ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ގޮތުން ކިތަންމެ ބޮޑު ނުރައްކާތެރިކަމެއްގެ ތެރޭގައި ތިއްބަސް ވެމްކޯ އިން ކުންޏަކާއި ދުރަކަށް ނުދާނެ ކަމަށް ވެމްކޯގެ ހައުސް ހޯލްޑް މެނޭޖަރު މުޙައްމަދު ޝާން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާން ވިދާޅުވީ، ކޮވިޑް-19 ގެ ބިރުވެރިކަމާއި ދަތި އުނދަގޫ ވަގުތުގައިވެސް ވެމްކޯގެ ހީވާގި ޓީމް އޮތީ އަތުކުރި އޮޅާލައިގެން ކަމަށާއި މި ހާލަތުގައިވެސް ފަސްޖެހުމެއް ނެތި ކުނިނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ޝާން ވިދާޅުވީ މިހާލަތުގައި ވެމްކޯ އިން ކުރަމުން ގެންދާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ވެމްކޯ އިން ދެމުން ގެންދާ އިރުޝާތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކޮށް ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ޝާން ވިދާޅުވިއެވެ.
މާލޭގެ ގޭ ބިސީތަކުންނާއި ވިޔަފާރިކުރާ ފަރާތްތަކުން އުކާލާ ކުނި ނެގުމުގައި މިވަގުތު ވެމްކޯއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި އެންމެ ދަތި އުނދަގުލަކީ އެފަރާތުން ދޭ އިރުޝާދުތަކާއި ގައިޑްލައިނާ އެއްގޮތަށް ބައެއް ފަރާތްތަކުން އަމަލު ނުކުރުން ކަމަށް ޝާން ވިދާޅުވިއެވެ.
ޝާން ވިދާޅުވީ ނިއު ނޯމަލްގައި މިހާރަކަށް އައިސް ގޭ ބިސީތަކުން ކުނި ނެރޭއިރު ވެމްކޯ އިން ދީފައިވާ ގަޑިތަކުގެ ބޭރުން ކުނި ނެރެފައި ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށާއި، އޭގެ ސަބަބުން ކުނި ނެގުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
މާލޭއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނުމާއެކު، މާލޭ ސަރަހައްދު ލޮކް ޑައުންގައި އޮތް ދުވަސްވަރު ވެމްކޯ އިން އެދުނީ މެންދުރު 12 އާއި މެންދުރުފަހު 2 އާއި ދެމެދު މަގުމަތީގައި ކުނިނެރިފައި ބެހެއްޓުމަށެވެ. އަދި އެގޮތަށް ނެރޭ ކުނި ބަންދުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއްވެސް ވެމްކޯ އިން ނެރުނެވެ.
ލޮކް ޑައުނަށް ލުއިތަކެއް ދިންފަހުން ވެމްކޯ އިން އެދިފައިވަނީ ކޮންމެ ގެއެއްގެވެސް އެންމެ ތިރީގައި ކުނި ބެހެއްޓޭ ގެތަކުން އެގޮތަށް އަމަލުކޮށްދިނުމަށެވެ. އަދި އެހެންވާން ނެތް ގެތަކުން މަގުމަތީގައި ކުނި ކުރިންވެސް ބަހައްޓަމުން އައިގޮތަށް އެކަން ކުރުމަށެވެ.
ޝާން ވިދާޅުވީ މިހާރަކަށް އައިސް ވެމްކޯގެ ޚިދުމަތް ނިމޭފަހުން ރޭގަނޑާއި ދަންވަރުވެސް ކުނި ބޭރަށް ނެރޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުމަށް ވެމްކޯގެ ފަރާތުންވެސް އެދޭ ކަމަށް ޝާން ވިދާޅުވިއެވެ.
މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި ވެމްކޯގެ މަސައްކަތްތައް ތަރުތީބުކުރަނީ، މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށް ޝާން ވިދާޅުވިއެވެ. އެގޮތުން މުޅި ދުވަހު ވެމްކޯގެ މުވައްޒަފުންވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅެން ބޭނުން ނުވާ ކަމަށާއި ސަބަބަކީ މަސައްކަތް ނިންމާފައި އެފަރާތްތަކުންވެސް އެނބުރިދަނީ އާއިލާ ގާތަށް ކަމަށް ޝާން ވިދާޅުވިއެވެ.
ޝާން ވިދާޅުވީ މިހާރަކަށް އައިސް އައިސް ވަރަށް ގިނަ ކަސްޓަމަރުން ވެމްކޯގެ ޚިދުމަތް ހޯދުން ކެންސަލް ކުރަމުންދާ ކަމަށާއި، އަދި ރަޖިސްޓްރީގައި ތިބި ކަސްޓަމަރުންގެ ފަރާތުންވެސް ބަރާބަރަށް ފައިސާ ދައްކަމުން އަންނަނީ ސާޅީސް އިންސައްތަ ކަމަށެވެ.
އެކަމުގެ ސަބަބުންވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ޝާން ވިދާޅުވިއެވެ. ނަމަވެސް ވެމްކޯ އިން މާލެތެރެ ގޮނޑުވާން ބޭނުން ނުވާ ކަމަށް ޝާން ވިދާޅުވިއެވެ.
”ބިލު ދެއްކުމުގެ ކަންކަމުގައިވެސް ވަރަށް ފަސޭހަތް ގޮތްތަކެއް މި އޮންނަނީ، އެކަމަކު ވަރަށް ދެރަވޭ މިހެން ދަންނަވަން، ކޮންމެ ގޮތެއްވިޔަސް މި ގެންގުޅެނީ ދިވެހި ބައިވަރު މުވައްޒަފުންތަކެއް، އެމީހުން ލައްވާ މަސައްކަތެއް ނުކުރެވޭނެ ދެއްތޯ އެމީހުންގެ ބަނޑު ފުރާ މުއްތި ކުރުވާނެ ފައިސާ ނުލިބެންޏާ، މި ދެވޭނީ ކަސްޓަމަރުންގެ އެހީތެރިކަންވެސް ލިބިގެން“ ޝާން
މީގެ އިތުރުން ޝާން ވިދާޅުވީ އަދި ކަސްޓަމަރުންގެ ފަރާތުން ލިބެންވާ ފައިސާ ނުލިބުނަސް، ވެމްކޯގެ މެނޭޖުމަންޓުން، ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދިނުމާއި ކަންކަން ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުންވެސް އެކަންކަން ހަމަޖެއްސުމާއި އެނޫންވެސް މަސައްކަތް ވެމްކޯގެ މެނޭޖުމަންޓުން ކުރާނެ ކަމަށެވެ.
ޝާން ވިދާޅުވީ ވެމްކޯގެ ރައުސުލްމާލަކީ ތަނުގެ މުވައްޒަފުން ކަމަށާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައި ނޫނީ އެހެން ކަމަކަށް ފޯކަސް ނުކުރާނެ ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހަކު ވަޒީފާއަށް ނުކުންނަ ހިސާބުން، ވެމްކޯގެ މުވައްޒަފުން މަސައްކަތް ނިންމާފައި ގެއަށްދާނީ ކަނޑައެޅިފައި އޮންނަ ޚާއްސަ އުސޫލެއްގެ ތެރެއިން ކަމަށް ޝާން ވިދާޅުވިއެވެ.
ޝާން ވިދާޅުވީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ޚާއްސަ ގައިޑްލައިންތަކެއް އެކުލަވާލެވިފައިވާ ކަމަށާއި، އެކަންކަން މޮނީޓަރ ކުރުމަށް ސުޕަވައިޒަރ ލެވެލްގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާ ކަމަށެވެ.

