ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީއިން ކުރަމުންދާ ކެމްޕެއިންގެ އުސޫލުތަކަށް ޑިމޮކްރެޓްސްގެ މެމްބަރުން ފާޑުކިޔައިފިއެވެ.
ތ އަތޮޅުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތައް ހިއްސާކޮށް އެމްޑީޕީއަށް ފާޑުވިދާޅުވި ފަރާތްތަކުގެ ތެރޭގައި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އަދި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހިމެނެއެވެ. އެގޮތުން ވަހީދުވަނީ ރައީސް ސާލިހުގެ ކެމްޕެއިން ތަކުގެ ތެރެއިން ރަށު ތެރޭގެ މަންޒަރަތުތައް ފެނިގެން ނުދާކަމަށް ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ރަށްތަކުގެ އަހުލުވެރިން ކުރަމުންދާ މަސައްކަތްތައް ދެނެގަނެ އެކަން ކުރިއަރުވާނެ ގޮތްތައް ހޯދުމަށް މަޝްވަރާތައް ކުރުމަކީ ޑިމޮކްރެޓުންގެ ކެމްޕެއިންގެ ތެރޭގައި ބޮޑު ޝައުގުވެރިކަމެއް އޮތް މަސައްކަތެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ކިބައިން އެ ސިފަ ފެނިގެން ނުދާކަމަށެވެ. ވަހީދު ވިދާޅުވީ، ރައީސް ސާޅިހު ކުރައްވާ ދަތުރުތަކުގައި ރަށުތެރެ ބެއްލެވުމަށް ވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު އުޅުއްވަނީ ރަށްތަކުގެ ބަނދަރު ސަރަހައްދުގައިކަމަށާއި ފުލުހުން މެދުވެރިކޮށް އެ ސަރަހައްދުގައި ޓޭޕު ދަމައި ބަންދުކުރައްވައިގެން ކުރައްވާ ކަމަކީ ”ގަލުގެ“ ވާހަކަދެއްކެވުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތ. އޮމަދޫ އަކީ މަސް ކައްކާ ހިއްކާ މަހުން ތަކެތި ތައްޔާރުކުރާ ގިނަ ބަޔަކު އުޅޭ ރަށެއް.
މި މަސައްކަތް ކުރިއަރުވާ ރާއްޖެއިން ބޭރަށް ވިއްކޭނެ މަގުފަހިކުރުމަށް 2018 ގަ ވައުދުވީ ގޭދޮށު މަސް ޕްލާންޓް އެޅުމަށް.
އެކަމެއް ނުކުރި.
އޮމަދޫ އަކު ސަރުކާރަށް ވޯޓެއް ނެތް. pic.twitter.com/TtxuYWFdbl— Amr 🎈 (@HusenAmr) August 4, 2023
ވަހީދުގެ އިތުރުން ދާދި ފަހުން ރައީސް ސާލިހުގެ ސަރުކާރުގައި ހުންނެވި އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރުވެސް ވަނީ ސަރުކާރަށާއި އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އޮމަދޫ އިން ސަރުކާރަށް ދޭނެ ވޯޓެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެ ރަށަކީ މަސް ކައްކައި ހިއްކައިގެން އުފެއްދުންތައް ތައްޔާރުކުރަމުންދާ ގިނަ ބަޔަކު ވަޒަންވެރި ރަށެއްކަމަށެވެ. އަމްރު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ 2018 ވަނަ އަހަރުގެ ކެމްޕެއިންގެ ތެރެއިން އެ މަސައްކަތްތައް ކުރިއަރުވާނެކަމަށާއި ބޭރު ގައުމުތަކަށް ވިއްކުމަށް މަގުފަހިކޮށްދޭން ވައުދުވެފައިކަމަށެވެ. އެގޮތުން މަސް ޕްލާންޓެއް ގާއިމުކޮށްދިނުމުގެ ވައުދުވެވަޑައިގެންނެވިނަމަވެސް އެކަމެއް ކޮށްދެއްވާފައިނުވާކަމަށް ވިދާޅުވިއެވެ.

