ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
ރޯދަ މަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް މާޗުމަހުގެ 17 ގައި ބޭއްވުމަށް ނިންމައިފައި ވަނިކޮށް ރައީސް ނިލު ތަސްދީގު ކުރެއްވުމުން އިންތިހާބުގެ ވޯޓާސް ލިސްޓާއި ރީ ރެޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރަން ޖެހޭނެއެވެ. އެހެންކަމުން އެކަމަށް ތާރީހްތަކެއް އީސީން ކަންޑައަޅާނެއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ފަސްކޮށް، ރޯދަ މަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް ދެވަނަ ފަހަރަށް ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިރޭ ތަސްދީގު ކުރައްވާފަ އެވެ.
ރޯދަ މަހަށް ފަހު އިންތިހާބު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ބިލު ރައީސް ފޮނުވާލެއްވީ މަޖިލީހުން އެ ފާސް ކުރިތާ 15 އަށް ވީ ދުވަހެވެ. ބިލު އަނބުރާ ފޮނުވި ފަސް ސަބަބެއް ރައީސް ބަޔާން ކުރެއްވިއިރު އޭގެ ތެރޭގައި އިންތިހާބު ފަސް ކުރުމަކީ ރައްޔިތުންގެ އިންތިހާބުތަކާއި މެދު ކުރާ އިތުބާރު ގެއްލޭނެ ސަބަބެއްކަމަށް ވިދާޅުވި އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޖުމުލަ 386 ކެންޑިޑޭޓުން ވާދަކުރުމަށް ނިންމާފައިވެއެވެ. އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން، އަދި ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުންނެވެ. އެހެންނަމަވެސް އެއްވެސް ޕާޓީ އަކުން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އެންމެ ގިނަ ދާއިރާއަށް ވާދަކުރަނީ އެމްޑީޕީ އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިންމެވެ. އެމްޑީޕީން 90 ދާއިރާއަށް ވާދަކުރަން ނިންމާފައިވާއިރު ޕީއެންސީއިން ވާދަކުރަނީ 89 ކެންޑިޑޭޓުންނެއެވެ.

