ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ނިންމާފައިވާ ނިންމުމެއް ސްޕްރީމް ކޯޓަށް ނުބެލޭނެ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާއިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ސްޕްރީމް ކޯޓަށް ނުބެލޭނެކަމަށް ދަ ޑިމޮކްރެޓްސްއިން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅި ނަމަވެސް، އެ މައްސަލަ ކުރިއަށްނުދާތީ އެމްޑީޕީއިން ވަނީ މި މައްސަލައަށް ހައްލު ހޯދުމަށް ސްޕްރީމް ކޯޓުގައި އެދިފައެވެ.

އެމްޑީޕިއިން ކޯޓަށް ހުށައެޅި މައްސަލައިގައި އެދިފައިވަނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށްވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔަ ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު 9 ޖެހިއިރަށް ތައާވަލުކޮށްގެން ކުރިއަށްދާ އަޑުއެހުމަކީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ލިޔެކިޔުންތައް ޑިމޮކްރެޓްސްއަށް ލިބުން ލަސްވުމާއިއެކު، ޑިމޮކްރެޓްސްއިން ހުށަހަޅާ ނުކުތާތައް ހުށަހަޅަން ފުރުސަތު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ.

ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އެ ކޯޓަށް އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށެވެ. އަދި އޭނާ ހަވާލާދެއްވީ ގާނުނު އާސާސީގެ 88 ވަނަ މާއްދާ އަދި ގާނޫނު އަސާސީގެ 95 ވަނަ މާއްދާއަށެވެ.

އެގޮތުން ޝާއިރު އެ ހަވާލާދެއްވި ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި އޮތީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލަ ހުށަނޭޅޭނެކަމަށެވެ. އަދި ދެން ޝާއިރު ހަވާލާދެއްވި ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި އޮތީ ގާނޫނުގައި ކަން އޮތް ގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާއިމެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާ މެދު ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަކީ އިޖުރާއަތެއްކަމަށެވެ. ނަމަވެސް އެކަން ކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުންކަމަށް ގާނޫނުގައި އޮވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޑުޖެހުމަކަށް އައީ، މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސްއަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ނިންމުމުންނެވެ. އެއީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. އަށް ރިޔާއަތްކޮށް ނިންމި ނިންމުމެކެވެ. އެގޮތުން އެ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސްއަށްކަމަށެވެ.

ޑިމޮކްރެޓްސްއިން މަޖިލީހުގެ މި ނިންމުމަށް ތާއީދުކޮށްފައިވާއިރު، މައްސަލަ ހުށައެޅި އެމްޑީޕީއިން ބުނަނީ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އާންމު އިޖުރާއަތުގެ ދަށުން، ރައީސްއާއި ނައިބު ރައީސް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރަކު ކަނޑަައަޅަން ޖެހޭކަމަށް އޮންނައިރު، އެ ހާލަތުގައި އެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެކަމަށެވެ.

ނަމަވެސް މިއަށް ރައްދުދެއްވާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ އިޖުރާއަތްތައް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގައި ނުހިނގާނެކަމަށެވެ. އަދި ގަވާއިދުގެ 205 ވަނަ މާއްދާގައި ވަނީ ހާއްސަ އިޖުރާއަތްތަކެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: