ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންތަކެއް ބިދޭސީއެއް މަރާލުން: ލުތުފަރުގެ މައްސަލައިގައި ބިދޭސީންނާއި ދެކޮޅަށް ގިނަ ހެކިތަކެއް!

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަނޑު އަޑިން ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަން ފެށިތާ 15 ދުވަސް ފަހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅައިފިއެވެ.

ށ ޅައިމަގު ކުރިމަގު ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ގައެވެ. ލުތުފަރު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް، އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ ކަނޑުގެ އަޑީންނެވެ.

ލުތުފަރު މަރާލީ، އޭނައާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. އެ ވާހަކަތައް ބިދޭސީން ވަނީ ފުލުހުންނަށް ކިޔާ ދީފައެވެ. ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ލުތުފަރުގެ މަރާ ގުޅިގެން، އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރީ ބޯޓުގައި މަސައްކަތްކުރާ އަލަމިންނާއި ނޫރުލް އިސްލާމް އާއި އެމް.ޑީ އަހުތަރު ހުސެއިނާއި ހަނީފް ބްރަދާއެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން ބިދޭސީން ކުށަށް އިއުތިރާފްވުމަށް ފަހު އެކަމަށް ފަހުން އިންކާރު ކޮށްފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ތިން މީހުންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އެ ކުށަށް ކުރިން އެ މީހުން އިއުތިރާފްވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ސޮއި ކުރިޔަސް، ފަހުން އެ މީހުން ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފަ އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

ބިދޭސީ މީހާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އެމްޑީ އަހުތަރު ހުސެއިންގެ ވަކީލް މައްސަލައިން ތަނާޒުލްވެފައިވާތީ، ގާޒީ ވަނީ މައްސަލަ ކުރިޔަށް ގެންދަން ބޭނުންވަނީ ވަކީލަކާއި އެކު ތޯ އަހުތަރު އާއި ސުވާލުކޮށްފައެވެ. އަދި ތަރުޖަމާނެއްގެ އެހީގައި ސުވާލަށް ޖަވާބު ދެމުން އަހުތަރު ބުނެފައިވަނީ ކުރިޔަށް ދާން ބޭނުންވަނީ ވަކީލަކާއި އެކު ކަމަށާއި، އެ ފުރުސަތު ފޯނު މެދުވެރިކޮށް ކުރިޔަށް ގެންދަން ހުއްދަ ދޭން އެދޭ ކަމަށެވެ. އެއަށްފަހު ގާޒީ ވަނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަނޑު އަޑިން ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަން ފެށިތާ 15 ދުވަސް ފަހުން/ ފޮޓޯ: ފުލުހުން
މިއަދު ކުރިޔަށް ގެންދިޔައީ އަނެއް ދެ މީހުންގެ މައްސަލަކަމުން ދައުލަތުން، 14 ޝަފަވީ ހެއްކަކާއި، 07 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. އޭގެ އިތުރުން ޅައިގަމުގައި އުޅޭ ބައެއް ބިދޭސީން އެ މީހުންނާއި ދެކޮޅަށް ދީފައިވާ ބަޔާންތައް ހުށަހެޅިއެވެ. އަދި މި މައްސަލައިގެ ކްރައިމް ސީން މީގެ ކުރިން އެ ތިން ބިދޭސީން ވެސް ކުޅެދީފައިވާތީ، އެކަމާއި ގުޅޭގޮތުން ފުލުހުން ދިން ބަޔާން ވެސް ހުށަހެޅިއެވެ. އެއާއި އެކު ދައުލަތުން ވަނީ ބިދޭސީން ލުތުފަރު މަރާލިގޮތް ކިޔާދީ، އެ މަންޒަރުތައް ކުޅެދީފައިވާ ވީޑިއޯ ވެސް ހުށަހަޅާފައެވެ. މީގެ ތެރޭގައި އެ ބިދޭސީން ފުލުހުންނަށް ދިން ބަޔާނާއި، އެ މީހުންގެ ޑީއެންއޭ ރިޕޯޓު ވެސް ހިމެނެއެވެ.

ބިދޭސީން ވަނީ ލުތުފަރުގެ މަރުގެ މައްސަލައިގައި މީގެ ކުރިން ޝަރީއަތަށް ދިން ބަޔާން އިންކާރުކޮށްފައެވެ. ދިފާއުގައި ހެއްކެއް ހުށަނާޅާ އަލަމިން އާއި ނޫރުލް އިސްލާމްގެ ވަކީލް ބުނެފައިވަނީ އެ މީހުން ބަންދުގައި ތިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އާއިލާއަށް ދަތިތަކެއް ދިމާވަމުން ދާ ކަމަށް ބުނެފައެވެ. އެހެން ކަމުން މައްސަލަ ވީހާވެސް އަވަހަށް ނިންމާލުމަށް، ޝަރީއަތުގެ ތާވަލެެެއް ފޯރުކޮށްދިނުމަށް އޭނާ އެދުނެވެ. އެކަމަށް އެއްވަސްވެ، ގާޒީ ވިދާޅުވީ މައްސަލަ ކުރިޔަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް ވަކީލަށް ފޯރުކޮށްދޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލިއިރު، މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ.
ލުތުފަރު ކަނޑުފެއްތި ކަމަށް ބުނާ ސަރަހައްދު ފާސްކުރިއިރު ގާ އަޅައި ވާ އައްސާފައިވާ ބަސްތާތަކާއި ބަނދަރާ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުން 27 މީޓަރު އަޑިން ލުތުފަރުގެ ހަށިގަނޑުގެ ބައިތަށް ކަމަށް ބެލެވޭ، ހަށިގަނޑުގެ ބޮޑުބައެއް ފެނުނެވެ.
އެ މަރާއި ގުޅޭގޮތުން ފުލުހުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ލުފްތަރު ނޭފާ ހާސްކޮށްގެން މަރާލުމަށްފަހު، ހަށިގަނޑުގައި ބަރެއް ޖެހުމަށްފަހު ކަނޑަށް ތިރިކުރީއެވެ. އޭނާ މަރާލާފައި ވަނީ ބޯޓުގެ ވާތްފަރާތުން ދިރުނބާއާ ވީ ހިސާބުން ތައްޓު މަތީގައި ބޭއްވުމަށްފަހުއެވެ. އަދި ލުފްތަރު މަރާލުމުގައި ބައިވެރިވެފައިވަނީ އަލަމިންނާއި ނޫރުލް އިސްލާމް ސަރުކާރާއި އެމް.ޑީ އަހުތަރު ހުސެއިންކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ނޫސްވެރިންނަށް، ހަށިގަނޑުގެ ބައިތަކުގެ ފޮޓޯތަކެއް ވެސް ދެއްކިއެވެ. އޭގެ ތެރޭގައި ވަކިވަކިން ހުރި ކަށިތަކަކާއި ކަރުން ފެށިގެން މައިބަދަ އެއްްކޮށް އޮތް ކަށިގަނޑަކާއި ވަކިން އޮތް ބޮލުގެ ނާށިގަނޑު ހިމެނެއެވެ. ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް އެކަނި ހުރީ، އެ ކަށިތައް ފެނިފައި ވަނީ އޭނާ ކަނޑުފެއްތިތާ 15 ވަރަކަށް ދުވަސްވެފައިވެ، މަސްގަނޑު ވަކިވެފައިވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: