ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބުނެފި ނަމަ އެންމެ ފުރަތަމަވެސް ބަދަލުކުރާނީ ހާރިޖީ ސިޔާސަތު: މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ދީފިނަމަ އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ ރައްޔިތުން އެދޭ ގޮތަށް ބޭނުންވާ ގޮތަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލު ކުރުމުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި މުއިއްޒުވަނީ ދިވެހިރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު ގަދަވެފައިވާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ނަގާފައިވާ ދަރަނީގެ ބޮޑު އިންސައްތައެއް އެއް ގައުމަކުން ނަގާފައިވާކަމަށާއި އަދިވެސް ނަގަމުންދާކަމަށެވެ. އަދި ނަގަމުންދާ ލޯނުތަކާއި ހިންގަމުންދާ މާލީ މުއާމަލާތްތަކާއި ގުޅޭ އެއްވެސް ތަފްސީލެއް ނޭނގޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތަފްސީލު ހާމަކުރުމަށް އެދުމުން ސަރުކާރު ބިރުގަންނަކަމަށާއި އެ ހޯދުމަށް ދާންޖެހެނީ ސުޕްރީމް ކޯޓަށްކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އެކަމުން ގައުމު އަޅުވެތިވެފައިވާ މިންވަރު ފެނިގެންދާކަަމަށާއި އެހެންނަމަވެސް އެއީ ދިވެހިން ތިބެންޖެހޭ ހިސާބު ނޫންކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއްކަމަށެވެ. އަދި ރާއްޖޭގެ މަސްހަލަތު އިސްނުކުރެވޭ ބަޔަކު ވެރިކަމުގައި ތިބެގެން ނުވާނެކަމަށާއި ބަޔަކު މީހުންގެ “ފައިގައި ދޫލައިގެން” ރާއްޖޭގެ ކަންކަމުގައި ބަސްބުނުމަށް ފުރުސަތު ދީގެން ތިބޭ ބަޔަކު ރާއްޖޭގެ ވެރިކަމުގައި ތިބެގެން ނުވާނެކަމަށެވެ.

މުއިއްޒު ވިދާޅުވީ، ރައްޔިތުން އަދި އޭނާވެސް އެދޭ ގޮތަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް ބަދަލުކުރަން އޭނާ އަށް ކެރިވަޑައިގަންނަވާނެކަަމަށާއި ރައްޔިތުން އެ މަސައްކަތްތައް ހަވާލުކޮށްފިނަމަ ވެރިކަން ލިބިވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތްތައް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ދިވެހިން އެދޭ ގޮތަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކާމިޔާބުވާނެކަންވެސް ޔަގީންވެވަޑައިގަންނަވާކަމަށެވެ. އަދި އެ ނޫން ގޮތެއްގެ މަތިން ކުރިއަށް ދިއުމަށް ނިންމައިފި ނަމަ ދިވެހިންނަށް ކަރުނަ އަޅާ ރޯންޖެހޭނެކަމަށާއި މިއަދު އެ ވާހަކައަށް ބާރުލިބޭ މަންޒަރުތައް ފެނިގެންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މާދަމާ އިސްލާމް މާއްދާ ދިވެހިން ކިޔަވައިދޭން ފެށުމުން ފަހަތަށް ޖެހޭނެ ޖާގައެއް ނޯންނާނެކަމަށެވެ.

މީގެ އިތުރުން މުއިއްޒުވަނީ އެމްޑީޕީގެ މެމްބަރުންވެސް ގައުމީ ރޫހު ހިތުތެރެއަށް ގެންނަވަން އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ޕާޓީގެ އިސް ފަޑީގައި ތިބި ބަޔަކު މީހުން ގައުމު ވިއްކާލައި ކަނޑުތައް ވިއްކާލި ނަމަވެސް އެއީ އާންމު މެމްބަރުން އެކަމަށް ރުހިގެން ތިބެންޖެހޭ ސަބަބެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ މީހަކީވެސް ގައުމު ދެކެ ލޯބިވާނެ މީހެއްކަމަށާއި ގައުމީ ވިންދު ހިނގާނެކަމަށްވުމުން އެ ވިންދާއިއެކު ވަޑައިގެންނެވުމަށް މުއިއްޒު ގޮވާލެއްވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރުގައި އޭނާއާއިއެކު މަސައްކަތްކުރެއްވުމަށް މުއިއްޒު އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: