ގާނޫނަށް ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހުތަކާއިއެކު ޑްރަގް އެތެރެކުރާ ނެޓްވޯކްތައް ހުއްޓުވުމަށް މަގުފަހިވާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އިހުސާން ވިދާޅުވީ، ޑްރަގް ސަޕްލައި ރިޑަކްޝަނަށް މަސައްކަތްކުރަނީ ފުލުުންނާއި ކަސްޓަމްސް މެދުވެރިކޮށްކަމަށެވެ. އަދި ޑިމާންޑް ރިޑަކްޝަން މަސައްކަތްތައް ކުރަމުން އަންނަނީ ނެޝަނަލް ޑްރަގް އެޖެންސީ މެދުވެރިކޮށްކަމަށްވެސް އަލިއެޅުއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަޕްލައި ރިޑަކްޝަނަށް މިހާތަނަށް ކުރެވުނު މަަސައްކަތްތަކުގެ ތެރޭގައި 150 މިލިއަނާއި ގާތްކުރާ އަދަދައެއްގެ ސާމާނު ހިފަހައްޓާފައިވާކަމަށެވެ. އަދި މިފަދަ ގޮތަކަށް ތަފާތު އޮޕަރޭޝަންތަކެއްގެ ތެރެއިން އެންމެ ގިނައިން އަތުލައިގަނެފައިވާ އަދަދަކީވެސް މިއީކަމަށާއި މީގެ ކުރިން މިފަދަ އަދަދުތަކުން އަތުލައިގަނެފައިވަނީ ސިންގަލް އޮޕަރޭޝަންތަކުގެ ތެރެއިންކަމަށް ފާހަގަކުރެއްވިއެވެ.
އިހުސާން ވިދާޅުވީ، މިހާރު ކުރެވެެމުންދާ ކަންކަމުގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށާއި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެފަދަ އަމަލުތައް ހިންގާ މީހުން ދެނެގަނެ، މާލީ ކަންކަން ހުރި ގޮތްވެސް ބަލާފައިވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އިސްލާހުތަކެއް ގެންނަން ހުރިކަމަށާއި އެ ބަދަލުތައް އައުމުން އެތެރެކުރަމުންދާ ނެޓްވޯކްތައް އަތުލައިގަނެވޭނެކަމަށެވެ. ޑިމާންޑު ރިޑަކްޝަން މަސައްކަތްތަކުގައި ކުރަމުންދަނީ މިވަގުތު ކަންކަން ހުރި ހާލަތު ބެލުމުގެ ކަންކަން ކަމަށާއި އެންމެ ފަހުން ތަފްސީލީ ގޮތެއްގައި ހާލަތު ދެނެގަތުމުގެ މަސައްކަތްތަކެއް ކުރެވިފައިވަނީ 2012 ވަނަ އަހަރުގައިކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އޭރު ރާއްޖޭގައި ބޭނުންކުރާ މީހުންނާއި ބޭނުންކުރާ އަދަދާއި ބާވަތްތައްވެސް ދެނެގަތްކަމަށާއި އޭގެ ފަހުން އެފަދަ މަސައްކަތެއް ކުރެވިފައިނުވާކަމަށްވެސް ހާމަކުރެއްވިއެވެ.

