ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ޕާޓީތަކުން ދަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ޕީއެންސީ އަދި ޑިމޮކްރެޓްސް ބައްދަލުކޮށްފައިވާއިރު، އެމްޑީޕީއިންވެސް ވަނީ ޑިމޮކްރެޓްސްއާއި ބައްދަލުކޮށްފައެވެ. އަދި ހުށައެޅުންތައް ހުށައަޅާފައިވާއިރު، ދެ ޕާޓީއިންވެސް އެ ކަންކަމަށް އެއްބަސްވެފައިނުވާތީ ޑިމޮކްރެޓްސްއިން ކުރިއަށް އޮތް އިންތިހާބުގައި ވަކި ފަރާތަކަށް ނުޖެހޭނެކަމަށް ބަޔާނުގައިވެއެވެ.
ޑިމޮކްރެޓްސްއިން އެއްވެސް ބަޔަކަށް ތާއީދު ނުކުރާނެކަން ހާމަކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މިނިވަން ކެންޑިޑޭޓު ފާރިސް މައުމޫނުވެސްވަނީ ވަކި ކޮޅަކަށް ނުޖެހުމަށް ނިންމާފައެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އޭނާގެ ނިންމެވުން ދާދި އަވަށް ހާމަކުރައްވާނެކަމަށް މައުލޫމާތު ދީފައިވެއެވެ. ކެންޑިޑޭޓުންނާއި ޕާޓީގެ އިސް ސަފުގެ ބައެއް މެމްބަރުން ވަކި ކޮޅަކަށް ނުޖެހުމަށް ނިންމާފައިވާނަމަވެސް، ޕާޓީތަކަށް ނިސްބަތްވާ އާންމު މެމްބަރުންނާއި އިސް މެމްބަރުންވެސް އެބަޔަކު ވޯޓު އަޅާނެ މީހުން ހާމަކުރަމުންދާކަން ފާހަގަކުރެވެއެވެ.

