މާލޭގައި ހިންގަމުންދާ ކާބޯތަކެތި ވިއްކާ ތަންތަނުގައި މާލެ ސިޓީ ކައުންސިލުން ދޫކުރާ ”އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ“ އޮތްތޯ ޗެކްކުރުމަށް ޓަކައި ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ފަރާތުންނެވެ.
އެ އިންސްޕެކްޝަން ދަށުން މާލޭގެ ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ އިތުރުން ޓޭކްއަވޭ ޕޮއިންޓްތައް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މިހާތަނަށް ކާބޯތަކެތި ވިއްކާ 20 އައުޓްލެޓް ބަލައި ޗެކްކުރެވިފައިވެއެވެ.
އެ އިންސްޕެކްޝަންގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގެ ހުއްދަތަކުގެ އިތުރުން، އެ ތަންތަނުގެ ދުންހޮޅިތަކުގެ މައްސަލަތަކާއި ތަނުގެ ޢާންމު ސާފުތާހިރުކަން ހުރި މިންވަރު ވެސް ވަނީ ޗެކްކޮށްފައެވެ. އަދި އެ ތަންތަނުން ކުނި މެނޭޖްކުރާ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށް، ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން އިޞްލާޙު ކުރުމަށް ވަނީ އަންގާފައެވެ.
އިމާރާތް ވަކިކަމަކަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގެ އެއްވެސް އިމާރާތެއްގައި ވިޔަފާރި ކުރުމަކީ ޤަވާޢިދާ ޚިލާފު ކަމެކެވެ. އެހެންކަމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ޤަވާޢިދާ އެއްގޮތަށް ނަގަންޖެހޭ އެންމެހާ ހުއްދަތައް ފުރިހަމަކޮށްގެން ވިޔަފާރި ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

