ތިމާގެ ފެންވަރާއި ގާބިލިއްޔަތު އަދި ކަން ހިނގަމުންދާ ގޮތް އެނގި ހުރެ، ގެއްލުމެއް ނުވަތަ އަނިޔާތަކެއް ލިބޭނެ ހާލަތެއް ނުވަތަ މަގަކަށް ތިމާ ކޮށްޕާލާ ރަހުމަތްތެރިޔަކާއިމެދު ހުށިޔާރުވުން އިންތިހާއަށް މުހިންމެވެ. މިއީ ހުރިހާ މީހުންނަށް ގަބޫލުކުރެވޭނެ ކަމެކެވެ. އެފަދަ ގޮތަކަށް ތިމާއާއިމެދު އަމަލުކުރާނީ މިތުރެއްކަމަށް ހެދި ހުރި ހަތުރެއްކެވެ. އެހެންކަމުން މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިފަދަ ގޮތްގޮތަށް ހިނގަމުންދާ ކަންކަމާއިމެދު އަދި އެ އަމަލުތައް ހިންގަމުންދާ ފަރާތްތަކާއިމެދުވެސް ސަމާލުވުން ވަރަށްވެސް މުހިންމެވެ.
ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެދިއްޖެއެވެ. މިކަމަކީ އުފާވެރިވެސް ކަމެކެވެ. އެކަމަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި އައު ދުވަސްވަރެއްގެ ފެށުމުގެ އެންމެ ފުރަތަމަ މަންޒަރުތަކެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން ޔަގީނުންވެސް އެތައް ބައެއްގެ ސިޔާސީ މަސައްކަތްތައް ފެނަށް ގޮސްފިއެވެ. އަނެއް ދިވެހިރާއްޖެ ބިނާ ކުރުމަށް ފެށި ދަތުރުގެ މަތިން އެއް ބަޔަކު ޔަގީނުންވެސް ކަނޑުމަތިވެސް އަޅައިފިއެވެ.
ބުނާގޮތުން ޑިމޮކްރެޓްސް އުފެދިގެން އައި، އެންމެ ވިސްނުމެއްގައެވެ. އަންނަންވެސް ޖެހެނީ އެންމެ ވިސްނުމެއްގެ މަތިންނެވެ. ސިޔާސީ ޕާޓީއެއްގެ ދައުރަކީ ވެރިކަމެއް ގާއިމުކުރަން މަސައްކަތްކުރުމެވެ. އެގޮތުން އެމްޑީޕީ ކަމުނުދާކަމަށް ބުނެ އެ ޕާޓީ އާއި ވަކިވެގެން އުފެދިގެން ދިޔަ ޑިމޮކްރެޓްސް އިންވެސް ވިސްނީ އެކަން ކުރަންށެވެ. ޕާޓީ އުފައްދަން އަމަލީގޮތުން މަސައްކަތްކުރެއްވީ އިހުލާސްތެރި ބައެއް ކަމަށްވެސް ވެދާނެއެވެ. މަޖިލީހުގެ ގޮނޑިގައި އިންނެވި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ މަތިން އެކަން ކުރެވިގެންދިޔައީ އެމަނިކުފާނު ވަކި ހިސާބަކުން ހުންގާނާއި ހަވާލުވެވަޑައިގެން ހިތް އެދޭ މަންޒިލަށް ގެންގޮސްދެއްވާނެކަމުގެ ފޮނި އުންމީދުތަކާއިއެކުއެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އެއްކަލަ ފޮނި ރީތި ހުވަފެން ބިރުވެރި ހުވަފެނަކަށް ބަދަލުވެއްޖެއެވެ. ޕާޓީ ދާނެ މިސްރާބަކަށް ދާ މަންޒަރު ބަލަން ނަޝީދު އިންނެވީ ފަހަތަށް ޖެހިވަޑައިގެންނެވެ،
އެމްޑީޕީ އާއިއެކު ކުރަމުންދިޔަ ސިޔާސީ މަސައްކަތްތައް ހުއްޓުވާލައިގެން ގިނަ ބަޔަކު ޕާޓީއަށް ގެނައުމަށްފަހު އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީ ތަމްސީލުނުކުރެއްވުމަށް ނިންމަވާފައެވެ. ހެއްވާ ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ނެތް ކަމެއްކަމަށްވީއިރު، އެހެން މީހުން ލައްވާ އެ މަސައްކަތްތައް ކުރުވަން ފައިވިއްދާތީއެވެ.
އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައިކަމުގެ ތުހުމަތުތައް ކުރައްވާފައިވާ ބައެއް ފަރާތްތަކާއިއެކު ބައިވެރިވެވަޑައިގެންނި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ރައީސް ނަޝީދުވަނީ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިސްރާބެއް ނެތްކަމަށް ފެނިގެންދިއުމަށްފަހު ދެން އިވިގެންދިޔައީ އެމަނިކުފާނަށް ހިދުމަތްތެރި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ހަދާ ވާހަކައެވެ. އެންމެ ފަހުން އިލްޔާސް އެކަނި ބައިވެރިވި ޕްރައިމަރީއަކުން އޭނާއަށް ޓިކެޓު ލިބުނެވެ. ޕްރައިމަރީގައި ވޯޓު އަޅަން ރައީސް ނަޝީދުވެސް ވަޑައިގަތެވެ. ޕްރައިމަރީއެއް ބޭއްވުމުން ސިޔާސީ މައިދާނަށް ހިލަމެއްވެސް ވެފައިނުވާނަމަވެސް، ޕާޓީގެ ބައެއް ކަންކަން ހާމަވެގޮސްފިއެވެ.
ވޯޓު ލި މީހުންގެ އަދަދުތައް ޕާޓީއަށް ވަތްކަމަށް ބުނާ މީހުންގެ އަަދަދަށްވުރެ ދަށެވެ. ޕާޓީ ވުޖޫދުކުރުމަށް 3560 ވަރަކަށް ފޯމު އިލެކްޝަންސް އާއި ހަވާލުކުރިއިރު ޕްރައިމަރީގައި އެ އަދަދަށްވެސް މެމްބަރުން ވޯޓު ލާފައިނުވެއެވެ. އެމްޑީޕީގައި ތިބި އިރު 39000 މެމްބަރުންގެ ޕާޓީއެއް ހަމަކުރެވިދާނެކަމަށް ސިފަކުރެވޭ ގޮތަކަށް ވާހަތައް ދެއްކިއެވެ. އެމްޑީޕީގެ ދަފްތަރުން އުނި ކުރީ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންކަމަށް ބުނެ ފިތުނަތަނެއް އުފެއްދިއެވެ. އެހެންނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން މިހާރު އެންމެހާ ބޭފުޅުންނަށްވެސް ސާފުވާނެއެވެ. ޔަގީނުންވެސް ރައީސް ނަޝީދަށް މިހާރު އެކަން އިންތިހާއަށް ސާފުވާނެއެވެ. އުފެއްދި ޕާޓީއަށާއި އެމަނިކުފާނަށް ތާއީދެއް ނެތެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން، އިންތިހާބުގައި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުން ވާދަނުކުރެއްވުމަށް ނިންމެވީ ދުނިޔޭގެ ލަދަށެވެ. ރާއްޖޭގެ ސިޔާސީ ހަރުފަތުގެ އެންމެ މަތީ ފަޑިން ކުއްލި ގޮތަކަށް މޫނުވަތަށް ވެއްޓި ޖެހުނު މަންޒަރު ގައުމުގެ އެންމެނަށް ފެނި އިވިގެންދިއުމުން ލަދު ގަންނާނެކަން ކަށަވަރެވެ. އަނބުރާ އެ ހަރުފަތުން އަރަން ކުރި މަސައްކަތްތައްވެސް ފެނިއްޖެއެވެ. ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ފޮޓޯތަކެއްގެ ވާހަކަތައްވެސް ދެއްކީ ހަމަ އެ މަގުސަދާއި އެއްގޮތްވާގޮތުގެމަތިންނެވެ. ބަޔަކު މީހުން ލައްވައި ޑިމޮކްރެޓްސް އުފެއްދިއިރު އެމްޑީޕީ އާއި ވަކި ނުވެ މަޑުކޮށްގެން ހުރީވެސް ރައީސް ސާލިހު ބިރުން ޕާޓީން ވަކި ނުވުމަށް އާދޭސް ކުރާނެކަމުގެ ހުފަވެނުގައެވެ. އެކަމެއްވެސް ހާސިލެއް ނުވިއެވެ.
އެހެންކަމުން ޑިމޮކްރެޓްސްގެ އެންމެ ތާއީދު ބޮޑު މީހާއަށް ކުރިއަށް އޮތް އިންތިހާބުގައި އެއްވެސް ފުރުސަތެއް ނެތް އިރު، އިލްޔާސް އަށް ލިބޭނެކަމަށް ބެލެވޭނެ ސަބަބެއް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާނެކަމާއިމެދު ސުވާލު އުފެދެއެވެ. މިއަދު ރައީސް ނަޝީދު ހުންނެވީ އިލްޔާސްގެ އިތުރުން އެމަނިކުފާނުގެ ކޮއްކޮ އީވާ އަބްދުﷲވެސް ސިޔާސީ ގޮތުން ގުރުބާންކުރުމަށް ތައްޔާރަށެވެ. އިލްޔާސްއަށް ވެރިކަން ނުލިބޭނެކަން ސާފުއިރު ދޮރުން ދޮރަށް ހިންގުވަމުންދަނީވެސް އަމިއްލަ އެދުމެއް ހާސިލުކުރެއްވުމަށެވެ. ކުރައްވަމުންދަނީ އެމަނިކުފާނަކީ ޒުވާނުންނަށް ފުރުސަތު ދެއްވާ ބޭފުޅެއްކަން ދެއްކުމުގެ މަސައްކަތްތަކެވެ. އީވާ އަކީވެސް ފުރުސަތު ދެއްވާކަމަށް ދެއްކުމުގެ ޕްލޭނުން ބައެކެވެ. މަސައްކަތްކުރައްވަމުންދަނީ އެމަނިކުފާނަކީ ކަނބަލުންނަށް ޖާގަ ދެއްވާ ފަރާތެއްގެ ގޮތުގައި ފެނިގެންދިއުމަށެވެ. ރައީސް ނަޝީދަށް ޕާޓީއަށް މެމްބަރުން އިތުރުކުރުމުގައި ވީ ވަރުވެސް ނުވާނެކަން ހުދު އެ ދެ ބޭފުޅުންނަށްވެސް ސާފުވާނެއެވެ.
އިލްޔާސް އަދި އީވާ ފަދައިން އެމްޑީޕީ އާއިއެކު އިހުލާސްތެރި ސިޔާސީ މަސައްކަތްތަކެއް ކުރައްވަމުން ގެންދިޔަ އެތައް ފަރާތެއް މިއަދު ނާއުންމީދުގައި ދުވަސްތަކެއް ހޭދަކުރައްވަމުންދަނީ ހަމަ ރައީސް ނަޝީދުގެ ޒަމާންވީ ބަރުލަމާނީ އެދުން ފުއްދުމުގެ ނިޔަތުގައެވެ. އެމަނިކުފާނު މިއަދު އެންމެ ގާތުގައި ތިބި ފަރާތްތައް އަމިއްލަ އެދުމާއިގެން ނެތިކޮއްލުމަށްވެސް ތައްޔާރަށް ހުރިކަމަށް ފެނިގެންދާއިރު، ގާތްކަމަށް ކިތަންމެ ވަރަކަށް ބުނި ނަމަވެސް ހަގީގަތުގައި ދުރުތާ މީހުންނާއިމެދު އަމަލުކޮށްފާނެ ގޮތަކާއިމެދު ރައްޔިތުން ސަމާލުވުން ވަރަށްވެސް މުހިންމެވެ.

