ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ އަ އަހަރަށް ފަހު ވެސް އަނަސްއަށް އިންސާފެއް ނުލިބުނު؛ ތުހުމަތު ކުރެވޭ މީހުން މިނިވަންވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ލިޓަސް ސެންޓަރު ތެރޭގައި އަނަސްއަށް ވަނީ ހަމަލާދީ މަރާލާފައެވެ. އަނަސް ލިޓަސް ސެންޓަރު ތެރެއަށް ދުވެފައި ވައިން ވަގުތު އޭނާގެ ބުރަކަޓަށް ވަޅިން ވަނީ ހަމަލާދީފައެވެ. މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

އަނަސްއަށް ހަމަލާދީ ދައުލަތުން ދައުވާ އުފުލި މީހުންތެރޭގައި  ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގް ހިމެނެއެވެ.

ދައުލަތުގެ ފަރާތުން މި 7 މީހުންގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައިފައިވާ މީހުންގެ ތެރޭގައި ޖުނައިހު އަބްދުﷲއާއި، ހަސަން މަހްފޫޒް އާއި،  މުހައްމަދު ޝާޒްގެ އިތުރުން ސިމާހް މުސާ ހިމެނެއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި މީހުންގެ ތެރޭގައި އަހްމަދު ޒަޔާންއާއި، އުސްމާން ޝަރީފް އަދި އަފްރާހު އަބްދުއްރައްޒާގް ހިމެނެއެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަވަމުން ފާހަގަ ކުރެއްވީ ވެސް ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކިބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށެވެ. ދައުވާ އުފުލި ބައެއް މީހުންގެ ކޯލް ޑީޓެއިލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހެެކެވެ. އެހެންވެ އެއީ ވެސް ބުރަދަން ދެވޭނެ ހެއްކެއް ގޮތުގައި ޝަރީއަތުން ބަލައެއް ނުގަތެވެ.

މި މައްސަލައިގައި އޭރު 17 އަހަރުގެ ކުޑަކުއްޖާ އަށް މިހާރު 20 އަހަރު ފުރިފައިވާއިރު ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުންނާއި އެ މައްސަލައިގައި ހުށައަޅާފައިވާ ހެކިގަރީނާ ތަކަށް ބަލައި ހާދިސާ ހިނގި ވަގުތު އެކުއްޖާ އެތަނުގައި ހުރިކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް މީގެ ކުރިން ޖުވެނައިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ. ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އަނަސްގެ މަރުގެ މައްސަލައިގެ ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރި މީހެއްގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނު ދައުރު ނިމުމުގެ ކުރިން ލުއިކޮށްދެއްވާފައެވެ. މީގެކުރިން “ސަންގު” އަށް ކަރެކްޝަނުން ކަށަވަރުކޮށްދިން ގޮތުގައި، ރައީސް ސޯލިހު ވަނީ އެ އަދަބު 10 އަހަރަށް ލުއިކޮށްދެއްވާފަ އެވެ. އެގޮތަށް ރައީސް ނިންމެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ދެވަނަ ބުރުގެ ވޯޓު ލުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: