ފިނޭންސް މިނިސްޓްރީއިން ދައްކަން ޖެހިފައިވާ ބިލުތަކަކީ މި ސަރުކާރުން ކުރުވާފައިވާ މަސައްކަތްތަކެއްގެ ބިލުތައް ނޫންކަމަށާއި އެއީ ވާރުތަވީ އެއްޗެއްކަމަށް މިނިސްޓަރ ޑރ މުހައްމަދު ޝަފީގު ވިދާލުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަަރުވަނީ މިހާރު ސަރުކާރުން ބިލުތަކަށް ދަައްކަން ޖެހޭ ފައިސާ ދޫކުރަމުންދާ އުސޫލާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، އެސްއޯއީތައް އިސްލާހު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސަބްސިޑީ ގޮތުގައި ބޮޑު އަދަދުން ދެވޭ ފައިސާ ނުދީ އެ އަދަދަކީ ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ދޭ އެއްޗަކަށް ހެދުންކަމަށް ވިދާޅުވިއެވެ.
ނުދެއްކި ހުރި ބިލުތަކާއި ގުޅޭގޮތުން މެމްބަރުން ސުވާލުކުރައްވާފައިވާކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ބިލުތަކަކީ މި ސަރުކާރަށް ވާރުތަވެގެން އައިސްފައިވާ ބިލުތަކެއް ކަމަށާއި ސަރުކާރުން ބަލަނީ ދައްކަން ޖެހިފައިވާ ފައިސާ ލަސްތަކެއް ވުމެއް ނެތި ދެއްކުމަށްކަމަށް ހާމަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ފެބްރުއަރީ މަހުގެ ތެރޭގައި 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައިވެސް ފައިސާ ދޫކޮށްފައިވާނެކަމަށާއި، ސަރުކާރުގެ މަސައްކަތްތަަކަކީ ހުއްޓުމެއް ނެތި ކުރިއަށްދާނެ އެއްޗެއްކަމަށްވުމުން އެއް ބިލު ދައްކާ ނިމޭ އިރު އަނެއް ބިލު ދައްކަން ޖެހޭކަމަށް ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ޖެނުއަރީ މަހާއި ފެބްރުއަރީ މަހަކީ ދައުލަތަށް ގިނައިން އާމްދަނީ ލިބުނު މަސްތައްކަމަށްވީނަމަވެސް މޭ މަހާއި ޖޫން މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ނުވަތަ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްކަމަށެވެ.
އެހެންނަމަވެސް ޖުލައި މަހުގައި ޖުލައި މަހުގެ ތެރޭގައި އިންޓެރިމް ޓެކްސް ރިޓާންތައް ހުށައެޅުމުން އާމްދަނީ އިތުރުވެގެން އަންނާނެކަމަށްވުމުން މާލީ އިސްލާހުތަކާއި އެކު ހަރަދުތައް ކުޑަކުރެވިއްޖެ ހާލަތެއްގައި ބިލުތައް ދެއްކުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ހުރި މައްސަލަތައް ހައްލުކުރެވުމުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އަވަހަށް ދޭންށާއި ރާއްޖޭގެ އިގްތިސާދު ހިނގަންޖެހޭ ގޮތުގެ މަތިން ހިންގުމަށް ފުރުސަތު ބޮޑުވެގެންދާނެކަމަށް ވިދާޅުވިއެވެ.

