ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިފައިވާކަމަށާއި އެ ހާލަތުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ކާމިޔާބީ ލިބުމަށް ދިވެހި ރައްޔިތުން ބޭނުންވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލިފައިވާ ހާލަތާއި ދަރަނިވެރިވެފައިވާ ހާލަތުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާކަމަށޭވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ މިނިވަން ވަރުގަދަ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފާހަގަކުރެވިގެންދިއުމުގެ ފުރުސަތު އޮތް ގައުމެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއީ ދިވެހި ރައްޔިތުން ރަނގަޅަށް ދަންނަ ކަންކަންވުމުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ވޯޓު ދިނުމަށް ރައްޔިތުން ތައްޔާރުކަމަށެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަމަށް ސިފަކުރެއްވުމުގެ އިތުރުން ރައީސް ނަޝީދުވަނީ ދިވެހި ފައިސާގެ އަގާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ފައިސާގެ އަގު ވެއްޓެމުންދާކަމަށާއި ޑޮލަރުގެ އަގު ބޮޑުވަމުންދާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުންދަނީ ހުރިހާ ޑޮލަރެއް ގަންނަމުންކަމަށެވެ. އަދި ބައެއް ފަހަރުތަކުގައި ބްލެކްމާކެޓުންވެސް ގަންނަކަމަށާއި އެމްއެމްއޭ މެދުވެރިކޮށް ދަރަނިތައް އަނބުރާ ދެއްކުމަށް ކުރަމުންދާ ހަރަދުތައްވެސް ބޮޑުވަމުންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ފައިސާގެ އަގު ވެއްޓެމުންދަނީ އެފަދަ ސަބަބުތަކާއި ގުޅިގެންކަމަށެވެ.

