ދިއްގަރު ދައިރާގެ މެމްބަރު އިކްރާމު ހަސަން، ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ އަށް ހަމަލާދީ، މަރާމާރީ ހިންގައި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށް ބިރުދައްކަން މަސައްކަތް ކުރި މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުންނެވެ.
އެޔުނިއަނުން ބުނެފައިވަނީ، އެ މައްސަލަ ބަލައި މެންބަރަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީގުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ޔޫނިއައުން ބުނެފައި ވަނީ އިކްރާމް ދެ ފަހަރެއްގެ މަތިން އަތް އިސްކޮށް، އަނިޔާކުރާ ނަމަ ޖެހުމުގެ ހައްގު އޮންނާނެ ކަމާއި ތަކުރާރުކޮށް ޖަހާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އޭނާއަކީ މަޖިލީހުގެ މެމްބަރެއް ކަމާއި އެގޮތަށް އަނިޔާ ނުކުރެވޭނެ ކަމަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވެ އިކްރާމް ބިރު ދެއްކި ކަމަށް ބުންޏެވެ.
ރައްޔިތުން އިންތިހާބު ކުރާ އަދި ރައްޔިތުން ތަމްސީލު ކުރާ އިއްޒަތްތެރި މަގާމެއްގައި ހުންނަވައި، ރައްޔިތުންނަށް އާއްމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލާދީ އެކަން ދިފާއު ކުރަމުން ދިއުން ކުށްވެރި ކުރާ ކަމަށް އެ ޔޫނިއަނުން ބުނެއެވެ. އަދި މިކަމާމެދު އެ މުވައްޒަފު ތަމްސީލުކުރާ އެއްވެސް ވުޒާރާއަކުން މި އަމަލު ކުށްވެރިކޮށް، އެކަށީގެން ވާ ފިޔަވަޅު އަޅާފައިނު ވާ ކަމާމެދު ކަންބޮޑުވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިދިޔަ މާޗު ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރިން އަންނަނީ އާއިލާއާ ރަހުމަތްތެރިންނާ ދުރުގައި ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރަމުން ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން ބުންޏެވެ.
އަދި އެ ހިދުމަތުގައި ދެމި ތިބީ ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ބޮޑަށް ގައުމީ ރޫހުގައި ކޮވިޑްގެ ހާލަތުން ރައްޔިތުންނާއި މުޖުތަމައު ސަލާމަތް ކުރުމުގެ ރޫހުގައި ކަމަށް ވިއަސް މުޖުތަމައުގެ ތެރެއިން މަދުން ނަމަވެސް ފުރައްސާރައިގެ ބަސްތަކާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޔޫނިއައުން ބުންޏެވެ.
One Response
ވަގުތުން ހައްޔަރު ކޮށް މަގާމުން ވަކިކުރޭ.