ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް 2024 ވަނަ އަހަރު ދިރާސާއެއް ހައްދަވާނެކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ލާމަސީލު ލާމު، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް މިންކުރުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގުމުގެ ކަންކަން ފެށިގެން އައީ ރަނގަޅަށް ނޫންކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވީ މި ނިޒާމު ހިންގުމުގެ ގާނޫނަށް އެތައް އިސްލާހުތަކެއް ގެނެސްފައިވާތީއެވެ. އެގޮތުން ކައުންސިލްތައް އިންތިހާބުކުރަން ފެށިތާ 13 ވަރަކަށް އަހަރުގެ ތެރޭގައި ލާރުމަޒީ ގާނޫނަށް 10 އިސްލާހު ގެނެސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އަވަސް އަވަހަށް އިސްލާހު ހުށައަޅަން ޖެހުމަކީ އޭގެ ހެއްކެއްކަމަށެވެ.
މިކަން ހައްލު ކުރުމަށް ބޭނުންވަނީ ރައްޔިތުންނާއި ކައުންސިލްތަކުގެ ހިޔާލު ހިމަނައިގެން ލާމަރުކަޒީ ނިޒާމާ ގުޅޭ އިލްމީ ދިރާސާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 2024 ވަނަ އަހަރުގެ ތެރޭގައި މި މަސައްކަތް ފަށާނެކަމަށާއި، މިކަން ކުރާނީ ތައުލީމީ އިދާރާއަކާއި ހަވާލުކޮށްގެންކަމަށް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާ ނެރެދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު މިހާރު މިހިނގަމުންދާ ގޮތަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ރައްޔިތުން މިއަދު އެބަޖެހޭ ނިންމަން. ރައްޔިތުން އެބަޖެހޭ މިކަމާ ވިސްނަން. ރައްޔިތުން އެބަޖެހޭ މިކަމާ ފިކުރުކުރަން.
މި ސަރުކާރުން ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސްއެއް އުފެއްދުމުން އަމާޒުވި ބައެއް ފާޑު ކިޔުންތަކަށް މިނިސްޓަރު ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ކުރީގެ އެޓޯލްސް މިނިސްޓްރީއިން ރަށްތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔަ ގޮތަށް މި ސަރުކާރުގެ އަމަލުތައް ބައްޓަން ކުރުމަށް މަސައްކަތްކޮށްފާނެކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ. މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މި މިނިސްޓްރީ އުފެއްދީ ހައުންސިން މިނިސްޓަރުކަމުގައި އާއި މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ކުރެވިފައިވާ ތަޖުރިބާގެ ސަބަބުންކަމަށެވެ.
އެގޮތުން މިކަންކަން ބަހައްޓާނެ މިނިސްޓްރީއެއްގެ މުހިންމުކަން އެމަނިކުފާނަށް ފާހަގަވުމުން މަގްސަދަކަށްވީ ކައުންސިލްތަކާއި، ރަށްތަކުގެ ތަރައްގީއަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓްރީއެއް ނެތުމުގެ ސަބަބުން އެކަށީގެންވާ މައުލޫމާތު ސިޓީތަކާއި ރަށްތަކާއި، އަދި ކައުންސިލްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާއަށް ނުލިބޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަސައްކަތްތައް ބައްޓަން ކުރައްވާނީ މިކަންކަމާއި ގުޅޭ މައުލޫމާތު ސަރުކާރާއި ހަމައަށް ގެންގޮސް ހައްލު ހޯދުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އަތޮޅުތައް ތަރައްގ ީކުރުމުގައި އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

