ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ދޫވުމުން ކަންބޮޑުވޭ، ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކުރާނަން: ސަރުކާރު

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ލިޓަސް ސާބިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުލަތުން ދައުވާ އުފުލާފައި ތިބި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވުމުން ކަންބޮޑުވާކަމަށް ސަރުކާރުން ބުނެފި އެވެ.

ޝަރީއަތް ވެސް ނިމުނުތާ، އަހަރަކާ ގާތްވެފައި ވަނިކޮށް އިއްޔެ މައްސަލައިގައި ކުރި ހުކުމުގައި ހަތް މީހަކު ވަނީ ކޯޓުން ސަލާމަތްވެފަ އެވެ.

2017  ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

މައްސަލައިގައި މި ހަފްތާގައި ދަށު ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހުކުމުގައި ވާގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތެވެ. އަދި ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އެންމެން ދަށު ކޯޓުން މިނިވަންވެފައި ވާތީ އާއިލާއާއި، އާންމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރުމުން މިރޭ އާންމު ކުރި ބަޔާނުގައި ހޯމް މިނިސްޓްރީން ބުނީ ބޮޑެތި ކުށްތަށް ކުރުމަށް ފަހު ކުށްވެރިންނަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ނަތީޖާ ކަމަށެވެ.

އާންމުންގެ ތެރޭގައި ނުހަނު ހާމަކަން ބޮޑު ގޮތަކަށް އަނަސްއަށް ދިން ހަމަލާގައި، އޭނާގެ ފުރާނަ ގެއްލިގެން ދިޔައިރު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބުމަކީ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ތަންފީޒީ އިދާރާތްތަކާއި އަދުލު އިންސާފު ގާއިމު ކުރާ މުވައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެން ދާނެ ސަބަބެކެވެ.

މީގެ ސަބަބުން ގާނޫނީ ބާރު ނެގެހެއްޓުމަށް ހުރަސްތައް އެޅި، ކުށް ކުރުމަށް ފަހު އޭގެއިން ބަރީއަވެވިދާނެކަމަށް އަމިއްލައިން ހީވުމަކީ ވެސް މީގެ ސަބަބުން ދިމާވާ ހާލަތެއްގެ ގޮތުގައި ބަޔާނުގައި ވެއެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ގާނޫނޫގެ ބާރު ނެގެހެއްޓުމަށް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބަލައި އެކަން ދިރާސާ ކުރާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އަނަސްއަށް އިންސާފު ހޯދައިދޭނެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވައުދުވި އެވެ. އެގޮތުން ރައީސް ސޯލިހާއި ރައީސް މުއިއްޒު ވަނީ އެ އަތޮޅާއި ރަށުގައި ބޭއްވި ޖަލްސާތަކުގައި އެކަން ފާހަގަކުރައްވައި އާއިލާއަށް އިންސާފު ހޯދައިދޭނެކަމުގެ ޔަގީންކަން ދޭކަމަށް ވިދާޅުވެފަ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި 2017 ގައި ބޭއްވި ޕްރެސްއެއްގައި ފުލުހުން ބުނީ އަނަސްއަށް ބަޔަކު ހަމަލާ ދިނީ އެހެން މީހަކުކަމަށް ހީކޮށް އޮޅިގެން ކަމަށެވެ. އަނަސް އެރޭ ލިޓަސް ސެންޓަރު ކައިރިޔަށް ދިޔައީ އެއީ އޭނާ ކުރިން މަސައްކަތް ކުރި ތަނަކަށް ވާތީ ރަހުމަތްތެރިންނާއި ބައްދަލުކުރުމަށްކަމަށް ފުލުހުން ބުންޏެވެ. އަދި އަނަސްއަށް ހަމަލާ ދިން މީހުން އެތަނަށް ދިޔައީ އެ މީހުން ފަރާލަމުން ދިޔަ މީހާ އެތަނުގައި ހުރިކަމުގެ މައުލޫމާތު ލިބިގެންކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: