އައިޑީ ކާޑު އަދި ޕާސްޕޯޓަށް މެނުއަލްކޮށް ހުށައެޅޭނެ ގޮތް ހެދުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އައިޑީ ކާޑު އަދި ޕާސްޕޯޓު ހެއްދުމަށް ހުށައެޅުމަށް އޮންނަނީ ހަމައެކަނި އޮންލައިންކޮށްކަމަށްވާތީ ބައެއް ފަރާތްތަކަށް އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކޮށް ”ސަންގުން“ ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ ފަސޭހަ ކުރުމުގެ ގޮތުން މި ބަދަލުތައް ގެނައި ނަަމވެސް އޮންލައިން ސަރވިސެސް ބޭނުން ނުކުރާ ފަރާތްތަކަށް މި އުނދަގޫ ކުރިމަތިވާކަމަށެވެ.
ކުރީގައި ކޭޝްކޮށް ފައިސާ ދެއްކުނު ނަމަވެސް މިހާރު ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކަން ޖެހުމުގެ ސަބަބުން ދަތިތައް އެބަހުރިކަންވެސް އިހުސާން ފާހަގަކުރެއްވިއެވެ.
އެހެން ދައްކަން ޖެހޭއިރުގައި ބައެއް ފަހަރަށް ހަމަ ބައެއް ބޭފުޅުންނަށް ދަތިތައް އެބަ ދިމާވޭ، ބައެއް ބޭފުޅުންގެ ކާޑު ނެތުމާއި، ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތް ދޭން، ނޫނިއްޔާ ހިދުމަތް ލިބިގަންނަން އުނދަގޫވުމާއި، މިކަހަލަ ކަންކަން ފާޙަގަކުރެވިފަ ހުރީ.
އިހުސާން ވިދާޅުވިއެވެ.
މިކަމަށް އޮތް ހައްލަކީ ކޮބައިތޯ ބެލުމަށް، ސީދާ އައީޑީ ކާޑުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފާއިތުވެދިޔަ ހަފްތާގައި ފަށާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އައިޑީ ކާޑު ހެއްދުމަށް މެނުއަލް އެޕްލިކޭޝަން ހުށައެޅޭނެ ގޮތް ހިދުމާއި އަދި އިތުރު އެހެން ފިޔަވަޅުތައް އެޅުއްވުމުގެ ކަންތައްތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން މިކަމާއި ގުޅިގެން ފާހަގަކުރެއްވީ އޮންލައިންކޮށް ކަންކަން ކުރަން ޖެހުނީ ކޮވިޑް 19 ގެ ހާލަތަށް ފަހުގައިކަމަށެވެ. މި ބަދަލުތައް ގެނައީ ކޮންމެ ތާކު ހުރެގެންވެސް އެޕްލިކޭޝަން ހުށައެޅޭ ފުރުސަތު ހުޅުވާ ދިނުމަށްކަމަށް ޝަމްއާން ވިދާޅުވިއެވެ. އޮންލައިން ޕޯޓަލްތަކަށް އެހާ ފަރިތަ ނޫން މީހުންނަށް މިކަމުގެ ދަތިތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި، އެހެންކަމުން މެނުއަލްކޮށް ހުށައެޅުމަކީ ކުރެވިދާނެކަމެއްގެ ގޮތުގައި ޝަމްއާންވެސް ވަނީ ވިދާޅުވިއެވެ.
ޗުއްޓިތައް އަދި އެހެންވެސް ބައެއް ދުވަސްވަރުތަކާއި ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް ލަސްވާކަމުގެ ޝަކުވާ އޮންނަކަން ނޫސްވެރިޔާ ފާހަގަކުރެއްވުމުން ޝަމްއާން ވިދާޅުވީ ހިދުމަތް ލަސްވިޔަ ނުދިނުމަށްޓަކައި އިމިގްރޭޝަންގެ މުވައްޒަފުން 2 ޝިފްޓަކަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. ލަސްވެގެން 2 ދުވަހުގެ ތެރޭގައި ޕާސްޕޯޓު ލިބޭނެކަމަށް ފާހަގަކޮށް، 24 ގަނޑިއިރު އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް ޝަމްއާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޗުއްޓީފަދަ ދުވަސްވަރުތަކުގައި އޮފިސަރުން އެލޮކޭޓުކޮށް ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މި ހާލަތްތަކަށް ހާއްސަ އިންތިޒާމްތައް ހުރީ ހަމަޖެހިފައިކަމަށްވެސް ވިދާޅުވިއެވެ.

