ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު: ސިޔާސީ މައިދާނުގެ އެންމެ ހަލުވި ކުޅުންތެރިޔާ!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހިންގެ ނިންމުން" ކެމްޕެއިން ނިންމާލުމުގެ ހިނގާލުންގެ ތެރެއިން/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެންމެ މުހިންމު އިންތިހާބު ނިމި، ކުރިއަށް އޮތް ފަސް އަހަރު ދުވަސް ގައުމުގެ ވެރިޔާގެ މަގާމުގައި ހުންނާނެ މީހަކު ކަނޑައެޅިއްޖެއެވެ. ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިހާބު ކާމިޔާބުކުރެއްވީ ރިޔާސީ ރޭހުގައި އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ކެންޑިޑޭޓު ޕީއެންސީގެ ޑރ މުހައްމަދު މުއިއްޒު އެވެ. އެހެންކަމުން އިންތިހާބު ކާމިޔާބުކުރެއްވުމުގެ ތެރެއިން މުއިއްޒު ކުޅުއްވި ހަލުވި ކުޅުމަކީ ދިވެހި ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ކުޅުމެއްކަމީ ޝައްކެއްވެސް ނެތްކަމެކެވެ.

ޕީޕީއެމްގައި ހުންނެވި މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ޕީއެންސީ އަށް ވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި، ޕީއެންސީ އަދި ޕީޕީއެމްއަށް ތާއީދު ކުރާ މީހުންނާއި، ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމަކަށް އަންނަ ތަން ބަލަން ކެތްމަދުވެފައިތިބި ގިނަ އަދަދެއްގެ މީހުން މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިފައިވަނިކޮށެވެ. އާހިރުގައި ފަސް އަހަރުގެ ދައުރެއް މަގުމަތީ ހޭދަކުރީ ކުރިއަށް އޮތް ފަސް އަހަރު ހޯދުމަށްކަމަށްވުމުން، އެ ފުރުސަތު ގެއްލިގެންދިއުމަކީ ޕީޕީއެމް ޕީއެންސީއަށް އަރައިނުގަނެވޭނެ ވަރުގެ ގެއްލުމެއްގެ ގޮތުގައި ފެނިގެންދިޔައެވެ.

ދެން އިވިގެންދިޔައީ ޕީޕީއެމް ޕީއެންސީގެ ތެރޭގައި މައްސަލަތަކެއް ޖެހިފައިވާކަމުގެ ވާހަކައެވެ. އެހެންނަމަވެސް އެ ޕާޓީއިން އެ ވާހަކަތައް ދޮގުކުރިއެވެ. ދެން ފެނިގެންދިޔައީ ޑރ މުއިއްޒު ކުއްލި ގޮތަކަށް ޕީއެންސީއަށް ސޮއިކުރެއްވި މަންޒަރެވެ. އަދި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ މުއިއްޒު ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވިއެވެ.

ޕީޕީއެމް، ޕީއެންސީއަށް އޭރު ކެންޑިޑޭޓަކު ކަނޑަނޭޅިފައިތިބިއިރު، ގައުމުގެ ރައީސް ގެންދެވީ ތާއީދު ހޯދުމުގެ ގޮތުން ދަތުރުތައް ކުރައްވަމުންނެވެ. އަދި އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި އެހެނިހެން ބައެއް ކެންޑިޑޭޓުންވެސް ކެމްޕެއިންތައް ކުރިއަށް ގެންދެވިއެވެ.

މުއިއްޒަށް ރިޔާސީ ޓިކެޓު ކަށަވަރުވުމާއިއެކު، ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިން މުއިއްޒުއަށް ތާއީދު ގެއްލުވާލަން ބުރަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރުގައި ހިނގައިދިޔަ ބައެއް ކަންކަމާއި މުއިއްޒު އާއިވެސް ގުޅުން އޮތްކަމަށް އަދި އޭނާ އަކީ އަނިޔާވެރިއެއްކަމަށްވެސް ބުނެ ކެމްޕެއިން ކުރަމުންދިޔައެވެ. އެމްޑީޕީގެ ސްޓައިލުގައި އެހެނިހެން ބައެއް މީހުންނަށްވެސް ނިސްބަތްކޮށްފައިވާގޮތަށް މުއިއްޒުގެ ސިޔާސީ ހަޔާތުގެ ސަފްހާތައް ހިއްސާކުރައްވާ، މިނިސްޓަރު މާރިޔާ ފަދަ ބޭފުޅުން މުއިއްޒުއަކީ ކުލަ ބަލަކުރާ ބޯވައެއްކަމަށް ސިފަކުރިއެވެ.

އެވަރު ނުވެގެން މުއިއްޒުގެ އަމިއްލަ ވިޔަފާރިއެއް ހިންގުމުގައި ނަހަމަ މާލީ މުއާމަލާތްތަކެއް ކުރިކަމަށްވެސް ބުނަމުންދިޔައެވެ. އެންމެ ބޮޑު ވާހަކައަކަށް ފެތުރީ ޑރ މުއިއްޒުގެ މުއައްޒިފެއްގެ ގޮތުގައި ހުރި މެއިޑެއްގެ މަރާއި ގުޅުވައި ދެއްކި ވާހަކަތަކެވެ. އަބުރު ކަތިލާނެ ވަރަކަށް ކަތިލައި ނިމިފައިވާކަަމަށް ފެނުނު ނަމަވެސް، އެމްޑީޕީގެ ފަހު ކުޅިއަކަށްވީ، “ދޮން މަންމަ” ފިލްމެވެ. އެހެންނަމަވެސް ދިވެހިން އެ ފިލްމު ބަލާލުމަށްފަހު، އެހެނިހެން ހޮލީވުޑު އަދި ބޮލީވުޑު ފިލްމުތަކާއިމެދުވެސް އަމަލުކުރާ ގޮތަށް ކަންކުރިއެވެ. އެ ފިލްމުން މުއިއްޒުއަށް ލިބުނު ގެއްލުމެއް ނެތެވެ. ޗައިނާއާއި ގާތް ގުޅުމެއް ބާއްވާ ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައިސްފި ހާލަތެއްގައި ރާއްޖޭގެ މަޝްރޫއުތައް ހުއްޓިގެންދާނެކަމަށާއި ރައްޔިތުން ހާލުގައި ޖެހިދާނެކަމަށްވެސް ބައެއް މީހުން ބުނަމުންދިޔައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ކުރި ހޯއްދެވީ ޑރ މުއިއްޒުއެވެ. އެގޮތުން 49 އިންސައްތައާއި ގާތްކުރާ އަދަދެއް ހޯދިއިރު، ރައީސް ސާލިހަށް ލިބިވަޑައިގަތީ 38 އިންސައްތައެވެ. ދެވަަނަ ބުރަށް ދިޔައިރުވެސް އެމްޑީޕީއިން ކުޅެމުންދިޔައީ ހަމަ އެއް ކުޅިއެކެވެ. ފިލްމު ދޮންމަންމަ އަދި މެއިޑުގެ މަރާއި ދިމްޔާތު ބިނާކުރުމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެއްކިއެވެ. މި ވާހަކަތަކުގެ ތެރެއަށް އެމްޑީޕީއިން އިތުރު ކުރީ ޕީޕީއެމްގައި ހަރަކާތްތެރިވާ ޒުވާނުންގެ ވާހަކައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ “ބްރޯ” ކަމަށް ބުނި ގޮތަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފަކީވެސް “ބުރޯ” އެއްކަމަށް ކިޔަންފެށިއެވެ.

ސެމްބެގެ އަގު ވައްޓާލައި އިންތިހާބު ކާމިޔާބުކުރުމަށް ކުރި މަސައްކަތްތަކުން އެމްޑީޕީއަށް ލިބުނު ފައިދާއަށް ވުރެ ގެއްލުން ބޮޑެވެ. ވަކި ޕާޓީތަކަށް ނިސްބަތްވީތީ، ގިނަ ައަދަދެއްގެ ޒުވާނުންކީ ބޮޑެތި ކުށްކުރާ ޖަމާއަތްތަކުގެ ކުށްތަކަށް އަރައިގަންނަމުންދާ “ގޭންގުސްޓާރުން” ކަމަށް ބުނެ ފޮޓޯ ވީޑިއޯ ސޯޝަލްމީޑިއާގައި ހިއްސާކޮށް އެތަކެއް ޒުވާނުންނެއްގެ އަބުރު ކަތިލިއެވެ. އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ފަހަތުގައި ގައުމުގެ ކުރިމަގު ނުވަތަ ޒުވާން ޖީލުތަކަކީ ޕާޓޭނާއި ކުށްވެރިންގެ ގޮތުގައި ލޭބަލް ކުރުމަކީ އެންމެ މައިގަނޑު އެއް ސަބަބުކަން ޔަގީނެވެ.

އެހެންނަމަވެސް މި އިންތިހާބު ވެރިމުގެ ހުރިހާ ބާރެއް ހިފައިން އޮތް ޕާޓީއަކަށް ގެއްލިގެންދިޔަ އެންމެ ބޮޑު ސަބަބަކީ ޑރ މުއިއްޒު އަދި ހަރުކަށި ފިކުރާއި ގުޅުން އޮތްކަމަށް ބުނެ ވާހަކަތައް ދެއްކުމެވެ. ދައުރުކުރި ފޮޓޯތަކުގެ ތެރޭގައި މުއިއްޒު ފަތިސް ނަމާދަށް ވަޑައިގެންނެވި މަންޒަރު ފާހަގަކުރެވެއެވެ. އެ ދައްކާ ހަރުކަށި ފިކުރުގެ ވާހަކަތަކަކީ ދިވެހި ރައްޔިތުނުް ބަލައިގަންނަ ވާހަކަތަކެއް ނޫނެވެ. ރާއްޖެއަކީ އިސްލާމީ ގައުމެއްކަމަށްވުމުން. ރާއްޖޭގެ އެންމެ އިސްވެރިޔާގެ މަގާމަށް ވަޑައިގަންނަވަން މަސައްކަތްކުރާ މީހަކު އިމާމުވެ ނަމާދުކުރާ ފޮޓޯއެއް އާންމުވުމާއިއެކު، އެމްޑީޕީއަށް ތާއީދުކުރާ އަދާލަތުގެ ޝޭހުން ބުނީ، މިއީ އިމާމުވެ ނަމާދުކުރެވޭ މީހަކު ހޮވުމަށް ބާއްވާ އިންތިހާބެއް ނޫންކަމަށެވެ.

އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ރާއްޖޭގެ ވެރިކަމަށް އަންނަ މީހަކީ މި މުސްލިމު ގައުމުގެ ހުރިހާ ރައްޔިތުން އަތުގައި ހިފައިގެން ގެންގޮސް މިސްކިތަށް އަރައި އެމީހުން ގޮވައިގެން އިމާމުވެވޭނެ ވަރުގެ ގާބިލުކަމެއް ހުރި މީހަކަށްވުމަކީ ރާއްޖޭގައި އިސްލާމީ އަސާސްތައް ހިފެހެއްޓިފައި އޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެމްޑީޕީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއިއެކު ރާއްޖެއަށް ލިބަރަލިސަމް އައިސްފައިވާނަމަވެސް ދިވެހިން އެ މިނިވަންކަން ބޭނުންވަނީ އިސްލާމީ ހުދޫދުތަކުގެ ތެރެއިންކަން ވަރަށްވެސް ސާފެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ގެއްލިގެންދިއުމުގެ ފަހަތުގައި އެ ޕާޓީގައި އެޅިފައިވާ “ލާދީނީ” ގެ ޓެގު އެޅުވިފައިވުން ބޮޑު ރޯލެއް ކުޅުމަކީ ދިވެހި ރައްޔިތުން އިސްލާމް ދީނަށް ކުރާ ލޯބި ފެނިގެންދާނެ ކެމެކެވެ.

ދެވަނަ ބުރާއި ޖެހެންދެންވެސް އެމްޑީޕީގެ ފަރާތުން އިވިގެންދިޔައީ މުއިއްޒުގެ ނޭދެވޭ ވަހަަކަތަކެވެ. ފޭކު އޯޑިއޯ ފަދަ ތަކެތި ހަދައިގެންވެސް ދައުރުކުރިކަމަށް ބުނެއެވެ. އެހެންމަވެސް ސޯޝަލްމީޑިއާގައި ދައުރު ކުރި ޕޯސްޓުތަކަށް ރައްޔިތުން ދިން ޖަވާބާ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއިން ދިން ޖަވާބާ ދިމާވެއެވެ. ޑރ މުއިއްޒު މި އިންތިހާބު ކާމިޔާބުކުރެއްވީ 54 އިންސައްތައިންނެވެ.

މިހާރު ރައީސްކަމުގެ ހުވާކުރެއްވުމަށް ތައްޔާރުވުމުންދާ ޑރ މުއިއްޒު، ވެރިކަމުގެ ތަހުތުގައި އިޝީންނެވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ފުރަތަމަ ވައުދު ފުރިހަަމަ ކުރެއްވައިފިއެވެ. ޕޯޑިއަމްތަކުގައި އެންމެ ގިނައިން މުއިއްޒު ވިދާޅުވި އެއް ވާހަަކައަކީ ރައީސް ޔާމީން މިނިވަންކުރައްވާނެ ވާހަކައެވެ. އެ ވައުދު މުއިއްޒުވަނީ އިންތިހާބު ކާމިޔާބުކުރެއްވިފައިވާކަން ކަށަވަރުވިތާ 24 ގަޑިއިރުގެ ތެރޭގައި ފުއްދަވައިދެއްވާފައެވެ. މިއަދު ރައީސް ޔާމީން ހުންނެވީ ގެކޮޅުގައެވެ.

ފެންނަމުންދާ މަންޒަރުތަކަށް ބެލުމުން މުއިއްޒުއަކީ ސިޔާސީ ގޮތުން ރާއްޖޭގައި ހުރި އެންމެ ހަލުވި ކުޅުންތެރިޔާކަމަށް ބުނުމަކީ ދޮޮގަކަށް ނުވާނެއެވެ. ފުރަތަމަ ވައުދު 24 ގަޑިއިރުން ފުއްދުމާއިއެކު، މިއަދު ދިވެހި ރައްޔިތުން ޑރ މުއިއްޒާއިމެދު ކުރައްމުންދަނީ އިންތިހާ ބޮޑެތި އުންމީދުތަކެކެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 69%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: