދަށުން މަސައްކަތްކުރައްވާނެ ބޭފުޅެއްކަމަށް ގަބޫލުކުރެއްވޭތީއެވެ. ދަ ޑިމޮކްރެޓްސްގެ ވެރިކަމެއް ނަމަވެސް، އިލްޔާސް ލަބީބްގެ ވެރިކަމެއް ނަމަވެސް، ހިނގާނީ ހަމަ ރައީސް ނަޝީދުގެ ބާރެވެ. މިއީ ދިވެހިން ސުވާލުއުފައްދާނެކަމެއް ނޫނެވެ. އެބޭފުޅުންގެ ވާހަކަތަކުންވެސް މިކަން ރަނގަޅަށް ސާފުވާއިރު، ދެން އުފައްދާނީ ކޮން ސުވާލެއްތޯއެވެ.
އިލްޔާސް ވެރިކަމަށް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު ނެންގެވުމަށްކަމަށް ބުނަނީ ރައްޔިތުންނެއް ނޫނެވެ. މިއީ އިލްޔާސްއާއި ރައީސް ނަޝީދު ދައްކަވާ ވާހަކައެވެ. ރައީސް ނަޝީދު ދެކޭ ބޮޑު ވަޒީރުކަމުގެ ހުވަފެނުގައި ކުލަ ޖެއްސުމަށް، ކުލަ ފިއްސަކަށް އިލްޔާސް ހެއްދެވިކަމީ ދުނިޔެ ދަންނާނެ ހަގީގަތެވެ.
ރައްޔިތުންގެ ވެރިކަމެއްކޮށް، ރައްޔިތުންނަށް ހެޔޮވެރިކަމެއް ގެނެސްދޭނެކަމަށް ވިދާޅުވީ ނަމަވެސް، ދިރުވުމަށް އެ މަސައްކަތްކުރައްވަނީ، ރައީސް ނަޝީދުގެ ފިކުރެވެ. ދުނިޔެ ޑިމޮކްރެސީ މާނަކުރާ ގޮތް އެއް ފަރާތެއްގައި ބޭއްވުމަށްފަހު ދަ ޑިމޮކްރެޓްސްއިން މަސައްކަތް ކުރައްވަނީ މުޅިން ތަފާތު ޑިމޮކްރެސީއަކަށެވެ. ޑިމޮކްރެޓުންކަމަށް ވިދާޅުވެ، ޑިމޮކްރެސީއާއި ދިމާ އިދިކޮޅަށް މަސައްކަތް އެ ކުރައްވަނީ، ރައީސް ނަޝީދަށްޓަކައި ވެރިކަން ހޯދުމަށެވެ. ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ވެރިކަން ހޯދުން، ހިމަނާނެ ޖާގައެއް އެބޭފުޅުންގެ މެނިފެސްޓޯގައި އޮތްކަމަކަށް މެޖޯރިޓީ ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

