ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަަޅައި ކަމަށް ބުނެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖްބޫރުކުރުމަށް ހިންގާ އެފަދަ އަމަލުތައް ނުހިންގުމަަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.
މިއަދު ބޭއްވުމަށް އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަަޅައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގައި ޖަލްސާ ހުއްޓުވާފައިވާކަމަށް ބުނެ ޑިމޮކްރެޓްސްއިިން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ވަޒީރުންނަށް ރުހުންދިނުމާ މެދު މަޖިލީހުގެ މެމްބަރުން ނިންމާ ގޮތަކަށް އެ މެމްބަރުން ވޯޓު ދިނުމަކީ އެ މެމްބަރުންގެ ޒިންމާއެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ސަރުކާރުން ބޭނުންވާގޮތް ނޫންގޮތަކަށް މެމްބަރުން ވޯޓް ދޭނަމަ، ޖަލްސާއަށް ހުރަސްއެޅުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް ހުރަސްއެޅުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޑިމޮކްރެޓްސް އިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނުން ފެށިގެން އެތަކެއް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުން ގާނޫނުއަސާސީގައި ވާގޮތަށް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދެވޭގޮތް ނުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް އުފުލުމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ގަސްތުގައި ކުރި ޒިންމާދާރުކަން ކުޑައަމަލެއް ކަމަށް އެޕާޓީން ވަނީ ސިފަކޮށްފައެވެ.

