ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއިން ވަކި ބޭފުޅަކު އިސްނުކޮށް، ގައުމު އިސްލާހުކުރުމަށް ގާސިމްއަށް ވޯޓްދިނުމަށް ޑރ.ވަހީދު ގޮވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއިން ގައުމު އިސްލާހުކުރުމަށް ވަކި މީހަކު އިސްނުކޮށް، ގައުމު ސަލާމަތް ކުރެވޭނެ ގާބިލް ބޭފުޅަކަށް ވޯޓް ދިނުމަށް ގާސިމްއަށް ތާއިދުކުރުމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.

ދާދި ފަހުން ޕީޕީއެމްއިން ވަކިވެ ވަޑައިގެންފައިވާ ކުރީގެ ރައީސް ޑރ.ވަހީދު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ރޭ މާމިގީލީގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޑރ.ވަހީދު ރޭ ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ރައީސް ޑރ.ވަހީދުގެ ވާހަކަފުޅުގައި ޕީޕީއެމްގައި މިހާރު ޑިމޮކްރަސީ ނެތްކަމަށް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އެޕާޓީއިން ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ރައީސް ޔާމީން ފިޔަވައި އިތުރު އެއްވެސް ބޭފުޅަކަށް ފުރުޞަތުދީފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުގައި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި ޕީޕިއެމްގެ ކެންޑިޑޭޓެއްގެ ނަމެއް ނެތްކަމަށާއި ޕީޕީއެމްގެ ލޯގޯވެސް އިންތިޚާބުގެ ވޯޓް ކަރުދާހުގައި ނެތްކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި އޮތް ބޮޑު ސިޔާސީ ޕާޓީއަކަށް ބަލާއިރު މިއީ ހިތާމަ ހުރި ކަމެއްކަމުގައި ވިދާޅުވިއެވެ.

“މިއަދު ބަލަންވީ މިހަކަށް ނޫން. މިއަދު ބަލަންވީ ގައުމު ސަލާމަތްކޮށްދޭން އަޅާނެ ފިޔަވަޅަކަށް. ޕީޕީއެމް އަށް ގޮވާލަން ގާސިމްއަށް ސަޕޯޓްކުރުމަށް” ޑރ.ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ގާސިމްއަށް ރާއްޖޭގެ ވެރިކަން ލިބުމަށް މާ ބޮދަށް ވެސް ލަސްވެއްޖެކަމަށެވެ.  ގާސިމްއަކީ ރާއްޖެއަށް އިސްލާހި ބޮޑެތި ބަދަލްތަކާއި ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެއްކަމުގައި ވިދާޅިވިއެވެ.

އެގޮތުން 1989 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޑރ.ވަހީދު ކުރިމަތިލެއްވި އިރު، ތިން ބާރު ވަކި ނުވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ގާނޫން އަސާސީ އިސްލާހުކުރުމުގެ މަސައްކަތްތައް އޭރު ކުރިއަށްދާކަމުގައި ވިދާޅުވިއެވެ. ނަމަވެސް ގާނޫން އަސާސީ އިސްލާހުކުރުމުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހުންކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ވަރަށް އެ ހުރިހާ ކަމެއްގައިވެސް ސާބިތުކަމާއި އެކީގައި ގާސިމް އިބްރާހިމްއާއި އެކީގައި ދެން ތިބި ބޭފުޅުންވެސް މަޖިލީހުގައި މަސައްކަތްކުރެއްވީ މިގައުމަށް ޑިމޮކްރަސީ ގެނައުމަށްޓަކައިކަމުގައި ވިދާޅުވިއެވެ.

ގާނޫން އަސާސީ އިސްލާހުކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި އެކު ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިގެންގޮސް، ފުރަތަމަ ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ޑރ.ވަހީދާއި އެކަމުގައި މަޝްވަރާތައް އެންމެ ފުރަތަމަ ކޮށްފައިވާ ބޭފުޅަކީ ގާސިމްކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ ފުރަތަމަ އިސްނެންގެވި ބޭފުޅަކީ ގާސިމް އިބްރާހިމްކަަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް ގެނެވުނު ސިޔާސީ އިސްލާހަކީ ވަރަށް ގިނަ ދުވަސްތަކެއްގެ ވަރަށް ބުރަ މަސައްކަތްތަކަކުން ގެނެވުނު ބަދަލެއްކަމުގައި ވިދާޅުވިއެވެ. ނަމަވެސް މިއަދު އަނެއްކާވެސް މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު ވިސްނަން ޖެހިފައިކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި ޑިމޮކްރަސީއާއި އިޤްތިޞާދު މިވަނީ ނުރައްކަލުގެ ފައްތަރަކަށް ގޮސްފައިކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު އޮތީ ހުރިހާ ރައްޔިތުންވެސް ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައިކަމަށް ރައީސް ޑރ.ވަހީދު ވިދާޅުވިއެވެ. އެގޮތުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ހާލަތަށް އަލި އަޅުއްވާ ވާހަކަ ދެއްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެހިސާބަށް ދިވެހިރާއްޖެ ދިއުމަކީ އެކަށީގެންވާކަމެއްކަމުގައެވެ. ގާބިލް ބޭފުޅަކު ސަރުކާރާއި ހަވާލުގެ މިހާރު ހުރި ކަންކަން ރަގަޅު ނުކޮށްފި ނަމަ، އަހަރެއް ނުވަތަ ދެ އަަހަރުގެ ތެރޭގައި ރާއްޖެއަށް އެ ހާލު ޖެހުމަކީ އެކަށީގެންވާކަމެއްކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި އޮޮތީ ދުވަހަކުވެސް ނުދާ މިންވަރަށް މައްޗަށް ގޮސްފަކަމަށާއި، ރާއްޖޭގެ ދަރަންޏަކީ ރާއްޖެއަށް ލިބޭ އާމްދަނީގެ 120 އިންސައްތަކަމުގައި ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު އަދަދެއްކަމަށާއި، ވަރަށް މަދު ގައުމެއްގައި ނޫނީ ދަރަނި އެހާ މައްޗަކަށް ނުގެންދާނެކަމުގައި ވިދާޅިވިއެވެ.

ދިވެހިރާއްޖޭގެ ދަރަނި އޮތީ އަތް ނުފޯރާ ފަށުގައިކަމަށާއި އަންނަ އަހަރު 230 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، ދެ އަހރު ފަހުން 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދަކީ ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރުކަމަށްވާއިރު، މިފަދަ ބޮޑު އަދަދެއް ބޭރު ގައުމުތަކަށް ދައްކާފައި ރައްޔިތުންގެ އަަސާސީ ޙިދުމަތްތައް ފުއްދާނި ކިހިނެއްތޯ ކަމާއި މެދު ރައީސް ޑރ.ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ. މިކަންކަން އިސްލާހު ކުރުމަށްޓަކައި އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފެހެެއްޓިފައި އޮތީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ދިވެހި ގައުމު އިސްކުރެއްވުމުންކަމުގައި ވިދާޅުވިއެވެ. އެހެން ނޫން ނަމަ މި ދައުލަތެއް ނޯންނާނެކަމަާއިމ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށް ގާސިމް އަބަދުވެސް މަސައްކަތް ކުރެއްވިކަމުގައި ވިދާޅުވިއެވެ.

ޑރ.ވަހީދުގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމްވެސް ރޭ ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: