އެމްޑީޕީގެ ދައުރުގައި ސިޔާސީ ތައައްސުބު އިސްކޮށް ޒިންމާދާރުކަން ކުޑަކޮށް 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި 2025 ވަނަ އަހަރުގެ ބަޖެޓު ހުށައަޅުއްވަމުން މިނިސްޓަރު ޒަމީރު ވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު އަދި އެ ހާލަތު ގޯސްވުމަށް ދިމާވެފައިވާ ސަބަބުތަކުގެ ބައެއް ތަފްސީލުތައް ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑު-19 އަދި ތެލުގެ ބާޒާރުގެ އަގުތައް އުފުލުމާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ގުޅޭ މުހިންމު ހަރަދުތަކެއް އިތުރަށް ކުރަން ޖެހުމުން އެކަން ކުރިއަށް ގެންދެވޭނެ ހަމައެކަނި ގޮތަކީ ދަރަނިވެރިވުމާއި ފައިސާ ޗާޕުކުރުންކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށައަޅަމުން ބަޔަކު ވަކާލާތު ކުރިކަމަށެވެ.
ޒަމީރު ވިދާޅުވީ، މިކަންކަން މިގޮތުގެ މަތިން ކުރިއަށް ގެންދިއުމުގެ ތެރެއިން 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މަޖިލީހުގެ ރުހުމާއިއެކު އެމްޑީޕީގެ ސަރުކާރުން 8.8 ބިލިއަން ރުފިޔާ މަރުކަޒީ ބެންކުން އަނބުރާ ދެއްކުމަށްޓަކައި ރޭވުމަކާއި ނުލައި ދަރަންޏަށް ނަގާފައިވުން ޒަމީރު ސިފަ ކުރެއްވީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ކުރި މަސައްކަތެއްގެ ގޮތުގަ އެވެ.
މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރު ކޮވިޑްގެ ހާލަތުން ވީއްލި އިގްތިސާދު އިޔާދަވެ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި ފައިސާ ޗާޕުކުރުމަށް ކަނޑައަޅާފައިވާ އިސްތިސްނާތަކުގެ ހާލަތު ނެތިދިއުމަށްފަހު ވެސް އެމްޑީޕީގެ ސަރުކާރުން ދިވެހި ރައްޔިތުންނާއި ގައުމުގެ މަސްލަހަތުގެ މައްޗަށް އިސްކުރީ ސިޔާސީ ތައައްސުބެއް ކަމަށެވެ. ސިޔާސީ ތައައްސުބު އިސްކޮށް އިތުރުކުރަމުންދިޔަ ހަރަދުތައް ފޫބެއްދުމުގެ ގޮތުން ފައިސާ ޗާޕުކުރުމުގެ ޒިންމާދާރުކަން ކުޑަ ސިޔާސަތު ކުރިއަށް ގެންދިޔަ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އިގްތިސާދު އިތުރަށް ފުޅާކުރުމާއި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމާއި ކުރަންޖެހިފައިވާ ހޭދަތަކުގެ ނަމުގައި ސަރުކާރުގެ ހަރަދުތައްވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިގްތިސާދާއި ދައުލަތުގެ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އުފުލިފައިކަމަށެވެ. އެގޮތުން ފަސް އަހަރު ކުރިން ދައުލަތުގެ ބަޖެޓު 28.2 ބިލިއަން ރުފިޔާގައި ހުރިއިރު 2023 ވަނަ އަހަރު 50.9 ބިލިއަން ރުފިޔާއަށް އަރާފައިކަމަށާއި ނަތީޖާއެއްގެ ގޮތުން މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓްރެސްޓަށް ހޭދަކުރަންޖެހިފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ފައިނޭންސް ކުރާނެ ޕްލޭނެއް ނެތި މިގޮތުގެ މަތިން ދައުލަތުގެ ހަރަދުތައް އުފުލަމުންދިއުމުގެ އަނެއް ނަތީޖާއަކީ ސަރުކާރަށް ހިދުމަތްތައް ފޯރުކޮށްދޭ ވެންޑަރުންނާއި ކޮންޓްރެކްޓަރުންގެ ބިލުތަކަށް ފައިސާ ނުދެއްކި ދިއުންކަމަށެވެ. އަދި ރޭވުންތެރިކަމެއް ނެތި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފަނާކުރަނިވި ފިސްކަލް ޕޮލިސީއެއް ތަންފީޒުކުރަމުންދިއުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔާތު އޮތީ ހަރާބުގެ މަގަށް ހުށައެޅިފައިކަމަށާއި އާހިރު ނަތީޖާއަކީ މުޅި ރާއްޖެ ނުރައްކާތެރިކަމާއި ހަލާކުގެ ތެރެއަށް ހުށައެޅިގެންދިއުންކަމަށެވެ.

