ގަވައިދާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީއިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މާލޭ ސިޓީ ކައުންސިލުންވެސް ފަށައިފިއެވެ.
އިމިގްރޭޝަނުން އަންނަނީ މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އަންނަނީ ފިޔަަވަޅު އަޅަމުންނެވެ. އެގޮތުން މިހާތަނަށް 3،000 އަށްވުރެ ގިނަ ބިދޭސީއިން ވަނީ ޑީޕޯޓުކޮށްލާފައެވެ.
”އެކްސް“ ގައި ކުރި ޕޯސްޓެއްގައި މަލޭ ސިޓީ ކައުންސިލުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުން ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފައެވެ.
މާލޭގައި ގަވާއިދާ ހިލާފަށް ހުއްދަ ނެތި ކޯބާތަކެތި ވިއްކަމުން ދިޔަ ތަނެއް ހޯދައި، އެކަން އިމިގްރޭޝަނަށް ރިޕޯޓް ކޮށްފައިވާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ހުރަވީ ގޯޅިތެރޭގައި ގަވާއިދާ ހިލާފަށް ގެސްޓް ހައުސް ވިޔަފާރި ކުރަމުންދާތީ، އެތަން ޗެކްކުރިއިރު، ސިނގިރޭޓާއި އެނާޖީ ޑްރިންކް ވިއްކަމުންދާކަން ފާހަގަ ކުރެވިގެން އެކަންވެސް ރިޕޯޓުކޮށްފައިވާނެކަމަށް ބުންޏެވެ.
ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެހެން ބައެއް މުވައްސަސާތައް ހިމަނައި ޕްރޮގްރާމް ފުޅާކުރީ މިދިޔަ ހުކުރު ދުވަހެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ލަފާދެއްވާފައި ވަނީ މި މައްސަލައިގައި ސަރުކާރާއި ދައުލަތުގެ އެއް ވުޒާރާ އަނެއް ވުޒާރާ ގުޅިގެން އަވަސް ހައްލެއް ހޯދުމަށް ކަމަށެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއިން ހޯދުމުގެ މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއާއި އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އިކޮނޮމިކް މިނިސްޓްރީ ޓާސްކްފޯހުގައި ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެކަން ފާހަގަކޮށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީ ބައިވެރިވެ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.
މި އޮޕަރޭޝަނާއިއެކު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުމަށްޓަކައި އަތޮޅު ތެރެއަށް ދާ މައްސަލަ ބޮޑުވެ އަތޮޅު ތެރެއަށް އޮޕަރޭޝަން ފުޅާކުރުމަށް މިހާރު އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

