އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމުގެ ގޮތުން ގާނޫނީ ގޮތުން ބޭނުންވާ އިސްލާހުތައް ގެނައުމަށް ނިންމައި ސަރުކާރުން އެކަން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންވަނީ މި ސަރުކާރުން ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ރާއްޖެއިން އަމަލުކުރަން ނިންމާފައިވާ ގޮތް ހިއްސާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުންވަނީ ކެބިނެޓު ބައްދަލުވުމެއްގައި މަޝްވަރާތައް ކުރުމަށްފަހު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އްެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނަން ޖެހޭ އިސްލާހުތައް ގަނައުމަށް ނިންމާފައިކަމަށެވެ. އަދި އެކަން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް އެކުލަވާލުމަށް ކަނޑައެޅިފައިވާކަން ހާމަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުންވަނީ ރާއްޖޭގެ ފަރާތުން ފަލަސްތީނުން ބޭނުންވާ ކަންކަން ދެނެގަތުމުގެ ގޮތުން ހާއްސަ މަންދޫބެއްވެސް ކަނޑައެޅުމަށް ނިންމާފައިކަމަށެވެ. އަދި ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުވުމުގެ ރާއްޖޭގައި ފަންޑު ރެއިޒްކުރުމުގެ ހަރަކާތެއް ސަރުކާރުގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާނެކަަންވެސް ފާހަގަކުރެއްވިއެވެ.\
މިނިސްޓަރު ވިދާޅުވީ، ”ފަލަސްތީނާއިއެކު ދިވެހިން“ ނަމުގައި މުޅި ރާއްޖޭގެ ރައްޔިތުން ބައިވެރިވާ ގޮތަށް ހިނގާލުމެއްވެސް ބާއްވާނެކަމަށެވެ. އަދި ދިވެހިރާއްޖެއިން އިސްނަގައިގެން މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ކަނޑައެޅިފައިވާކަން ހާމަކުރެއްވިއެވެ.

