ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ހާފުގެ ނަތީޖާ: ރައީސް ސޯލިހު 4، ރައީސް ނަޝީދު 0

ޝެއާރކޮށްލާ ކަހަލަދޯ؟

ގ.ކެނެރީގޭ މުހައްމަދު ނަޝީދާއި ޅ.ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ސޯލިހަކީ ޅަ އިރުއްސުރެ، ބެސްޓް ފްރެންޑުންނެވެ. ދެ ބެސްޓް ފްރެންޑުންނަށްވެސް ރާއްޖޭގެ ތަހުތުގެ އަރާމު ފެނިއްޖެއެވެ. ރައީސް މުހައްމަދު ނަޝީދަށް 2008 ވަނަ އަހަރުއެވެ. ދައުރެއްގެ މެދުކެނޑުމަކަށްފަހު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރައީސް ނަޝީދަށްވެސް އެއް ދައުރެވެ، ދައުރެއް މުޅީން ފުރިހަމައެއްވެސް ނުކުރެއްވެއެވެ. ރައީސް ސޯލިހު އެގެންދަވަނީ ދައުރެއް ފުރިހަމަ ކުރައްވަމުންނެވެ. ދެ ބެސްޓް ފްރެންޑުންނަށްވެސް ގާނޫން އަސާސީ ބުނާގޮތުން އަދި އެއް ދައުރު ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަން ކުރެވިދާނެއެވެ. ސުވާލަކީ 2023 ގައި ނުކުންނަވާނީ ކޮން ބޭފުޅެއްތޯއެވެ؟ ދެބޭފުޅުންކުރެ ބޭފުޅެއް އަނެއް ބޭފުޅާއަށް ދޫކުރައްވަފާނެހެއްޔެވެ؟

އެމްޑީޕީގެ އާއްމު މެމްބަރުން ގަބޫލުކުރާހިތްވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހު އަބަދުވެސް ތިއްބަވާނީ އެކުކަމަށެވެ. އަމިއްލަ ހިތްހަމަޖެހުމަކަށް އަމިއްލަ ނަފްސަށް އެހެން ވިސްނުވައިދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ އެ ދެބޭފުޅުންނަކީ މިއަދު ސިޔާސީ ހަތުރުންނެވެ. މީޑިއާއަށް ދައްކަވާ ފޮޓޯއާއި އަސްލު ވަރަށް ތަފާތެވެ. އެމްޑީޕީގެ އާއްމު މެމްބަރުން ގަބޫލުކުރަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުމެއް އަންނަ ވަގުތުގައިވެސް އެއީ ރައީސް ސޯލިހާއި ރައީސް ނަޝީދު ކުޅުއްވާ ސިޔާސީ ކުޅިއެއްކަމަށެވެ، އެދެބޭފުޅުން ރާއްވަވައިގެން ހިނގާ ކަމެއްކަމަށެވެ. އަދި އެ ދެބޭފުޅުން ދުވަހަކުވެސް އެއް ކަމެއްގައި އެކަކު އަނެކަކާއި ވާދަނުކުރައްވާނެކަމަށެވެ.

ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބާއި ހަމައިން އެކި ފަހަރުމަތިން އެކި ނަންނަމުގައި އެބޭފުޅުން ތަޅައިފިއެވެ. ތިރީގައި މި ލިސްޓްކޮށްލަނީ އެތެޅުންތަކާއި، އެ ތެޅުންތަކުގައި މޮޅުވި އަދި ބަލިވި ބޭފުޅާއެވެ.

2018 އެމްޑީޕީގެ ރިޔާސީ ޓިކެޓް:

ރައީސް ސޯލިހާއި ރިޔާސީ ޓިކެޓް ހަވާލުކުރެވުނު ރޭ.. ފޮޓޯ ރާއްޖެއެމްވީ

2018 ވަނަ އަހަރު ރައީސް ޔާމީނާއި ވާދަކުރުމަށް ގިނަ ކެންޑިޑޭޓުންތަކެއް ބޭނުންވިއެވެ. ރައީސް މައުމޫންވެސް ބޭނުންވިއެވެ، ނަމަވެސް ގާނޫނު އަސާސީގެ އުމުރު ކަނޑައެޅިފައި އޮތުމުން އެ ޖާގައެއް ނުލިބުނެވެ. ގާސިމް އިބްރާހިމްވެސް ބޭނުންވިއެވެ. ނަމަވެސް ގާސިމަށްވެސް ޖެހުނީ ރައީސް މައުމޫނަށް ދިމާވި އުމުރުގެ މައްސަލައެވެ. އަދާލަތުޕާޓީގެ ރައީސަށް ހުރަހަކަށްވީ ހުކުމެވެ. ރައީސް ނަޝީދަށްވެސް ހުރަހަކަށްވީ ޖަލު ހުކުމެވެ.

މިހުރިހާ ބޭފުޅުންނާއި ރައީސް ނަޝީދުގެ ތަފާތަކީ އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ބިޔަ ޕާޓީއެވެ. ރައީސް ނަޝީދަކީ ބޭރު ދުނިޔޭގައި ނުފޫޒުގަދަ ފަރާތެކެވެ. 2008 ވަނަ އަހަރުވެސް ވެރިކަމަށް ކުރިމަތިލެވޭގޮތްވީ ފަހު ވަގުތުއެވެ. އެހެންކަމުން އެމަނިކްފާނު އެމްޑީޕީގެ މެމްބަރުންނަށް އެކި ފަހަރުމަތިން ދެއްވި ޔަގީންކަމަކީ “އަޅުގަނޑގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެ” ކަމުގެ ޔަގީންކަމެވެ. “އަޅުގަނޑުގެ ނަން ނެތް އިންތިހާބެއްގައި އެމްޑީޕީއިން ބައިވެރި ނުވާނެ” ކަމަށާއި، “އެމްޑީޕީގެ ކެންޑިޑޭޓްގެ ނަން ނެތް އިންތިހާބެއް ބޭރު ދުނިޔެއިން ގަބޫލު ނުކުރާނެ” ކަމުގެ ޔަގީންކަމެވެ. އެއަށްފަހު އެމްޑީޕީއިން ދަތީގައި، ރައީސް ނަޝީދު އެކަނި ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީ ބާއްވާ، ކެންޑިޑޭޓްކަން ހޯދިއެވެ.

މިމައުޟޫގައި ކިތަންމެ ދިގުކޮށްވެސް ލިޔެވިދާނެއެވެ. ނަމަވެސް ކުރުކޮށްލާނަމެވެ، ރައީސް ނަޝީދު ބޭނުންވީ އެމަނިކްފާނަށް ބައިވެރިނުވެވޭނަމަ އިންތިހާބުގައި އެމްޑީޕީއިން ބައިވެރިނުވާންށެވެ. އއ އުކުޅަހުގައި އެމްޑީޕީއިން ބޭއްވި “އައުދަޔާހިލާފު ކޮންގްރެސް”އާއި ހަމައަށްވެސް ރައީސް ނަޝީދު ހުންނެވީ ދޫކުރައްވާގޮތަކަށް ނޫނެވެ. ނަމަވެސް އެ ކޮންގްރެސްއަށް ރައީސް ސޯލިހު ވަޑައިގެންނެވީ “އަދަދު ހަމަކުރައްވައިގެން” ނެވެ. ރައީސް ނަޝީދު އެ ދުވަހު ވީޑިއޯ މެސެޖް ނުދެއްވިނަމަ “ގަދަކަމުން” ވެސް ރައީސް ސޯލިހު އެދުވަހު އެމްްޑީޕީގެ ޓިކެޓް ރައީސް ނަޝީދު އަތުން އަތުލެއްވީހެވެ. ވޯޓް ހަމަވިކަން ރައީސް ނަޝީދަށް އެނގުމުން ޓިކެޓް ފަހުވަގުތު ހިތާއި ދެކޮޅަށް ދޫކޮށްލެއްވީއެވެ. ހުރިހާ ސިޔާސީ ޕާޓީއަކުން ރައީސް ސޯލިހު ފަހަތަށް އެރުއްވީއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ފުރަތަމަ ތެޅުމަކީ އެއީއެވެ. މޮޅުވީ ރައީސް ސޯލިހެވެ. ރައީސް ސޯލިހު 1، ރައީސް ނަޝީދު 0 އެވެ.

ވަޒީރުންގެ މަޖިލިސް އެކުލަވާލުން:

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފިއެވެ. އުފެދުނީ ކޯލިޝަން ސަރުކާރެއްކަމުން އެމްޑީޕީއަށްވެސް ލިބުނީ ސަރުކާރުގެ އިންސައްތައެކެވެ. އެމްޑީޕީއަށް ކެބިނެޓުން ލިބުނީ8 ސްލޮޓެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. އެމްޑީޕީއަށް ލިބުނު8 ސްލޮޓަށް ރައީސް ނަޝީދުވެސް ނަންތަކެއް ޕްރޮޕޯސްކުރެއްވިއެވެ. ގިނައެއްނޫނެވެ، ރައީސް ނަޝީދު ފޮނުއްވި އެންމެ ނަމެއްވެސް ރައީސް ސޯލިހު ކެބިނެޓަށް ގެންނަން އާނބަހެއް ނުދިނެވެ. ރައީސް ސޯލިހު ކެބިނެޓަށް ގެންނެވީ އެމަނިކްފާނު ބޭނުންވި8 ބޭފުޅެކެވެ. މިހާރުވެސް ރައީސް އޮފީހުގެ މިނިސްޓަރުންނާއި، އެޑްވައިޒަރުންގެ ގޮތުގައި މިއިން ބައެއް ބޭފުޅުން އެބަތިއްބެވިއެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހުން ޖާގައެއް ނުދެއްވައެވެ.

މި ދެ ބޭފުޅުންގެ ދެވަނަ ތެޅުމަކީ މިއީއެވެ. މޮޅުވީ ރައީސް ސޯލިހެވެ. ރައީސް ސޯލިހު2، ރައީސް ނަޝީދު0 އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ނެގުން:

މަޖިލީހުގެ ރައީސް ކަނޑައަޅަން އެމްޑީޕީ ޕީޖީއިން ބޭއްވި ބައްދަލުވުން.. ފޮޓޯ އަވަސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ސުޕަރ މެޖޯރިޓީ ހޯއްދެވިއެވެ. އެހާބޮޑު އަގްލަބިއްޔަތެއް އެމްޑީޕީއަށް ލިބުނީ ރައީސް ނަޝީދުގެ މިންނެއް ބުރަ މަސައްކަތުންނެވެ. މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ގޮނޑި ބަހައިގެން ނުކުންނަން އޮތްނަމަވެސް، ހުރިހާ ގޮނޑިއަކަށް އެމްޑީޕީއިން ވާދަކުރަން ނިންމީ ސީދާ ރައީސް ނަޝީދުގެ މަސައްކަތުންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް65 މެމްބަރުން ހޮވުމުގައި ކެންޑިނޭޅި ރެޔާއިދުވާ އެމަނިކްފާނު މަސައްކަތްކުރެއްވިއެވެ. ދުވަހަކު އަޑުވެސް ނާހާ ބައެއް ރައްޔިތުންގެ މަޖިލީހަށް ވަދެވުނީ ސީދާ ރައީސް ނަޝީދު މިބޭފުޅުންގެ ކެމްޕެއިނަށް ނުކުންނަވާ ކުރެއްވި މަސައްކަތުންނެވެ.

އިންތިހާބަށްފަހު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކަނޑައެޅުމެވެ. ކުރިންވެސް ފާހަގަކުރިހެން އެމްޑީޕީގެ65 މެމްބަރުން އިންތިހާބްވުމުގައި އެމަނިކްފާނުގެ ހިއްސާ ނުހަނު ބޮޑެވެ. އެހެންކަމުން “އަލަށް” މަޖިލިސްއަށް ވައިން ގިނަ މެމްބަރުން ތިއްބަވާނީ އެމަނިކްފާނުގެ ފަހަތްޕުޅުގައިކަމަށް ނިންމަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ނެރުއްވީ އައްޑޫ ހިތަދޫ ދާއިރާާގެ މެމްބަރު އަސްލަމެވެ. ރައީސް ސޯލިހު ނެރުއްވީ ވިލިފުށީ މެމްބަރު އަފީފެވެ. ފާޅުގައި ރައީސް ސޯލިހު އަފީފަށް ތާއީދުކުރެއްވިއެވެ.

ރައީސް ނަޝީދުވެސް އަސްލަމްގެ ކެމްޕެއިނަށް ނުކުންނަވާ މަޖިލީހަށް އިންތިހާބްވި މެމްބަރުންނަށް ގުޅުއްވަން ފެއްޓެވިއެވެ. މެމްބަރަކަށްފަހު މެމްބަރަކަށް ގުޅުއްވަން ފެއްޓެވިއެވެ. ރައީސް ނަޝީދު ފަޅިއަށް އެރުއްވީ 20 މެމްބަރުންނަށްވުރެ ގިނަ، 25 މެމްބަރުންނަށްވުރެ މަދު މެމްބަރެކެވެ. 40 ވަރަކަށް މެމްބަރުން ތިއްބެވީ ރައީސް ސޯލިހަށް ބައިއަތު ހިފައިގެންނެވެ. ރައްޔިތުންގެ މަޖިލީހަށް މުޅިން އަލަށް ވަންނަ މެމްބަރުން، ރައީސް ނަޝީދުގެ ބުރަ މަސައްކަތުން ހޮވި މެމްބަރުންވެސް އެމަނިކްފާނު ފަހަތަކަށް ނޭރިއެވެ.

ބެސްޓް ފްރެންޑަށް ކުރެވުނު ފޯން ކޯލް.. ފޮޓޯ އަވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކަނޑައަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ބައްދަލުވުމެއް ބޭއްވުނެވެ. ރައީސް ނަޝީދަށް އަދަދު ހަމައެއް ނުކުރެވުނެވެ. އަސްލަމާއި އަފީފް އެއްކޮށްގެން ވާހަކަ ދައްކަން ފަށައިފިއެވެ. އަސްލަމް ނުނެގޭކަން ރައީސް ނަޝީދަށް ކަށަވަރުވެއްޖެއެވެ. އެތަނުގައި “ކުޅުނު ޑްރާމާ” އަކަށްފަހު “އެންމެ ގާތް އެކުވެރިޔާއަށް ފޭކު ފޯން ކޯލެއް” ކުރުމަށްފަހު ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ގެންނަން ޕީޖީ ގްރޫޕުން ނިންމިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ ރައީސަކަށް ރައީސް ނަޝީދު ހަމަޖެހުނުނަމަވެސް، އެރޭ ހަގީގަތުގައި ވީ ބައްޔެކެވެ. ތެޅުން ތެޅީ ރައީސް ނަޝީދުގެ ފަރާތުން އަސްލަމް، ރައީސް ސޯލިހުގެ ފަރާތުން އަފީފެވެ. މޮޅުވީ ރައީސް ސޯލިހެވެ. ތިންވަނަ ބައްޔަކީ މިއީއެވެ. ރައީސް ސޯލިހު 3، ރައީސް ނަޝީދު 0 އެވެ.

ކުދި ތެޅުންތައް:

އެއަށްފަހު އައީ ކުދި ތެޅުންތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދު ނަގަން ބޭނުންވި ނަން ނުނެގުމުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ރައީސް ނަޝީދެއް ނުތަޅުއްވައެވެ. އަލީ އާޒިމާއި ވާދަކުރައްވާނެ އިތުރު ބޭފުޅެއް ނެތުމުން އަލީ އާޒިމް ޕީޖީ ލީޑަރުކަމަށް ވަޑައިގަތީ ފަސޭހަކަމާއެކު ރައީސް ސޯލިހުގެ ބޭފުޅެއްގެ ގޮތުގައެވެ. (ނަމަވެސް މިއަދު ރިޕޯޓް ލިޔެވޭއިރު ޕީޖީ ލީޑަރ އަލީ އާޒިމް ހުންނެވީ ރައީސް ނަޝީދު ފަޅީގައެވެ.)

2019 ވަނަ އަހަރު މެދެއްހާތާނގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ އެއްކޮށް، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫމް ހަދަން ތާއީދުކޮށް އެ ކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ވަކާލާތުކުރިއެވެ. އައިޔޫއެމްގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ރައީސް ޓްވީޓެއްކޮށްލި ހިސާބުން އެކަން ހިނދިއްޖެއެވެ.

އެއަށްފަހު މި 2020 ވަނަ އަހަރު ފެށުނުތަނާހެން ޖެންޑަރ މިނިސްޓަރުކަމުގައި ހުންނެވި ޝިދާތާ ޝަރީފާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރުގެ މައްސަލައެއް ފެންމަތިވިއެވެ. ރައީސް ސޯލިހު ވިދާޅުވިކަމަށްވަނީ ތިމަންމަނިކްފާނުގެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް “ނުނެގޭނެ” ކަމަށާއި “އެފުރުސަތެއް ނުދެއްވާނެ” ކަމަށާއި، އެމަނިކްފާނު ވަޒީރު ވަކިކުރެއްވުން ނުވަތަ ވަޒީރު އަމިއްލައަށް އިސްތިއުފާ ދެއްވާނީކަމަށެވެ. ކަންވީ އެހެންނެވެ، ވޯޓަކާއިހަމައަށް ނުދިޔައެވެ. މި އަހަރު ފެބުރުއަރީ ނިމެންދަނިކޮށް ޝިދާތާ ވަޒީރުކަމުން އިސްތިއުފާދެއްވީއެވެ.

މިކުދި ތެޅުންތައް މާބޮޑުކަމަކަށް ނަހަދާ ދޫކޮށްލާނަމެވެ.

ފައްޔާޒު ވަޒީރުކަމުން ބޭރުކުރަން އުޅުން:

މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް ނަޝީދު އިސްވެހުންނަވާ ކުރެއްވި މަސައްކަތަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވެއްދުމުގެ މަސައްކަތެވެ. އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދުގެ އިތުރަށް 30 ވަރަކަށް މެމްބަރުންގެ ސޮއިވެސް ހޯއްދެވިއެވެ. ފައްޔާޒަކީ ރައީސް ސޯލިހު އެންމެ އިތުބާރުކުރައްވާ އަރިސް ވަޒީރެވެ. އެހެންކަމުން ފައްޔާޒަކީ އެންމެ މައި ތަނބެވެ. ރައީސް ނަޝީދުގެ ބަހުން ނަމަ ފައްޔާޒަކީ އެމްޑީޕީގެ “ބުރޯ” އެވެ. އެތަނބު ވައްޓާލެވިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ރައީސް ސޯލިހު ހުންނެވިނަމަވެސް ކެބިނެޓްގެ ކޮންޓްރޯލް އޮންނާނީ ރައީސް ނަޝީދުގެ އަތްޕުޅުގައެވެ. ރައީސް ސޯލިހަކީ އަސް ނަމަވެސް، ލަގަން ލިބޭނީ ރައީސް ނަޝީދު އަތަށެވެ. އެއްވެސް ވަޒީރަކަށް މަގާމުގައި ދެމިހުންނެވިދާނެކަމުގެ ޔަގީންކަން ވަގުތުން ގެއްލޭނެއެވެ.

އެހިސާބުން ރައީސް ސޯލިހު ފައްޔާޒުގެ ދިފާއުގައި ނުކުންނަވައިފިއެވެ. ރައީސް ސޯލިހު ނުކުންނެވި ހިސާބުން، އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިއެޅުއްވި މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ސޮއިވެސް ނަގައިފިއެވެ. އެހިސާބުން އެފިލްމުވެސް ނިމުނީއެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ “އެމައްސަލަ” ވަޅު ލެވުނީއެވެ.

މިއީ ރައީސް ނަޝީދާއި ރައީސް ސޯލިހު ތެޅުއްވި ބޮޑު ހަތަރުވަނަ ތެޅުމެވެ. ބަލިވީ ރައީސް ނަޝީދެވެ. މޮޅުވީ ރައީސް ސޯލިހެވެ. ރައީސް ސޯލިހު 4، ރައީސް ނަޝީދު 0 އެވެ.

ހާފް ނިމުނުއިރު ކުރީގައި ރައީސް ސޯލިހު:

ރައީސް ސޯލިހު، ރައީސް ނަޝީދު. ދެން މުލިއާގެއަށް އިތުރު ދައުރަކަށް ވަދެވޭނީ ކޮން ބޭފުޅަކަށް ކަމެއް އަދި ނޭނގެ…

ދައުރު ދެބައިވާން ދަނީއެވެ. ދުރުގައިތިބެ ބަލާއިރު ލައްކަ ތެޅުން މި ދެ ބޭފުޅުން ތަޅައިފިއެވެ. 2023 އަންނަން އަދި ދުވަސް އެބައޮތެވެ. އެހެންކަމުން މިއީ ފުރަތަމަ ހާފް ކަމަށް ވެދާނެއެވެ. އަދި މޮޅުވެފައި އޮތީ ރައީސް ސޯލިހެވެ. ނިމޭއިރު ރައީސް ނަޝީދު މޮޅު ނުވާނެއެކޭ ނޫނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ބެސްޓް ފްރެންޑުންކަމަށާއި، ސިޔާސީ ކަމެއްގައިވެސް އެހެން ކަމެއްގައިވެސް ނުތަޅާނެއޭ ބުނާ މީހުން ވިސްނާލަންވީ ކަމަކީ މަތީގައި ބަޔާންކުރެވުނު ހުރިހާ ކަމަކީވެސް (ރިޔާސީ ޓިކެޓް، ވަޒީރުންގެ މަޖިލިސް، ރައްޔިތުންގެ މަޖިލިސް ރައީސް، ވަޒީރުންގެ އިތުބާރުގެ މައްސަލަ)، އެންމެ ގާތް ދެ އެކުވެރިން ވާހަކަދައްކައިގެން ގޮތް ނިންމޭނެ ކަންކަމެވެ. ނަމަވެސް ދެބޭފުޅުންވެސް ހިޔާރުކުރެއްވީ ރަނގަޅަށް ކުޅެގެން، ތަޅައިގެން މޮޅުވާ މީހެއް މޮޅުވާން ދޫކޮށްލާނީއެވެ.

ހަމަ ޔަގީނުންވެސް އިނގޭ އެއް ކަމެއް އެބަ އޮތެވެ. މިވަގުތާއިހަމައަށް 0-4 އިން މޮޅުވެފައި އަދި އޮތީ ރައީސް ސޯލެހެވެ. ލައްކަ ތެޅުން އަދި އެބަ އޮތެވެ. ހީވެސްނުކުރާހާ ބޮޑެތި ތެޅުންތަކެވެ. ބެސްޓްފްރެންޑްކަން ފެންނާނެއެވެ. މެޗެއް ނުނިމެއެވެ. 2023 އާއި ހަމައަށް އަންނަ ތެޅުންތަކުން މޮޅުވާ ފަރާތަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭނެއެވެ. މުލިއާގެއަށް އިތުރު ދައުރަކަށް ވަދެވޭނެ ބޭފުޅެއް އެނގޭނީ އެއަށްފަހުއެވެ.

ވަރަށް ގަދަ
12%ވަރަށް ގަދަ 19%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މި އާޓިކަލް ލިޔެފަ މިއޮތީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ވަރަށް ބީރައްޓެހި ކުއްޖެއް
    ތާރީހުގެ ތެރެއަށް ވަދެލާ ބައެއްކަހަލަ ކަންކަން އަމިއްލަޔަށްވެސް ސްޓަޑީ ކޮށްލުން ބުއްދިވެރި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: