ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ފިރިހެނުން މަހުރޫމްވި މައްސަލައިގައި ހޫނު ބަހުސްއެއް: “މަޖިލީހުން ނިންމި ގޮތަކީ އެއީ ރައްޔިތުން އެދޭގޮތް ނޫން ކަމަށް ނުބުނެވޭނެ”!

ކައުސިލް ގޮނޑި އަންހެނުނަށް ހާއްސަ ކުރި މައްސަލައިގައި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ އަޑު ނުހިމެނޭގޮތަށް ކަމަށް ބުނުމުގެ ފުރުސަތެއް ނެތް ކަމަށް ހައިކޯޓުން ބުނެފިއެވެ.

ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރާއިރު، އައްޑޫސިޓީގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަދި ފުވައްމުލަކުސިޓީގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ވަނީ ކަނޑައަޅާފައެވެ. ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭނެއެވެ. މި އިސްލާހު ބާތިލު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މޫސާ އަންވަރުއެވެ.

މައްސަލައިގައި މޫސާ އަންވަރު ވިދާޅުވެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވައުދުތައް ރައީސުލްޖުމްހޫރިއްޔާގެ ވެބްސައިޓުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނަށް ކައުންސިލްގެ ގޮނޑިތައް ހާއްސަ ކުރާ ވާހަކަ ހިމަނާފައި ނެތް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވިގެން ދިޔަ ގާނޫނެއް ކަމަށް އޭޖީ އޮފީހުން ބުނެފައިވާއިރު އެއީ ކޮން ވަގުތަކު، ކޮންތާކު އަދި ކޮން ބޭފުޅަކުވެފައިވާ ވައުދެއްކަމަށް އެ އޮފީހަށް ބުނެދެވިފައި ނުވާ ކަމަށެވެ. މޫސާ އަންވަރު ވިދާޅުވީ މިއީ މެނިފެސްޓޯގައި ލިޔެ، ރައްޔިތުންނަށް ވެފައިއޮތް ވައުދަކަށް ވިޔަސް ގާނޫނު އަސާސީއާއި ހިލާފަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

މޫސާ އަންވަރުގެ ވާހަކައިގައި ވަނީ ރާއްޖޭގެ ކައުންސިލްތައް ހިމެނޭހެން ކުރިޔަށް ގެންދިޔަ “ކައުންސިލަރުންގެ މަހާސިންތާ” ގައި ހުށަހެޅުނު ހިޔާލުތައް ފާހަގަ ކުރައްވާފައެވެ. އަދި ފިރިހެނުންގެ ހައްގު ގެއްލޭގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫޏަށް ގެންނައި އިސްލާހަށް ވާހަކަ ދައްކެވެމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ސިޔާސީ ގޮތުން ވާހަކަ ދެއްކމުމުގެ ބަދަލުގައި މައްސަލައިގެ  މައުޟޫއަށް ވާހަކަ ދެއްކެވުމަށް ވިދާޅުވެފައެވެ. ސިޔާސީ ގޮތުން ކުރެވުނު މަސައްކަތްތަކުގެ ބަދަލުގައި ސީދާ ގާނޫނު އަސާސީ އާއި، ގާނޫނުތަކާއި ގުޅިގެން ފާސް ކުރެވުނު ގާނޫނު ނުވަތަ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ގާނޫނު އަސާސީ އާއި ހިލާފުވާ ކަންތަކެއް ހުރިނަމަ އެކަން ހުށަހެޅުމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ރައްދުގައި މޫސާ އަންވަރު ވިދާޅުވީ މިއީ ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ގެނެވުނު އިސްލާހެއް ކަމަށް ދައުލަތުން ޖަވާބު ފޯމުގައި ބުނެފައިވާ ކަމަށެވެ. މޫސާ އަންވަރު ވިދާޅުވީ މި އިސްލާހު ގެނެވުނީ ރައްޔިތުން ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭގެ ރައްދަށް އަނެއްކާވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މަޖިލީހުގައި ތިއްބެވީ ރައްޔިތުންގެ ވޯޓުން އިންތިހާބުވީ ބައެއް ކަމަށެވެ. އެހެން ކަމުން، އެތަނުން ފާސް ކުރެވިގެންދާނީ ރައްޔިތުންގެ އަޑުކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ. އަދި މަޖިލީޙުން ފާސްކުރާ ކަންކަމަކީ ރައްޔިތުންގެ ހިޔާލް ނޫން ކަމަށް ނުބެލެވޭނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

“މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ގާނޫނެއް. ރައްޔިތުން ވޯޓު ދީގެން އިންތިހާބުކޮށްފައި އޮތް މަޖިލީހެއް، މަޖިލީހަކީ. އެހެންވީމަ ރައްޔިތުން އެދޭގޮތް އެތަނުން (މަޖިލީހުން) އެ ފާސް ކުރަނީ އިނގޭތޯ…… މިހާރު މި ގާނޫނެއް، ގާނޫނު އަސާސީ އާއި ހިލާފުވާކަމަށް ތި ވިދާޅުވަނީ. އެހެންވީމަ ގާނޫނު ފާސްކޮށްފައި މިއޮތީ ރައްޔިތުންގެ މަޖިލީހުން. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައި އޮތް މަޖިލީހެއް. އެހެންވީމަ އެ މަޖިލީހަކީ ރައްޔިތުން އެދޭގޮތަށް ކަން ނިންމާ މަޖިލީހެއްކަމަށް ބަލަން ޖެހޭނީ. މަޖިލީހުން ނިންމި ގޮތަކީ އެއީ ރައްޔިތުން އެދޭގޮތް ނޫން ކަމަށް އަޅުގަނޑުމެންނަކަށް ނުބުނެވޭނެ” ފަނޑިޔާރު ނިޔާޒް

މައްސަލައިގައި މޫސާ އަންވަރު ވިދާޅުވީ ސަބްސްޓެއިން އީކުއޭލިޓީ ގާއިމް ކުރުމަށް އެފަމެޓީ އެކްޝަންތަކެއް ނަގައި ހައްގުތައް ލިބިދިނިމުގައި، ވަކި ގިންތިއެއްގެ މީހުންނާއި މެދު އަމަލު ކުރާވާހަކަ ދައުލަތުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް އަމަލު ކުރެވިދާނެކަމަށް ގަބޫލު ކުރާ ކަމަށާއި، އެހެން ނަމަވެސް ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން މިފަދަ ހާއްސާ އުސޫލެއް ކަނޑައަޅާއިރު އެއް ގިންތިއެއްގެ މީހުންނާއި މެދު ތަފާތު ކުރެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަންހެނުންނަށް ގޮނޑި ހާއްސަކޮށްފައިވާ ގޮތުން މަދުން ވޯޓު ލިބޭ މީހުން ކައުންސިލަށް ހޮވުމުގެ ފުރުސަތު އޮތްކަމަށް ދައުލަތުން ޖަވާބު ފޯމުގައި ގަބޫލު ކުރާކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ. އަދި އެއީ ގާނޫނު އަސާސީ އާއި ހިލާފު ނޫން ކަމެއްގެ ގޮތުގައި ބުނުމަށްފަހު، ރަށު ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އިންތިހާބު ކުރެވޭ ފަރާތަކީ ވެސް އެ ކައުންސިލްގެ އެހެން ގޮނޑިތަކަށް ކުރިމަތިލައިގެން ނުހޮވޭ ކެނޑިޑޭޓުންނަށް ވުރެ މަދުން ވޯޓު ލިބޭ ބަޔަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޑިމޮކްރަޓިކް އުސޫލުތަކާއި ބީރައްޓެހިކޮށް އަމަލުކޮށް، އެއީ ޑިމޮކްރެޓިކް އުސޫލެއްގެ ގޮތުގައި ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މޫސާ އަންވަރު ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް އަންހެނުނަށް ދާއިރާތަކެއްގެ ގޮނޑިތަކެއް ހާއްސަ ކުރުމުގެ ސަބަބުން ފިރިހެނުންގެ ހައްގުތައް ގެއްލި، ނިގުޅައިގަނެވިފައިވާ ކަމަށެވެ.

މޫސާ އަންވަރު ދެއްކެވި ވާހަކަތަކަށް ފަނޑިޔާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ގާނޫނު ގާނޫނު އަސާސީ އާއި ހިލާފުވަނީ ކޮން ގޮތަކުން އަދި ކިހިނެއްކަން ސާފުކޮށްދޭން އެދޭ ކަމަށެވެ. އިންތިހާބުގައި އަމަލު ކުރެވިދާނެ ގޮތްތައް، ނުވަތަ އަމަލު ކުރަންވީ ގޮތް މޫސާ އަންވަރު ތަފްސީލުކޮށް ދެއްވަމުން ގެންދަވާތީ ފަނޑިޔާރު ނިޔާޒު ވަނީ އެކަން ހުއްޓުވާ ބޭނުންވަނީ އިންތިހާބަށް މުސާ އަންވަރު ކުރާ އުންމީދުތައް ބުނެދިނުން ނޫން ކަމަށެވެ. މޫސާ އަންވަރު ހުށަހަޅާފައިވަނީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކީ އެއީ އެހެން ގާނޫނުތަކާއި ފުށުއަރާ އިސްލާހެއްކަމަށް ބުނެ، އެ ބާތިލުކޮށްދިނުމަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެން ކަމުން ސާފުކޮށްދޭންވީ އެ ހިލާފުވާ ސަބަބު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ދޮޅު ގަނޑިއިރަށް ދެމިގެން ދިޔަ މިއަދުގެ ޝަރީއަތް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތުން ވެސް މައްސަލައަށް ރަނގަޅަށް ޔައްޔާރުވުމަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ނިންމާލާނީ ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށްފަހު ކަމަށް ވިދާޅުވިއެވެ.

މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދައުލަތުގެ ފަރާތުން ދިވެހި ރާއްޖޭގެ އިދާރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވިފައި ހުރި ހުރިހާ އިސްލާހުތަކާއި އެކު ކޮންސިލޭޓެޑް އެކްޓެއް ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.

ކައުންސިލްތަކުގެ ގޮނޑިއާއި ބެހޭ މައްސަލަ ހުށަހެޅި މޫސާ އަންވަރު އަކީ މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާ، އެ މައްސަލަތައް ކާމިބާބުވެސް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން 2010 ވަނަ އަހަރުގައި ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ ވުޖޫދުވެގެން އައިއިރު ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދު ކެނޑިޑޭޓުންނަށް އިންތިހާބުގައި ވޯޓުލާނަމަ، އެ ވޯޓެއް ބާތިލުވާގޮތަށް ގާނޫނުގައި އޮތް އޮތުން ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ އޭނާ ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: