ވައްކަމުގެ މައްސަލައެއްގައި މީހަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ވައްކަމުގެ މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ވައިކަރަދޫ، ޕެރިމްރޯޒް، ޙުސައިން ޝާހް (36އ) ގެ މައްޗަށެވެ.
ދައުލަތުން ޙުސައިން ޝާޙްގެ މައްޗަށް ވައްކަން ކުރި ކުށުގެ ދައުވާ އުފުލާފައިވަނީ، 2020 މާރިޗު 17 ވަނަ ދުވަހުގެ 13:30 އެހައިކަންހާއިރު ހދ. ވައިކަރަދޫ ، ތޮނަގޭގައި ހުންނަ ވަޑާންގެއިން މަކިޓާ ބުރޭންޑްގެ ސަރކިއުލާރ ކީހަކާއި، މަކިޓާ ބްރޭންޑްގެ ޓްރިމަރެއްގެ އިތުރުން މަކިޓާ ބްރޭންޑްގެ ބުރުމާއެއް ވަގަަށް ނަގާފައިވާ މައްސަލައާއި ގުޅިގެންނެވެ.
މި ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ، މިމައްސަލައިގައި ދަޢުވާލިބޭ ޙުސައިން ޝާހް ، މި ދަޢުވާގެ އިބްތިދާޢީ މަޖިލީހުގަޔާއި އަވަސް ނިޔާގެ ޝަރީއަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއެްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށެވެ.
އެހެންކަމުން ޙުސައިން ޝާހްގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ވައްކަން ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއެްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާއި ބުނެވިދިޔަ ޤާނޫނުގެ 1104 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، އެޤާނޫނުގެ 1106 ވަނަ މާއްދާގެ ( ށ) އާ ޙަވާލާދީ، އެޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ)ގެ ދަށުން ހދ. ވައިކަރަދޫ، ޕެރިމްރޯޒް ޙުސައިން ޝާހް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ.