ފޭކު ނަންބަރު ބޯޑު ޖަހާފައިތިބި އުޅަނދުތަކެއް ޓޯކޮށްފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މިނިސްޓްރީއިންވަނީ ޕާކުކުރާ އުޅަނދުތައް ޓޯކުރަމުންދާނެ 9 ސަރަހައްދެއް ކަނޑައަޅާފައިކަމަށާއި އެ ސަރަހައްދުތަކުގައި ޕާކުކުރާ އުޅަނދުތައް ކޮންޓިނުއަސްލީ ޓޯކުރަމުންދާނެކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެތަންތަން އިއުލާނުކުރާނެކަމަށާއި ހާއްސަ ގޮތެއްގައި ސުކޫލުތަކާއި މިސްކިތްތައް ފަދަ ތަންތަނާއި އާންމުން ވަދެ ނުކުމެ ހެދުމަށް ޖާގައިގެ ގޮތުގައި ހިމެނޭ ތަންތަނުން އުޅަނދުތައް ޓޯކުރާނެކަން ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު އެހެން ޒޯންތަކަށް ރެޖިސްޓަރ ކޮށްފައިތިބި ބައެއް އުޅަނދުތައްވެސް ޓޯކޮށްފައި އެބަ ހުރިކަމަށާއި އެއްވެސް ވަރަކަށް ރަސްމީ ރެޖިސްޓްރޭޝަނެއް ނެތި ފޭކް ނަންމަބަރުތައް ޖަހާފައިތިބި އުޅަނދުތަކެއްވެސް ފުލުހުން ޓޯކޮށްފައިވާކަން ހާމަކުރެއްވިއެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ، އެ އުޅަނދުތައް ކަނޑައެޅިފައިވާ ހާއްސަ ސަރަހައްދަކަށް ގެންގޮސް އެތަނުގައި ބާއްވައިގެން ރަސްމީ ސިފައެއްގައި ރަޖިސްޓީކުރުމަށް ސަރުކާރުންވަނީ މިހާރު ފުރުސަތު ހުޅުވާލާފައިކަމަށެވެ. އަދި 40 ދުވަހަށް ފަހު އޮންނަ އުސޫލުގެ ތެރެއިން މަގުތައް މަތީ ޕާކުކޮށްފައި ތިބޭ އެފަދަ އުލަނދުތައް ޓޯކުރަމުންދާނެކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން 40 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ޒޯނަށް މިފަދަ އުޅަނދުތައް ގެންދިއުމަށް އިލްތިމާސްކުރައްވާކަމަށާއި އެއަށްފަހު ލިބޭ 6 މަސް ދުވަހުގެ ތެރޭގައި ރެޖިސްޓްރޭޝަން މަސަްއްކަތްތައްވެސް ފުރިހަމަކުރެއްވުމަށް އިރުޝާދު ދެއްވިއެވެ. އަދި ސަރުކާރުންވެސް ބޭނުންވަނީ ރައްޔިތުން އަގު ދީގެން ގެނެސްފައިވާ ވެހިކަލްތައް އޮންނަ ގަވައިދުގެ ތެރެއިން މަގުތައް މަތީ ދުއްވޭނެ މަގު ފަހިކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

