އެއް ލައްކައިގައި ބިދޭސީންގެ ލިމިޓު ހިފަހައްޓާފައިވަނީ ގާނޫނުތަކާއި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާތީކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މުއައްސަސާއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާންވަނީ ދިވެހިރާއްޖޭގެ ލޭބާރ މާކެޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އިހުސާާން ވިދާޅުވީ، ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ލިބިވަޑައިގެންފައިވާ މައުލޫމާތުތަކާއި ތަޖުރިބާތަކަށް ރިއާޔަތްކުރުމުން ރާއްޖޭގެ ލޭބާރ މާކެޓުގައި އެޅުވިފައިވާ އެއް ލައްކައިގެ ލިމިޓު އިތުރުކުރަން ނުފެންނަކަމަށެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގައި މިވަގުތު ލޭބާރ ޑިމާންޑު އެއްލައްކައަށްވުރެ ބޮޑުކަމަށް ގަބޫލުކުރައްވާކަމަށާއި ހާއްސަ ގޮތެއްގައި ފެށުމަށް ކަނޑައެޅިފައިވާ ބޮޑެތި މަޝްރޫޢުތަކާއި ބޭނުންވާ މަސައްކަތްތެރިން މިވަގުތު ރާއްޖޭގައި ނެތްކަން ފާހަގަކުރެއްވޭކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އަންސްކިލްޑް ލޭބާރ ކެޓަގަރީގެ ދަށުން ދިވެހި މަސައްކަތްތެރިންވެސް މާކެޓަަށް ވަންނަމުންދާ ތަން ނުފެންނަކަމަށްވުމުން ލޭބާރ މާކެޓުގައި ޑިމާންޑު އޮތްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެ ޑިމާންޑު ކުރިއަށް އޮތްތާނގައި އިތުރުވެގެންދާނެކަމަށާއި ދިވެހި އިގްތިސާދުގެ މިސްރާބު ހުރި އެގޮތަށްކަމަށް އަލިއެޅުއްވިއެވެ. އިހުސާން ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ލޭބާރއަކީ އާންމު ހާލަތެއްގައި އިމްޕޯޓުކުރެވިގެން އަންނަ ވަސީލަތެއްކަމަށާއި ރާއްޖޭގައިވެސް ”ބެރިއާރ“ އެއް ނުވަތަ އިގްތިސާދަށް ހުރަހެއްގެ ގޮތުގައި ލިމިޓެއް ބޭއްވުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ހާމަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް ދަތިތަކެއް ނުވަތަ ހުރަސްތަކެއް ކުރިމަތިވެގެންދާނެ ފަދަ ގޮތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި އެއް ލައްކައިގެ ލިމިޓެއްގައި ހިފަހައްޓާފައިވަނީ ރާއްޖޭގައި ގަވައިދާއި ހިލާފަށާއި ލިޔެކިއުންތަކެއް ނެތި އުޅޭ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާތައް ހުރުމުންކަމަށް މައުލޫމާތު ދެއްވިއެވެ.
އިހުސާން ވިދާޅުވީ، ލިމިޓެއްގައި ހިފަހައްޓާފައިވަނީ އެ މައްސަލައަށް ހައްލެއް ގެނެެވެންދެންކަމަށާއި މިހާރު ސަރުކާރުން ކުރަމުންދާ ލިޔެކިއުން ނެތް ބިދޭސީން ދެނެގަތުން ފަދަ މަސައްކަތްތައް ނިމުމުންނާއި ކައުންސިލުތަކާއި ގުޅިގެން ވަގުތުން މީހަކު އެއީ ކާކުކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ނިމުމުން ދައުލަތުގެ ޑިމާންޑާއި އެއްގޮތަށް އެއްލައްކައިގެ ލިމިޓު އުވާލުމަކީ ކުރެވިދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އެކަން ހުށައަޅާނީވެސް އެކަންކަން ހާސިލުކުރެވުމުންކަމަށާއި މިހާރު ކަންކަން ހުރި ހާަލަތުގައި އެކަން ކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

