ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފެންނަނީ ޖޭޕީ މޯގަންގެ “ރިސެޕްޝަނިސްޓު” ބުނި ކަންކަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ބަނގުރޫޓުވެދާނެކަމުގެ ވާހަކަ ނުވަތަ އިންތިހާ ނުތަނަވަސް މާލީ ހާލަތެއް ކުރިމަތިވެދާނެ ވާހަކަ އަކީ އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. 2022 ވަނަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ގޯސްކަމުގެ ބޮޑެތި އިންޒާރުތައް ލިބިފައިވެއެވެ.

އެހެންނަމަވެސް ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ދައުރުގައި ފެންމަތިވި “ރޯޔަލް ރޭޕް” މައްސަަލަ، “އަލަމްގިރި” މައްސަލަ، ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ އަދި އެފަދަ އެހެނިހެން ގިނަ މައްސަލަތަކާއިވެސް އެއްފަދައިން ރާއްޖޭގެ މާލީ ހާލަތާއިމެދު ކަމާއި ބެހޭ މާހިރުން ދެމުންދިޔަ އިންޒާރުތަކަށްވެސް ސަމާލުކަމެއް ދީފައިނުވެއެވެ. އަދި ރައްޔިތުންގެ ތެރޭގައި އެ ކަންބޮޑުވުންތަކުގެ އަޑުތައް ގަދަވަމުންދިޔައިރުވެސް މައްސަލަތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންނެވުމުގެ ބަަދަލުގައި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގެންދެވީ ކުރިއަށް އޮތް ދައުރު ދީފި ނަމަ ކަންކުރައްވާނެ ގޮތުގެ ވާހަކަތައް ދައްކަވަމުންކަން މީޑިއާ ރިޕޯޓުތަކަށް ބެލުމުން އެނގެއެވެ.

ދިވެހިރާއްޖެ ބަނގުރޫޓުވެދާނެކަމުގެ އެންމެ ބޮޑު އިންޒާރެއް މިހާތަނަށް ދީފައިވާ އެއް ފަރާތަކީ އެމެރިކާގެ އިންވެސްޓްމެންޓް ބެންކެއް ކަމަށްވާ ޖޭޕީ މޯރގަންކަމަށްވާއިރު، އެ މުއައްސަސާއިން 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ޝާއިއުކުރި ރިޕޯޓެއްގައި ދިވެހިރާއްޖެ އަދި އެއްފަދަ ހާލަތެއްގައި ތިބި އެހެނިހެން ގައުމުތަކެއްގެ އިގްތިސާދީ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ރިޕޯޓުގައި ބަނގުރޫޓުވުމުގެ ސަބަބުން މިހާރު އައިއެމްއެފްގެ އެހީ ލިބިގަނެފައިވާ ސްރީލަންކާގެ ނަންވެސް ހިމެނޭއިރު، ރާއްޖޭގެ ފޮރިން ރިޒާވުގައި ހުރި ފައިސާގެ އަދަދުތައް ނުރައްކާތެރި މިންގަނޑަކަށް ދަށަށް ދާނެކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅަށްކަން ފާހަގަކުރެވެއެވެ.

މި ރިޕޯޓަކީ ބައިނަލްއަގުވާމީ މައިދާނަަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި އެކަންކަމުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް ބިނާކޮށްފައިވާ ރިޕޯޓެއްނަމަވެސް އޭރު ރާއްޖޭގެ ސަރުކާރުން އެ ވާހަކަތައް ދޮގުކުރިއެވެ. އޭރު ހުންނެވި ފިނޭންސް މިނިސްޓަރުވަނީ އެ ވާހަކަތަކަކީ ޖޭޕީ މޯރގަންގެ ރިސެޕްޝަނިސްޓަކު ދެއްކި ވާހަކައެއްގެ ގޮތުގައި ސިފަކުރައްވާ އެކަން އެއް ފަރާތްކުރައްވާފައެވެ. އެހެންނަމަވެސް މިއަދު އެމްޑީޕީއިންވެސް ދައްކަމުންދަނީ އެއްކަލަ “ރިސެޕްޝަނިސްޓު” ދެއްކި ވާހަކައެވެ.

2023 ވަނަ އަހަރު ނިމި އައު އަހަރު ފެށުނު އިރުވެސް މާލީ ގޮންޖެހުންތައް ހުރިކަން ފިނޭންސް މިނިސޓްރީގެ ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް މިއަދު ފެނިގެންދަނީ ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރަމުންދާ މަންޒަރުކަމަށް ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ފާހަގަކުރެއެވެ. މިހާރު ސިފަކުރާގޮތުން ރާއްޖެއަށް މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ވޭތުވެދިޔަ ދެ މަސް ދުވަސްތެރޭގައެވެ.

ޖޭޕީ މޯރގަން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ގައުމީ ބެންކުގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ޓިމް ސޯޔާރވެސް ވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބެންކުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޓިމްވަނީ ދިވެހިރާއްޖެއަށްވެސް ސްރީލަންކާއާއި އެއްފަދަ ހާލަތެއް ކުރިތިމަތިވެދާނެކަމުގެ އިންޒާރުތައް ދީފައެވެ. އަދި ދުނިޔެ މަތިންވެސް އިގްތިސާދީ ހީނަރުކަމެއް އަންނަމުންދާކަމުގެ އަސަރުތައް ފެނަމުންދާކަމަށް އޭނާ ހިއްސާކުރެއްވިއިރު، ރާއްޖެއަށް ހަގީގަތުގައިވެސް ދަތި ދުވަސްތަކެއް ކުރިމަތިވެދާނެކަމުގެ ނުރައްކާ އޮތްކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ޓިމް ވިދާޅުވީ “ވިންޓަރ އިސް ކަމިންގް” ކަމަށެވެ.

އެހެންކަމުން ސްރީލަންކާއަށް ކުރިމަތިވި ދަތުރު ފެށުނު ގޮތުގެ ބައެއް ތަފްސީލުތައް ބަލާލުން މުހިންމުކަން ޔަގީނެވެ. ލަންކާއަކީވެސް ފަތުރުވެރިކަމުގެ ސިނާއަތުން މަންފާ ހާސިލުކުރަމުން އަންނަ ގައުމެއްކަމަށްވުމުން ރާއްޖެއާއި އެއްފަދައިން ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ބޯޑަރުތައް ބަންދުކުރަންޖެހުން ފަދަ ކަންކަން ކުރިމަތިވުން ވެގެންދިޔައީ އެ ގައުމުގެ އިގްތިސާދު ހީނަރުވުމަށް ދިމާވި ސަބަބަކަށެވެ.

އެހެންނަމަވެސް އެ ހާލަތު ގޯސްވެގެން އައީ ކުރިން ވެރިކަން ކުރި ގޯޓަބަޔާ ރާޖަޕަކްސަގެ ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކާއި ކުރަމުންދިޔަ ކަންކަން އަދި ނިންމަމުންދިޔަ ނިންމުންތަކާއި ގުޅިގެންކަމަށް މާހިރުން ފާހަގަކުރާއިރު، ބަނގުރޫވީ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ތަންތަނުން ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނެގުން އަދި ދަރަނި ދެއްކޭނެ މަގުތަކެއް ފަހިކުރުމަށް ފައިސާ ދިން ފަރާތްތަކާއިއެކު މަޝްވަރާތައްވެސް ކޮށްފައިނުވުން ބޮޑު ރޯލެއް އަދާކުރެއެވެ. އަދި އިންތިހާ ގިނަ އަދަދަކަށް ފައިސާ ޗާޕުކޮށްފައިވުމުގެ ސަބަބުން އެ ގައުމުގެ އިންފްލޭޝަން އަރައިގެންދިއުމާއި ތަކެތީގެ އަގުބޮޑުވުމުގެ އިތުރުން ފައިސާގެ އަގު ވެއްޓިގެންދިއުމަށްވެސް ދިމާވިކަންވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މާލީ މުއައްސަސާތަކުން ރާއްޖެއަށްވެސް ދެމުންދަނީ ބަނގުރޫޓުވުމުގެ ކުރިން ސްރީލަންކާއަށްވެސް ދެމުންދިޔަ އިންޒާރުތަކެވެ. ޑެޓް ޑީފޯލްޓް ނުވަތަ ދަރަނި ނުދެއްކުމުގެ ސަބަބުން ބަނގުރޫޓުވެފައިވާކަމަށް ކަނޑައެޅިގެންދިއުމުގެ ކުރިން ސްރީލަންކާގެވެސް އޮތީ ހަމަ ރާއްޖެ އޮތް ހާލަތުގައެވެ. 2022 ވަަނަ އަހަރުން ފެށިގެންވެސް ރާއްޖެ އޮތީ ހައި ލެވެލް އޮޕް ޑެޓް ޑިސްޓްރެސް ނުވަތަ ދަރަނި ނުދެއްކިދާނެކަމުގެ އިންތިހާ ކަންބޮޑުވުންތައް އޮތް ހާލަތުގައެވެ.

އެހެންކަމުން މިއަދު މި ދިމާވަމުންދަނީ އެއްކަލަ ރިސެޕްޝަނިސްޓު އިންޒާރު ދިން މައްސަލަތައްކަމަށްވުމުން، މި މައްސަލަތައް ދިމާވަމުންދަނީ ދެވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި ކުރީގެ ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރެވެއެވެ.

ރާއްޖެ ބަނގުރޫޓުވެއްޖެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް މިހާރު ރާއްޖޭގެ އިގްތިސާދާއި ހަވާލުވެ ހުންނެވި ވަޒީރު މުހައްމަދު ސައީދުވަނީ ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭ ފަދަ މާލީ ހާލަތެއްގައި ނޫންކަމަށާއި ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާނެކަމުގެ އުންމީދު ދެއްވިއިރު، އެފަދަ ވާހަކަތައް މިއަދު ފެންމަތިކުރަމުންދަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ގޮތުންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 44%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: