ހުޅުމާލޭ ތިން ވަނަ ފިޔަވަހީގައި ތަރައްގީކުރަން ހަވާލުކުރި 8.8 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު ނުހުއްޓޭ ކަމަށާއ،ި ނަމަވެސް އެ މަޝްރޫއުގެ އިންވެސްޓަރުން ބޭނުންވެގެން މަޝްރޫއަށް ބަދަލުގެންނަމުންދާކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި މާލީ ފްރީޒޯނެއް ގާއިމްކުރުމުގެ މަޝްރޫއުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުއެވެ.
ސައުދީގެ ޝާހީ އާއިލާގެ ބޭފުޅަކު ރާއްޖެ ވަޑައިގެން ފެއްޓެވި އެ މަޝްރޫއުގެ ބިންގާ އެޅިތާ އަހަރެއް ވެފައިވާއިރު، މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ ”ސަންގުން“ މިއަދު ސުވާލުކުރުމުން މުންދު ވިދާޅުވީ، އެ މަޝްރޫއު ނުހުއްޓޭ ކަމަށެވެ. ނަމަވެސް، މަޝްރޫއުގެ އިންވެސްޓަރުން ބޭނުންވެގެން މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޝްރޫއަށް ހުށަހަޅާ ބަދަލުތަކާއެކު އަލުން ފީސިބިލިޓީ ހަދައި ހުއްދިނުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށެވެ.
”އެ ބޭފުޅުންގެ މަސައްކަތުގެ ސްކޯޕަށް ބަދަލެއް ގެންނެވި ކަމަށް ވަނީ. އެ ބޭފުޅުން މަޝްރޫއު ހުށަހެޅުއްވިއިރު ގެންގުޅުއްވި ސްކޯޕަށް އެ ބޭފުޅުން އަމިއްލައަށް ބޭނުންފުޅުވެގެން ހުށަހަޅުއްވައިގެން ކަމާ ބެހޭ ފަރާތްތަކުން ރިވައިސްޑް ސްކޯޕްގެ ފީޒިބިލިޓީއާއި އެޕްރޫވަލްސްއާ ކަންތައްތައް އެ ދަނީ،“
މަޝްރޫއު އިތުރަށް ފުޅާކުރަނީތޯ ނުވަތަ ކުޑަކުރަނީތޯ ސުވާލުކުރުމުން މުންދު ފުރަތަމަ ވިދާާޅުވީ، މަޝްރޫއު އިތުރަށް ފުޅާކުރަނީ ކަމަށެވެ. ނަމަވެސް، ފަހުން އިތުރަށް ސުވާލުކުރުމުން މުންދު ވިދާޅުވީ އެކަން ޔަގީނެއް ނޫން ކަަމަށާއި އެކަން ޔަގީން ވާނީ އިންވެސްޓަރުންނާއެކު ކުރިއަށްދާ މަޝްވަރާތަކަށްފަހު ކަމަށެވެ.
ކުރިން ސަރުކާރުން އާންމުކުރި މައުލޫމާތުތަކުގައި ވާގޮތުން 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ދަށުން ގާއިމްކުރަން ހަވާލުކުރި ފައިނޭންޝަލް ސެންޓަރުގެ ބޮޑުމިނަކަށް ވާނީ 780,000 އަކަމީޓަރެވެ.
އެ މަޝްރޫއުގެ ތެރޭގައި ހިމެނޭނެ ކަމަށް އޭރު ބުނި ބައެއް ކަންކަން:
- ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތައް
- މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތައް
- ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތައް
- ތަފާތު އެކި ރީޓެއިލް ތަޖުރިބާތައް
- އޯޝަނޮގްރަފިކް މިއުޒިއަމްއެއް
- މިސްކިތެއް
- އިންޓަނޭޝަނަލް ސްކޫލެއް
އެ ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށާއި ދުވާލެއްގެ މައްޗަށް 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ. އޭރު އެ މަޝްރޫއު ހުށަހެޅީ 2030 ވަނަ އަހަރުގެ ނިޔަލަށް ނިންމާށެވެ.

