އަރބަން ސެންޓަރުތައް ތަރައްގީ ކުރާ 7 ސަރަހައްދުގެ ތެރޭގައި ފޮނަދޫ ހަމަޖެހިފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ލ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު މި ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކުރުމަށް އެދި ހުށަހެޅޭނެ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ކޮވިޑާ ގުޅިގެން އެކި ފަރާތްތަކުން ނެގި ލޯނުތަކަށް އިންޓްރެސްޓް އަރަމުންގޮސް މީހުންނަށް އެފައިސާ ދައްކަން އުނދަގޫވާވަރު ވެފައިވާކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ރައްޔިތުންނަށް އިތުރު ލުޔެއް ހޯދައިދެއްވުމަށް ފަހިކޮށްދެއްވި ކަމެއްކަން ފާހަގަކުރައްވާފައެވެ.

ކޮވިޑުގެ ތެރޭގައި އެސް.ޑީ.އެފް.ސީ. އަދި އެޗް.ޑީ.އެފް.ސީ. މެދުވެރިކޮށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކޮށްދޭން ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވީ މި ޖަލްސާގައެވެ.

ފޮނަދޫގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން، ފޮނަދޫއާއި އަދި މުޅި އަތޮޅާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވަން ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ ފޮނަދޫ ތަރައްޤީކުރާނީ ރާއްޖޭގެ 7 ސަރަޙައްދެއްގައި ކަނޑައަޅާ އަރބަން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާއިރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ގެދޮރުވެރިކަމަށް އިސްކަން ދެއްވާނެކަމަށާއި، އަދި ފޮނަދޫގެ ބިން އިތުރަށް ހިއްކައި، އެރަށުގައި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މުޅި އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހައްދުންމަތީގެ އެކި ދާއިރާތަކުގެ ރަށްތައް ކައިރިން އެކި ކޮންސެޕްޓުތަކުގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ތަރައްޤީކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.