ބޮޑުތަކުފާނު ތާރުއެޅުމުގެ މަސައްކަތް ނިންމާ ޖުލައި 26ގެ ނިޔަލަށް މުޅިން ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިހާރު ތައްޔާރުވެފައިވަނީ ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފެށުމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ފޭސް 1ގައި ހިމަނާފައިވާ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތެވެ. އެއީ 700 މީޓަރަށްވުރެ ބޮޑު ސަރަޙައްދެކެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ ތެރޭގައެވެ.
މަޝްރޫއުގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. މަގު ފުޅާކޮށް، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތްތާއި ފެނާ ނަރުދަމާގެ ވިއުގަގެ މަސައްކަތްތަކުގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ. މަގު ފުޅާކުރުމަށް 6 މީޓަރު ބޭރަށް އެއްގަމު ތޮށި ޖައްސާ، ތޮށި ވަނީ މުޅިން އައުކޮށްފައެވެ. މުޅި މަޝްރޫއުގައި 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްގީކުރެއެވެ.
މިހާރު ކުރަމުންދަނީ މަގުގައި ތާރު އެޅުމުގެ ފަހުގެ ތައްޔާރީތައްކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ. މަގު އެއްވަރުކުރުމުގެ މަސައްކަތާއެކު ސަބް ގްރޭޑިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނެފައިވަނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1، 2 އަދި 3 އެކީގައި ތާރުއެޅުމަށް ނިންމާފައިވާ ކަމަށާއި، އަމާޒަކީ ޖުލައި މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް މަގު ހުޅުވާލުން ކަމަށެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އައު ފަރުމާގެ ދަށުން މަގު ހަ މީޓަރަށް ފުޅާކުރެވި، ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބަނދަރުގެ ތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މަގު ތަރައްގީކުރުމުގެ އިތުރުން، އެ ސަރަހައްދު ފެހިކޮށް ހިތްގައިމު ކުރުމަށް ޓަކައި ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ބޭރުމަގުގައި ”ގްރީން ބެލެޓެއް“ ތަރައްގީކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

