ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދެއް އެކުލަވައިލައި އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ މަޝްރޫޢުތައް ގާއިމް ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުސޫލްތަކެއް ކަނޑައަޅައި އެކަމާއި ގުޅުންހުރި ގަވާއިދެއް އެކުލަވައިލައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އާންމުކޮށްފިއެވެ.

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު(ގެ 22 ވަނަ މާއްދާގެ()ށ) ގެ 13 ވަނަ ނަންބަރާއި، 29 ވަނަ މާއްދާގެ (އ) އާއި، 55 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

ގަވާއިދުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ހިންގާ މަސްވެރިކަމުގެ މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އެކަމުގެ މަންފާ އެންމެ އެދެވޭގޮތުގައި ކުރާނެ ގޮތަށް ފަރުމާކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރުމާއެކު، މަސްވެރިކަމުގެ މަޝްރޫޢުތަކަށް އިންވެސްޓްކޮށް، އެފަދަ މަޝްރޫޢުތައް ރާވައި ހިންގާ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. އަދި މަސްވެރިކަމުގެ މަޝްރޫޢު ޤާއިމް ކުރުމަށް މިނިސްޓްރީގެ ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ މަރުޙަލާތައް ކަނޑައަޅައި، ހަރުދަނާ އުސޫލުތަކެއްގެ ދަށުން އެ ކަންކަން ތަންފީޛު ކުރުމަކީ ވެސް މިފަދަ ގަވާއިދެއް އެކުލަވާލުމުގެ މަގުސަދެއް ކަމަށް ވަނީ ބުނެފައެވެ.

ގަވާއިދުގައި ދަށުން މިނިސްޓްރީން ނުވަތަ ކައުންސިލް އިދާރާތަކުން ހުއްދަ ދޭ މަޝްރޫޢުތަކަކީ މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ ގޭދޮށު މަސް ފެކްޓަރީތަކުގެ ތެރެއިން ދުވާލަކު 10 ޓަނަށްވުރެ ގިނަނޫން އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަންތަނަށް ހުއްދަދޭނީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މަޝްރޫޢެއް ޤާއިމްކުރާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއިން، އެ އިދާރާއަކުން ހަމަޖައްސައިފައިވާ އިންތިޒާމެއްގެ ދަށުންނެވެ.

ގަވާއިދުގެ  ދަށުން މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމަށް ހުއްދައަށް އެދި ހުށަހަޅާ މަޝްރޫޢުތަކުގެ ތެރެއިން ކަޅުބިލަ މަސް ގަނެ ޕްރޮސެސްކުރުމަށް ހިންގާ މަޝްރޫޢުތަކަށް ހުއްދަ ދޭނީ މިނިސްޓްރީން އާންމުކޮށްފައިވާ ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ، ޕްރޮސެސް ކުރުމަށް ހުއްދަ ދިނުމާ ގުޅޭ ސިޔާސަތުއާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ މަޝްރޫޢުތަކަށެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި  މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރަން ދޭ ހުއްދައިގެ ދަށުން ޤާއިމްކުރާ މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތަކީ ނުވަތަ ދޭ ޚިދުމަތަކީ މިނިސްޓްރީން ލައިސަންސް ނަގައިގެން ކުރިޔަށް ގެންދަންޖެހޭ ކަމެއް ނަމަ، މިނިސްޓްރީގެ ކަމާ ގުޅޭ ގަވާއިދުގެ ދަށުން ލައިސަންސް ނަގަންވާނެއެވެ. އަދި އެއިން ކަމަކަށް ސަރުކާރުގެ އެހެން އިދާރާއަކުން އިތުރު ހުއްދައެއް ހޯދަންޖެހޭނަމަ ، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އެ ހުއްދައެއް ހޯދުމަކީ މަޝްރޫޢު ޤާއިމް ކުރުމަށް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ގަވާއިދުގެ ދަށުން ރަށު ކައުންސިލް އިދާރާތަކުން ނުވަތަ ސިޓީ ކައުންސިލް އިދާރާތަކުން ހުއްދަ ލިބިގެން ޤާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ ގޭދޮށު މަސް ފެކްޓަރީތައް ޤާއިމްކޮށް ނިމި، މަހުގެ އުފެއްދުންތައް އުފައްދަން ފެށުމުގެ ކުރިން،  މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދުގެ ދަށުން މިނިސްޓްރީން މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސް ނަގަންވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން  ގަވާއިދުގެ ދަށުން މަޝްރޫޢު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށަންޖެހޭ ތާރީޚާއި، މަޝްރޫޢު ޤާއިމްކޮށް ނިންމުމަށް މުއްދަތެއް ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ. އަދި މަޝްރޫޢު ޤާއިމްކޮށް ނިންމުމަށް މުއްދަތު ކަނޑައެޅުމުގައި، މަޝްރޫޢުގެ ދަށުން ޤާއިމްކުރާ އިންފްރާސްޓްރަކްޗަރއާއި، ވަސީލަތްތައް ޤާއިމްކޮށް ނިންމައިލެވޭނެކަމަށް ލަފާކޮށްފައި ހުށަހަޅާ މުއްދަތަށް ރިޢާޔަތް ކުރަންވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މަޝްރޫޢު ޤާއިމްކުރުމަށް މިނިސްޓްރީން ދޭ ހުއްދައިގެ މުއްދަތުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށިއްޖެ ނަމަ، ނުވަތަ މަޝްރޫޢު ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ނުލެވިއްޖެ ނަމަ، މިނިސްޓްރީއަށް ހުށަހަޅައިގެން އެ މުއްދަތު އިތުރުކުރަންވާނެއެވެ. އަދި މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަ އިތުރުކުރުމަށް އެދޭ ހާލަތްތަކުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގޮސްފައިވާ ގޮތާއި މިންވަރު ވަޒަންކުރުމަށްފަހު، މަޤުބޫލު ސަބަބެއް ނެތި މަސައްކަތްކޮށް ނިންމައިފައި ނުވާނަމަ، ހުއްދައިގެ މުއްދަތު އިތުރުކޮށް ނުދިނުމުގެ އިޚްތިޔާރު، މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.. އަދި މިފަދަ ހާލަތްތަކުގައި ހުއްދައިގެ މުއްދަތު އިތުރުކުރާއިރު، ކުރިން ކަނޑައަޅައިފައިވާ ހުއްދައިގެ ޝަރުޠަކަށް ބަދަލެއް ގެނައުމުގެ ނުވަތަ އުނިއިތުރެއް ގެނައުމުގެ އިޚްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

ގަވާއިދުގެ ދަށުން ދޫކޮށްފައިވާ މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމުގެ ހުއްދަ ނުވަތަ އެ ހުއްދައެއްގެ ދަށުން ލިބޭ ޙައްޤެއް ނުވަތަ އިމްތިޔާޒެއް އެހެން ފަރާތަކަށް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ، ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހުއްދައެއް ބަދަލުކުރަންވާނީ، އެ ހުއްދައެއް ބަދަލުކުރުމަށް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމަށް މިނިސްޓްރީގެ ހުއްދަ ލިބުމު ންނެވެ.

މީގެއިތުރުން ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަސްވެރިކަމުގެ މަޝްރޫޢެއް މޮނިޓަރ ކުރުމަށް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ ފިޝަރީޒް ރޭންޖަރުން ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއްގެ މުވައްޒަފުން ނުވަތަ ލޯކަލް ކައުންސިލެއްގެ މުވައްޒަފުން ކުރިޔަށްގެންދާ އިންސްޕެކްޝަންތަކުގައި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މަޝްރޫޢު ޤާއިމްކުރާ ފަރާތުން ފުރިހަމައަށް އެއްބާރުލުންދީ މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: