ހަނގުރާމައަށް ދާން ބޭނުންވާ މީހުން އަދިވެސް ރާއްޖޭގައި އެބަތިބިކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެކިއެކި ގޮތް ގޮތުން ސަރުކާރާއި މުވާސަލާތުކޮށް އަނބުރާ ރާއްޖެއަށް އަންނަން އެދިފައިވާ މީހުން އެބަތިކަމަށެވެ. ނަމަވެސް އެމީހުންނާއި ބެހޭ ތަފްސީލުތައް އަދި ހާމަކޮށްފައި ނުވާކަމަށާއި، 90 އަށް ވުރެ ގިނަ މީހުން ހިމެނޭ ގޮތަށް 100 މީހަކު، ހަނގުރާމަވެރި ސަރަހައްދުތަކުގައި އެބަތިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައުލޫމާތެއް ލިބުނުހާ އަވަހަށް، އެމީހުންނާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަލަނީ ވީހާވެސް ފަސޭހަކަމާއިއެކު އެމީހުން އަނބުރާ ގެނެވޭނެ ގޮތެއްވޭތޯކަމަށެވެ. އެފަދަ މީހުންނާއި ބެހޭ ގޮތުން އަދި ލިބިފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ވަރަށް މަދު މައުލޫމާތުތަކެކެވެ.
އަަޅުގަނޑުމެންނަށް މި ލިބޭ މައުލޫމާތަކީ މިސާލަކަށް އެއް އާއިލާއަކުން އަަޅުގަނޑުމެންނަށް މި ލިޔަނީ ސިޓީއެއް، ތިމަންނާގެ އާއިލާގެ މިތައް މީހުން ވެއްޖެޔޭ، މިވެނި ސަރަހައްދެއްގައި ކަަމަށޭ ގަބޫލުކުރެވެނީ.
މިނިސްޓަރ ވިދާޅުވީ މިގޮތުން ބަލައިގެން ރާއްޖޭގެ ރައްޔިތުންކަން ކަށަވަރުވެފައިވަނީ 21 މީހެއްގެކަމަށެވެ. މި މީހުން މިހާރު ރާއްޖެ ގެނައިސްފައިވާއިރު، އެއީ 15 ކުޑަކުދިންނާއި، ފަސް އަންހެނުންނާއި ފިރިހެނެކެވެ. މިހެންދާ މީހުންނަކީ އޮޅުވާލައިގެން ދާ މީހުންކަމަށާއި، ރާއްޖެއިން ފުރަނީ ބޭސް ފަރުވާއަށް ދާކަމަށް ނުވަތަ އެހެން އުޒުރުތަކެއް ދައްކައިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މީހުން ރިހިބިލިޓޭޓް ކުރުމާއިމެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ނަމަވެސް، މީގެ ކުރިން ރިހިބިލިޓޭޓް ކުރެވިފައިވާ ފަރާތްތަކެއްގެ ވާހަކަ ހިއްސާ ކުރައްވާ މިނިސްޓަރު ވިދާޅުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މި މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭނެކަމަށެވެ. އަދި އެއަށްވުރެ ދިގު މުއްދަތެއް ނެގި ނަމަވެސް އެކަމަށް ސަރުކާރުން އޮތީ ތައްޔާރަށްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދިވެހި މުޖުތަމައުގެ ތެރޭގައި އަދިވެސް ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެ، ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކަށް ދާން ބޭނުންވާ މީހުން އުޅޭކަން ފާހަގަ ކުރެވޭކަމަށެވެ. މިނިސްޓަރު އެދިވަޑައިގަތީ އެފަދަ ހިޔާލެއް ގެންގުޅޭ މީހަކު އެނގޭނަމަ މިނިސްޓްރީއަށް ރިޕޯޓް ކުރުމަށެވެ.

